އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެއްދެވުމުގެ ގޮތުން، އެމެރިކާގެ ނޭޝަނަލް ކައުންޓަ-ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖޯސެފް ކެންޓް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މިއީ އީރާނު ހަނގުރާމައާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލަކު އިސްތިއުފާ ދެއްވި ފުރަތަމަ ފަހަރެވެ.
ޓްރަމްޕަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި، އެމެރިކާގެ ކުރީގެ ސްޕެޝަލް ފޯސަސް "ގްރީން ބެރޭ" އެއްގެ ގޮތުގައި ގިނަ ހަނގުރާމަތަކެއްގައި ބައިވެރިވެފައިވާ ކެންޓް ވިދާޅުވީ، އީރާނުގެ ފަރާތުން އެމެރިކާއަށް ކުރިމަތިވެފައިވާ ކުއްލި ނުރައްކަލެއް ނެތް ކަމަށެވެ. އަދި މި ހަނގުރާމައަކީ އިޒްރޭލާއި އެމެރިކާގައި އޮންނަ އިޒްރޭލުގެ ނުފޫޒުގަދަ ލޮބީ ގްރޫޕްތަކުގެ ފިއްތުންތަކާ ހެދި ފެށި ހަނގުރާމައެއްކަން ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ޟަމީރު ގަބޫލެއް ނުކުރޭ އީރާނުގައި ކުރަމުންދާ މި ހަނގުރާމައަށް ތާއީދު ކުރާކަށް،" ކެންޓްގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.
ކެންޓް ވިދާޅުވީ ޖޫން 2025 އާ ހަމައަށް ވެސް، މެދުއިރުމަތީގެ ހަނގުރާމަތަކަކީ އެމެރިކާގެ އެތައް ފުރާނައެއް ގެއްލި، ގައުމުގެ މުއްސަނދިކަން ނެތިގެންދާ "މަޅިއެއް" ކަމަށް ޓްރަމްޕް ގަބޫލުކުރެއްވި ކަމަށެވެ. ނަމަވެސް އިޒްރޭލުގެ އިސް އޮފިޝަލުންނާއި އެމެރިކާގެ މީޑިއާތަކުން ފެތުރި ދޮގު މައުލޫމާތުތަކެއްގެ ސަބަބުން، ޓްރަމްޕްގެ "އެމެރިކާ ފަސްޓް" ސިޔާސަތު މުޅިން ބަދަލުކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"މިއީ އިރާގު ހަނގުރާމައަށް އެމެރިކާ ވެއްދުމަށް ވެސް އިޒްރޭލުން ބޭނުންކުރި އުކުޅުތައް. އެކަމުގެ ސަބަބުން އެމެރިކާގެ އެތައް ހާސް ދަރިންނެއްގެ ފުރާނަ ގެއްލިގެންދިޔަ،" ކެންޓް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމެރިކާގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް، އަދި އެމެރިކާ މީހުންގެ ފުރާނަ ދުއްވާލުން ހައްގުނުވާ ހަނގުރާމައަކަށް، އާ ޖީލުގެ ޒުވާނުން ފޮނުވުމަށް އޭނާއަށް ތާއީދު ނުކުރެވޭނެ ކަމަށެވެ. -- އޭއެފްޕީ