ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ހަތިޔާރާ އެކު ސްރީ ލަންކާގެ މަސްބޯޓެއް މިދިޔަ ހަފްތާގައި އަތުލައިގެންފައި ވަނިކޮށް މި ހަފްތާގައި ވެސް އިތުރު ދެ ބޯޓެއް 393 ކިލޯގެ ޑްރަގާ އެކު އަތުލައިގެންފި އެވެ. 

ސްރީ ލަންކާގެ ފުލުހުން ބުނީ ކަނޑުގެ ސިފައިން ހިނގި އޮޕަރޭޝަނެއްގައި އެއް ބޯޓު އަތުލައިގަތީ ލަންކާގެ ބެރުުވަލާގެ އައްސޭރިފަށުން ކަމަށާއި އެއީ ނިގަންބޯ މީހެއްގެ އޯޑަރަށް ދިޔަ މަސްބޯޓެއް ކަމަށެވެ. 

މި މައްސަލަ މިހާރު ޕޮލިސް ނާކޮޓިކްސް ބިއުރޯއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ނޭވީގެ ތަރުޖަމާނު ކޮމާންޑަރު ބުއްދިކަ ސަމްޕަތު ވިދާޅުވި ގޮތުގައި، މި މަހުގެ 13 ވަނަ ދުވަހު ގޯލް އިން ފުރި މި ބޯޓު އިއްޔެ ވަނީ ދިކޮވިޓާ ބަނދަރަށް ގެނެސްފަ އެވެ. މި މައްސަލާގައި ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މި ބޯޓުން ފެނުނު ޝައްކުކުރެވޭ 10 ޕެކެޓްގައި ގާތްގަނޑަކަށް 260 ކިލޯގެ ކޮކެއިން ހުރި ކަމަށް ނޭވީން ބުންޏެވެ.

މީގެ އިތުރުން، ދޮންޑްރާގެ ދެކުނުން ބޭރު ކަނޑުގެ ސަރަހައްދުގައި ހިންގި ވަކި އޮޕަރޭޝަނެއްގައި، އެހެން މަސްބޯޓެއް ހުއްޓުވައި ދިކޮވިޓާ ބަނދަރަށް ގެންގޮސް ބެލި އިރު 133 ކިލޯގެ ހެރޮއިން ވަނީ ފެނިފަ އެވެ.

މ މަހުގެ 15 ވަނަ ދުވަހު އަތުލައިގަތް މި ބޯޓުގައި ތިބި ފަސް މީހުންވެސް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ނޭވީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މިދިޔަ ހަފްތާގައި އަތުލައިގަތް މަސްބޯޓުގައި  ތުހުމަތުކުރެވޭ މަސްބޯޓެއް އަތުލައިގަނެ ފާސްކުރި އިރު 654 ކިލޯ ގްރާމްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ހަތިޔާރު ފެނިފައިވެ އެވެ. އެ ބޯޓުގައި  މަސްތުވާތަކެތީގެ އިތުރުން އަށް ފިސްތޯލަ އާއި އޭގެ ދެ މެގަޒިން އާއި ޓީ56 ގެ ދެ އެސޯލްޓް ރައިފަލް އާއި އެމް16 އެއް ވެސް ފެނިފައިވެ އެވެ. މިއީ ލަންކާ ސިފައިންނަށް ކަނޑުމަތިން މިހާތަނަށް ހަތިޔާރު އެންމެ ގިނައިން އަތުލައިގަނެވުނު ފަހަރު ކަމަށް ވެސް ބުންޏެވެ.