އީރާނުގެ މައި ސިޓީތަކަށް އެމެރިކާއާ ގުޅިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި، އީރާނުގެ ސްކޫލަކަށް އަމާޒުވި ހަމަލާގައި މަރުވި ކުދިންގެ އަދަދު 100 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް އީރާނުގެ ރެޑް ކްރެސެންޓުން ބުނެފި އެވެ.
އީރާނުގެ ދެކުނުގައި ހުންނަ މިނާބް ސްކޫލަށް އަމާޒުވި ހަމަލާގައި މިހާތަނަށް 108 ކުދިން މަރުވެފައިވާކަމަށް އެ ޖަމިއްޔާގެ އޮފިޝަލަކު މީޑިއާތަކަށް ވިދާޅުވި އެވެ.
ހަމަލާގައި ބިމާހަމަވެފައިވާ އެ ސްކޫލް އިމާރާތުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ހަމަލާ ދިން ވަގުތު އެ ސްކޫލްގައި ތިބި ކުދިންގެ އަދަދެއް ސާފެއް ނޫނެވެ.
މި ހަމަލާއާ ގުޅޭގޮތުން އިޒްރޭލުގެ އަސްކަރިއްޔާއިން އެއްޗެއް ބުނެފައިނުވާއިރު، އެމެރިކާގެ ދިފާއީ ވުޒާރާގެ އޮފިޝަލަކު ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ގޮތް ބަލަމުން އަންނަ ކަމަށް ނިއު ޔޯކް ޓައިމްސް ނޫހަށް ވިދާޅުވެފަ އެވެ.
މިއީ އީރާނުގެ އަދާވާތްތެރިން އީރާނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އިތުރުވި ރަހުމުކުޑަ ކަޅު ސަފްހާއެއްގެ ގޮތުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިޔާން ވަނީ ސިފަކުރައްވައިފަ އެވެ.
އިޒްރޭލާ ގުޅިގެން އެމެރިކާއިން ދަނީ އީރާނުގެ ވެރިރަށް ތެހެރާނުގެ އިތުރުން މައި ސިޓީތަކަށް ވައިގެ ހަމަލާތައް އަމާޒުކުރަމުންނެވެ.
އެ ހަމަލާތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މަރުވެ، 700 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އީރާނުގެ ރެޑް ކްރެސެންޓުން ވަނީ ބުނެފަ އެވެ.
އޭގެ ރައްދުގައި، އިރާނުން ވެސް މިހާރު ވަނީ އިޒްރޭލުގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމުކޮށްފައިހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ފަށައިފަ އެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކުގައި އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިރޭ ބުނީ ޚާމާނައީ އަވަހާރަވެފައިވާކަމުގެ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ. އަދި އަވަހާރަކޮށްލާފައިވާ ހާމަނާއީގެ ހަށިކޮޅުގެ ފޮޓޯތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫއަށް މިހާރު ލިބިފައިވާ ކަމަށް އިޒްރޭލްގެ މީޑިއާއަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ނަމަވެސް އީރާންގެ ސަރުކާރުން މިކަން އަދި ކަށަވަރުކޮށެއް ނުދެ އެވެ. އަދި އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާންއާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ ޚާމަނާއީ އާއި އީރާންގެ ރައީސް ވެސް ސަލާމަތުން އެބަތިއްބެވި ކަމަށެވެ.