ހަނގުރާމައިގެ ވަގުތުގައި އިސްލާމީ ގައުމުތަކުން އީރާން އެކަނިކޮށްފި ކަމަށާއި އެހީއަށް އެދި ގޮވާއިރު އިޖާބަ ދޭނެ ބަޔަކު ވެސް ނެތް ކަމަށް ބުނެ އެ ގައުމުން އިސްލާމީ ގައުމުތަކަށް ފާޑުކިޔައިފި އެވެ. 

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށާއި، އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކަށް މުހާތަބުކުރައްވައި އީރާންގެ ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ ނެރުއްވި ބަޔާނުގައި މިދިޔަ މަހުގެ 28 ގައި އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން ގައުމުތަކުން އަމަލުކުރަމުން އަންނަ ގޮތަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

އޭނާ ވިދާޅުވީ ވަރަށް މަދު ހާލަތެއްގައި ނޫނީ އީރާނާ އެކު އިސްލާމީ ގައުމުތަކުން ނުތިބޭ ކަމަށެވެ. އަދި އެއީ ވެސް ސިޔާސީ ބޭނުންތަކަށް ބާއްވާ ގުޅުމެއް ކަމަށް ވިދާޅުވި އެވެ. 

"މުސްލިމަކު އެހީއަށް އެދި ގޮވާއިރު އިޖާބަ ނުދޭ މީހަކު މުސްލިމެއް ނޫން" ކަމަށް އޮންނަ ކަމަށް ވިދާޅުވެ ލަރިޖާނީ ވަނީ "މިއީ ކޮންކަހަލަ މުސްލިމުންނެއްތޯ" ސުވާލުކުރައްވައިފަ އެވެ. 

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އިޝާރާތް ކުރައްވައި ލަރިޖާނީ ވިދާޅުވީ ބައެއް ސަރުކާރުތަކުން އީރާނަކީ ދުޝްމަނެއް ކަމަށް ސިފަ ކުރަމުން އަންނަ ކަމަށާއި އެއީ އެ ގައުމުތަކުގައި ހުންނަ އެމެރިކާގެ ބޭސްތަކާއި އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަށް ހަމަލާދޭތީ ކަމަށެވެ.

"އީރާނަށް ހަމަލާ ދިނުމަށް އެމެރިކާގެ ބޭސްތައް ބޭނުންކުރާއިރު ތިޔަ ދެކެނީ އީރާން މަޑުން އޮންނާނެ ކަމަށްތަ؟" ލަރިޖާނީ ސުވާލުކުރެއްވި އެވެ. "މިއީ ވަރަށް ބަލިކަށި ބަހަނާތަކެއް."

މިއީ ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އެ ގައުމުން އީރާނާ މެދު ގެންގުޅޭ ބަސްމަގު ބަދަލުކުރައްވައި އީރާނަކީ ދުޝްމަނެއް ކަމަށާއި ބޭނުންހާ ގޮތެއް ނުހެދޭނެ ކަމަށް ވިދާޅުވެ ދެއްވި އިންޒާރަށް ދިން ރައްދެއް ކަމަށް ބެލެވެ އެވެ. 

ލަރިޖާނީ ވިދާޅުވީ، މިއަދު ހަނގުރާމަ މި ހިނގަނީ އެއް ފަރާތުގައި އެމެރިކާ އާއި އިޒްރޭލް، އަނެއް ފަރާތުގައި "އިސްލާމީ އީރާން" އަދި ބައެއް ބައިވެރިން ތިބެގެން ކަމަށެވެ. 

"ތިޔަ ތިބީ ހަނގުރާމާގެ ކޮން ފަޅިއެއްގައިތޯ؟،" ލަރިޖާނީ އެއްސެވި އެވެ. 

ލަރިޖާނީ ވިދާޅުވީ ސަރަހައްދުގެ މުސްތަގުބަލު ބިނާވެފައި ވަނީ މުސްލިމް ގައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަމުގެ މައްޗަށް ކަމަށެވެ. 

"އެމެރިކާ އަކީ ތެދުވެރި ގައުމެއް ނޫންކަން އެބަ އެނގޭ. އަދި އިޒްރޭލަކީ ތިޔަ ގައުމުތަކުގެ ދުޝްމަނެއްކަން ވެސް އެބަ އެނގޭ،" ލަރިޖާނީ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އިސްލާމީ ގައުމުތަކުގެ މައްޗަށް ބާރު ހިންގަން އީރާނުން ނޫޅޭ ކަމަށާއި އީރާނުން އަބަދުވެސް އެދެނީ އިސްލާމީ އެހެން ގައުމުތަކަށް ހެޔޮ ގޮތް ކަމަށެވެ. އެހެންވެ މިހާރު ގައުމުތަކުން ތިބި ގޮތާ މެދު އަލުން ވިސްނާލުމަށް އޭނާ އެދިވަޑައިގަތެވެ. 

އޭނާ ވަނީ އެމެރިކާ އާއި އިޒްރޭލަށް ނިސްބަތްކުރައްވައި "ބޮޑު އިބިލީހާއި ކުޑަ އިބިލީހާ ދެކޮޅަށް މަސައްކަތްކުރުމުގައި އީރާން ދެމި އޮންނާނެ" ކަމަށް ވިދާޅުވެފަ އެވެ.