ބުދަ ދުވަހު ފާހަގަކުރާ އަޟްހާ އީދު ދުވަހަކީ ސައޫދީ އަރަބިއްޔާގެ މައްކާއަށް ފަލަކީ ގޮތުން ހާއްސަ ދުވަހެވެ. އެ ދުވަހު 12:18 ގައި މައްކާއަށް މެންދުރު ވަގުތު ޖެހޭއިރު އިރު ހުންނާނީ 90 ޑިގްރީއަށް، ކައުބަތުﷲ ގެފުޅާ ސީދާ މެދުގަ އެވެ. 

ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި، ހާއްސަ މުނާސަބަތަކާ ދިމާވާ ދުވަހަކު މިގޮތަށް އިރު އޮލަނބުވެފައި ވަނީ މީގެ 33 އަހަރު ކުރިން، 1993 ވަނަ އަހަރު އެވެ. 

މި ހާއްސަ މިނެޓުގައި، އިރުގެ ދޯދިތައް ސީދާ ތެދަށް ކައުބާއަށް އެޅުމުގެ ސަބަބުން، އެއްވެސް ފަރާތަކަށް ހިޔަންޏެއް ނުހުންނާނެ އެވެ. އަދި މައްކާގައި އޮލަނބަށް ހުރި އެއްވެސް އެއްޗެއްގެ ހިޔަނި ފެންނާކަށް ނުހުންނާނެ އެވެ. ސައިންސްވެރިން މި ހާލަތަށް ކިޔަނީ "ޒީރޯ ޝެޑޯ" އެވެ.

ސޯޝަލް މީޑިއާގައި މި ދުވަސްވަރު ދައުރުވާ ބައެއް ޕޯސްޓްތަކުގައި ބުނާ ގޮތުން މިއީ 139 އަހަރަށް ފަހު އަންނަ ހާއްސަ ވަގުތެކެވެ. އެކަމަކު މިގޮތަށް ގެފުޅާއި އިރު އޮލަނބުވުމަކީ ކޮންމެ އަހަރަކު ދެ ފަހަރު ދިމާވާ ކަމެކެވެ. މީލާދީ ކަލަންޑަރުން ބަލާނަމަ  ކޮންމެ މޭ 27 އަދި ޖުލައި 15 ގައި މިގޮތަށް އިރު އޮލަނބުވެ އެވެ.

ނަމަވެސް، ހަނދުމަހަށް ބިނާވާ އިސްލާމީ ކަލަންޑަރާއި، އިރަށް ބިނާވާ ގްރެގޯރިއަން ކަލަންޑަރު ދައުރުވަމުން އައިސް، މި ދުވަސް އަޟްހާ އީދު ދުވަހާ ނުވަތަ ހައްޖުގެ މާތް ދުވަސްވަރާ މި ދިމާވަނީ ގާތްގަނޑަކަށް ކޮންމެ 33 އަހަރަކުން އެއްފަހަރު އެވެ.

މައްކާގައި މިގޮތަށް އިރު މެދުގައި ހުންނަ ވަގުތަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މީހަކަށް ވެސް އިރު ފެންނަ ނަމަ އެއްވެސް ޑިޖިޓަލް އާލާތަކާ ނުލައި، ކަށަވަރުކަމާ އެކު ގިބްލަ ބަލައިލެވޭނެ ވަގުތަކަށް ވެސް ވާނެ އެވެ. 

އެ ވަގުތު  ސީދާ އިރު ހުރި ދިމާއަށް ބެލުމުން އެ ބެލެވެނީ ކައުބާއާ ދިމާއަށެވެ. އެކަމަކު ހަމަލޮލުން އިރަށް ބެލުމުގެ ބަދަލުގައި އެންމެ ރައްކާތެރި ގޮތަކީ ސީދާ ތެދަށް ހުރި ދަނޑިއެއް ބިމުގައި ޖެހުމެވެ. އެ ދަނޑިން އުފެދޭ ހިޔަނި ދާ ދިމާގެ ސީދާ އިދިކޮޅު (އިރާ ދިމާލަށް) ހުންނާނީ ސީދާ ގެފުޅާ ދިމާލަށެވެ. ގިބްލައަށެވެ.