އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކުގައި ތެޔޮ ކާރުހާނާތަކަކަށް ހަމަލާ ދިނުމުން އަނދަމުން ދާއިރު ދެން އެފަދަ ހަމަލާތައް ނުދޭނެ ކަމަށް އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވިދާޅުވެއްޖެ އެވެ.
ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ރައިޓް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ޕެޓްރޯލިއަމް އިންޑަސްޓްރީއަށް ބޮޑު ލޮޅުމެއް އަރައި ހަލުވިކަމާ އެކު އަގުތައް ބޮޑުވަމުން ދިޔަ ކަމުގައި ވިޔަސް އެއީ މާ ގިނަ ދުވަހެއްގެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ "އެންމެ ގޯސް ހާލަތު އޮންނާނީ ހަފްތާތަކެއް ވަންދެން" ކަމަށާއި އެކަމަސް "މަސްތަކެއް ހޭދައެއް ނުވާނެ" ކަމަށެވެ.
އީރާންގެ ވެރިތަށް ތެހެރާންގެ އެތެރެ އާއި ބޭރުގައި ހުރި ތެޔޮ ކާރުހާނާތަކަކަށް އިޒްރޭލުން ހަމަލާ ދިނުމުން އަދިވެސް އަދަމުން ދާއިރު ރައިޓް ވަނީ އެއީ ތެލުގެ އަގަށް އަސަރުކުރާ ފަދަ ކަމެއް ނޫން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ އެއީ އިޒްރޭލުން ދިން ހަމަލާތަކެއް ކަމަށާއި އެ ހަމަލާތައް ދީފައިވަނީ އީރާނުގައި އާންމުންނަށް ތެޔޮ ވިއްކާ ތަންތަނަށް ކަމަށެވެ.
"އެމެރިކާއިން އެނާޖީ އިންފްރާސްޓްރަކްޗާއަށް ދިން ހަމަލާއެއް ނޯންނާނެ. އީނާގެ ތެލުގެ އިންޑަސްޓްރީއަށް، ގުދުރަތީ ގޭހުގެ އިންޑަސްޓްރީއަށް އަދި އެނާޖީ އިންޑަސްޓްރީއަށް ހަމަލާ ދިނުމުގެ ޕްލޭނެއް ނެތް،" ރައިޓް ވިދާޅުވި އެވެ.
މިދިޔަ މަހުގެ 28 ގައި އީރާނަށް ހަމަލާދޭން ފެށުމާ އެކު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރޭގައި ވަނީ ސާފު ނުކުރާ ތެލުގެ 20 ޕަސެންޓް އަދި ލިކުއިފައިޑް ނެޗުރަލް ގޭހުގެ 20 ޕަސެންޓް ބޭރުކުރާ ހޮރްމޫޒް ކަނޑޯޅި ގާތްގަނޑަކަށް އެއްކޮށް ބަންދުކޮށްފަ އެވެ.
މި ކަންތައްތަކާ އެކު ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ތެލުގެ ބާޒާރުގައި އެމެރިކާގެ ބެންޗްމާކްގެ ގޮތުގައި ބަލާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ އަގު ހުކުރު ދުވަހު އެކަނި ވެސް 12 ޕަސެންޓް ވަނީ އުފުލިފަ އެވެ. އަދި ހަފްތާއެއް ތެރޭ 36 ޕަސެންޓް ވަނީ މައްޗަށް ގޮސްފަ އެވެ.
އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަނުން ބުނާ ގޮތުގައި ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ހަތަރު ޕަސެންޓް އީރާނުން އެކަނި ހިއްސާކުރެ އެވެ. އެ ގައުމުގެ ތެލަށް ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް، ޗައިނާ ފަދަ ބައެއް މާކެޓްތަކަށް މިހާރުވެސް ވިއްކަ އެވެ. -- އޭއެފްޕީ