ލަންޑަންގައި ހިންގާ "އީރާން އިންޓަނޭޝަނަލް" ޓީވީ ޗެނަލަށް އެއްބާރުލުން ނުދިނުމަށާއި އެ މީހުންނަށް އެހީވުމަށް މީޑިއާ އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭ ކޮންމެ ބަޔަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާންގެ އަސްކަރިއްޔާއިން ދީފި އެވެ. 

"ޒަޔަނިސްޓް އިންޓަނޭޝަނަލް ނެޓްވޯކުން ދަނީ ސަރަހައްދީ ބައެއް ގައުމުތަކުގެ ސެޓެލައިޓް ކެޕޭސިޓީ އާއި މީޑިއާ އިންފްރާސްޓްރަކްޗާ ބޭނުންކޮށްގެން، އެމެރިކާ އާއި ޒަޔަނިސްޓުން ބޭނުންވާ ގޮތަށް ބިރުވެރިކަން އުފައްދައި ދޮގު ވާހަކަތައް ފަތުރަމުން،" އީރާން އަސްކަރިއްޔާގެ އޮޕަރޭޝަނަލް ކޮމާންޑް ޚަތަމް އަލް އަންބިޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ. 

"މި ނުބައި ޝައިތާނީ ނެޓްވޯކަށް އެހީވާ ކޮންމެ ބަޔަކު އީރާން ސިފައިންގެ ހަމަލާތަކުގެ އަމާޒަކަށް ވާނެ ކަމުގެ އިންޒާރު ދެން،" އީރާންގެ ދައުލަތުގެ ޓީވީގެ ވެބްސައިޓުން އާންމުކުރި ބަޔާނުގައިވެ އެވެ. 

ނަމަވެސް އެ ނެޓްވޯކަށް އެހީވާ އިންފްރާސްޓްރަކްޗާތައް ހުރީ ކޮން ގައުމުތަކެއްގައި ކަމެއް ބުނެފައެއް ނުވެ އެވެ. 

އީރާން އިންޓަނޭޝަނަލްއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި 2022 ވަނަ އަހަރުން ފެށިގެން އީރާނުން ކަނޑައަޅާފައި ވާއިރު އެ ނެޓްވޯކަށް އެއްބާރުލުން ދިނުމަކީ އަދަބު ލިބޭނެ ކަމެެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ.  އީރާނުން ބުނާ ގޮތުގައި އެއީ އިޒްރޭލުގެ ޒަޔަނިސްޓުންނަށް ތާއީދުކުރާ ނެޓްވޯކެކެވެ. 

އީރާނުން އާދީއްތަ ދުވަހު ވަނީ އެ ޗެނަލަށް ފޮޓޯ އާއި މައުލޫމާތު ފޮނުވުމުގެ ތުހުމަތުގައި 18 މީހަކު ހައްޔަރު ވެސް ކޮށްފަ އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދީ އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލައި އަދި އޭގެ ފަހުން ވެސް ހުއްޓުމެއް ނެތި ހަމަލާތައް ދެމުން ދާއިރު އީރާންގެ ރައްދު ހަމަލާތައް ގެންދަނީ ސަރަހައްދުގެ ގައުމުތަކާއި އިޒްރޭލަށް އަމާޒުކުރަމުންނެވެ.