ވަޒިފާ އަދާކުރާ އަންހެނުންނާއި އަންހެން ދަރިވަރުންނަށް މައްސަރު ކަންތަކާ ގުޅުވައި ޗުއްޓީ ދިނުން ގާނޫނުން ލާޒިމްކުރުމުން އަންހެނުންނަށް ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުވާނެ ކަމަށާއި، އޭރުން އަންހެނުންނަށް ވަޒީފާ ދޭނެ މީހަކު ނުވާ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފި އެވެ. 

ސުޕްރީމް ކޯޓުން މިހެން ބުނީ މުޅި ގައުމުގައި އަމަލުކުރަންޖެހޭ، ޕީރިއަޑް ލީވް ޕޮލިސީއެއް އެކުލަވާލުމަށް އެދި ގާނޫނީ ވަކީލު ޝައިލެންޑްދްރަ މަނީ ތުރިޕަތީ ހުށަހެޅުއްވި ޕެޓިޝަނެއްގެ އަޑުއެހުމުގައި ކަމަށް ގާނޫނީ ވެބްސައިޓެއް ކަމަށްވާ ލައިވްލޯ އިން ބުންޏެވެ. 

އުއްތަމަ ފަނޑިޔާރު ސޫރިޔާ ކާންތު ރިޔާސަތު ބެލެހެއްޓެވި ދެ ފަނޑިޔާރުންގެ ބެންޗުން ބުނީ މިގޮތަށް ޗުއްޓީ މަޖުބޫރު ކުރުމުގެ ސަބަބުން ޒުވާން އަންހެނުންނަށް އެ މީހުންނަކީ ފިރިހެނުންނާ އެއް ހަމައެއްގައި މަސައްކަތް ނުކުރެވޭ ބައެއް ކަމަށް ގަބޫލުކުރެވި އެ މީހުންގެ ކުރިއެރުމަށް ވާނީ ގެއްލުން ކަމަށެވެ. 

އަންހެނުންނާ މެދު ތަފާތުކުރުން ބޮޑު އިންޑިއާއި މައްސަރު ޗުއްޓީގެ މައްސަލާގައި ގިނަ ބަޔަކު ތާއީދުކޮށް ވާހަކަ ދައްކަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމެވި ގޮތަށެވެ. ނަމަވެސް އަނެއް ބަޔަކު ބުނަމުންދަނީ މައްސަރު ކަންތަކުގެ ވޭން އުފުލަންޖެހޭ މީހުންނަށް އެއް ދުވަސް ނުވަތަ ދެ ދުވަސް ޗުއްޓީއަށް ދިނުމުން އެ ވޭން ތަހަންމަލްކުރުމަށް އެހީތެރިވެދެވޭނެ ކަމަށެވެ. 

މިކަމަށް ތާއީދުކުރާ މީހުން ބުނަމުންދަނީ އަމިއްލަ ބައެއް ކުންފުނިތަކުން މިހާރުވެސް މިގޮތަށް ޗުއްޓީ ދެމުން އަންނަކަން ވެސް ފާހަގަކޮށްފަ އެވެ. 

ކޯޓަށް މައްސަލަ ހުށަހެޅުއްވި ޓްރިޕާތީ އައިއޭއެންއެސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ވަޒީފާ އަދާކުރާ އަންހެނުންނަށް މައްސަރު ކަންތަކާ ގުޅިގެން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ދެ ތިން ދުވަހުގެ ޗުއްޓީއެއް ލިބޭނެ ގޮތް ސުޕްރީމް ކޯޓު މެދުވެރިކޮށް ވާނެ ކަމަށް އުންމީދުކުރި ކަމަށެވެ.

ނަމަވެސް ކޯޓުން ބުނީ މިފަދަ ސިޔާސަތެއް ތަންފީޒުކުރަން މަޖުބޫރުކުރި ނަމަވެސް އަންހެނުންނަށް ފައިދާއެއް ނުކުރާނެ ކަމަށާއި، އޭގެ ބަދަލުގައި ސަބަބުން ޖިންސީ ގޮތުން ތަފާތުކުރުމުގެ ފިކުރުތައް ވަރުގަދަވެ، ވަޒީފާގެ ފުރުސަތުތަކަށް އަސަރުކުރާނެ ކަމަށެވެ. އަދި ހާއްސަކޮށް، އަމިއްލަ ކުންފުނިތަކުން މިގޮތަށް އަމަލުކުރަން ލާޒިމްކޮށްފި ނަމަ އަންހެނުންނަށް ވަޒީފާ ދޭން ފަސްޖެހޭނެ ކަމަށް ވެސް ބުންޏެވެ. 

މައްސަރު ޗުއްޓީ ގާނޫނުން ލާޒިމްކުރުމުގެ ބަދަލުގައި ސުޕްރީމް ކޯޓުން ބުނީ ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު މަޝްވަރާކޮށްގެން ސަރުކާރުން ޕޮލިސީއެއް ހެދިދާނެ ކަމަށެވެ. 

އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި މިހާރު ވެސް ޕީރިއަޑް ލީވް ލިބެ އެވެ. އޭގެ ތެރޭގައި، ބިހާރާއި އޮޑީޝާގައި ސަރުކާރުގެ އަންހެން މުވައްޒަފުންނަށް މަހަކު ދެ ދުވަސް ލިބެ އެވެ. މިދިޔަ އަހަރު ދެކުނުގެ ކަރްނާޓަކާ ސްޓޭޓުން ވަނީ މައްސަރުކަންތައް ދިމާވުމުން މަހަކު އެއް ދުވަހަކު ޗުއްޓީއެއް ދޭ ގޮތަށް ގާނޫނެއް ހަދައިފަ އެވެ. 

މީގެ އިތުރުން އިންޑިއާގެ އަމިއްލަ  ވަރަށް ގިނަ ކުންފުނިތަކުން ވެސް މިފަދަ އުސޫލުތައް ގެންގުޅެ އެވެ.