ރަމަޟާން މަހުގެ އެންމެ ބަރަކާތްތެރިވެގެންވާ ރައިލަތުލްގަދްރި ވިލޭރޭ ކަމަށް އެންމެ ބޮޑަށް ބެެލެވޭ 27 ވިލޭރޭގެ އަޅުކަމަށް މިރޭ ވެސް ކައުބަތުﷲ ގެފުޅަށް، އެތަނުގެ ފުލް ކެޕޭސިޓީއަށް މީހުން ޖަމާވެއްޖެ އެވެ.
ރަމަޟާން މަހުގެ ފަހު 10 ގެ ރޭތަކުގައި އާންމުކޮށް ހަރަމްފުޅު ސަރަހައްދަށް އެތަނުގެ ކެޕޭސިޓީއަށް ވުރެ އިތުރަށް މީހުން ޖަމާވެ އެވެ. ނަމަވެސް 27 ވިލޭރެއަކީ އަބަދުވެސް އާދަޔާ ހިލާފަށް މީހުން ގިނައިން ދާ ރެއެކެވެ.
ހަރަމްފުޅު ފުލް ކެޕޭސިޓީ ދެ މިލިއަނަށްވުރެ ގިނަ އެވެ. މި ޖާގަ ފުރުމާ ގުޅިގެން ސައޫދީގެ ކަމާބެހޭ މުވައްޒަފުން ވަނީ ހަރަމްފުޅުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ވެސް މީހުން މެނޭޖްކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފަ އެވެ.
ދެ ހަރަމްފުޅުގެ ޚަބަރުތައް ގެނެސްދޭ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އިންސައިޑް ދަ ހަރަމައިން" އިން ބުނެފައިވާ ގޮތުގައި މިރޭ އަޅުކަމަށް ޖަމާވި މީހުން ގިނަވުމުގެ ސަބަބުން ހަރަމްފުޅުގެ މަތާފް ސަރަހައްދުން ޖާގަ ދިނުމުގައި އިސްކަން ދިނީ އުމްރާވެރިންނަށެވެ. އޮފިޝަލުންނާ ހަވާލާދީ ބައެއް ޕްލެޓްފޯމްތަކުގައި ބުނެފައިވާ ގޮތުގައި މި ރޭ 900،000 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން ވެސް އަދާކުރި އެވެ.
ހަރަމްފުޅުގައި ވަނީ ޝައިހް އަބްދުއްރަހްމާން އައް ސުދައިސް އިމާމުވެ ނަމާދުކުރައްވައި ހާއްސަ ދުއާއެއް ވިދާޅުވެފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ހަރަމްފުޅަށް ޒިޔާރަތްކުރި މީހުންގެ އަދަދު 97 މިލިއަނާ ގާތްކުރެ އެވެ.
މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއަށް ވެސް ފަހު 10 ގައި އަދި ހާއްސަކޮށް 27 ވިލޭރޭ ގިނަ އަދަދަކަށް މީހުން ގޮސް އަޅުކަމުގައި ވަގުތު ހޭދަކުރެ އެވެ.
މިދިޔަ އަހަރު 27 ވިލޭރޭ ދެ ހަރަމްފުޅަށް އިޝާ ނަމާދާއި ތަރާވީހް ނަމާދަށް ތިން މިލިއަނަށް ވުރެ ގިނަ މީހުން ދިޔަ އެވެ.
ރަމަޟާން މަހުގެ 26 ވަނަ ދުވަހު ހެނދުނުން ފެށިގެން ހަރަމްފުޅަށް އާންމުކޮށް މީހުން ގިނަ އަދަދަކަށް ޖަމާވާން ފަށަ އެވެ. މިސްކިތުގެ ކޮރިޑޯތަކާއި ފަންގިފިލާތަކާއި ޓެރަސްތަކާއި ގޯތިތެރެތަކާއި ބޭސްމަންޓްތަކާއި ހަރަމްފުޅަށް އެންމެ ފަހުން އިތުރުކުރި ބައިތައް ވެސް އޮންނަނީ އިރު އޮއްސެންވާއިރު ފުރިފަ އެވެ.