އިޒްރޭލުގެ ވިޔަފާރީގެ މަރުކަޒު ތެލް އަވީވަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި ދެ މީހަކު މަރުވެ، އީރާންގެ ހަމަލާތަކުގައި މަރުވި އިޒްރޭލު މީހުންގެ އަދަދު 14 އަށް އަރައިފި އެވެ.
އީރާނާއި ލުބުނާނަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައި، ރޭ ދިން މި ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދުގައި ނުރައްކަލުގެ ސައިރަން އަޅާފައިވާ އިރު، އިޒްރޭލުގެ މެދުތެރޭގެ އެކި ސަރަހައްދުތަކަށް މިސައިލްތައް އަމާޒުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
ފުލުހުންގެ ތަރުޖަމާނު ޑީން އެލްސްޑަން ބުނި ގޮތުގައި، މިހާތަނަށް އެނގިފައިވާ ގޮތުގައި ތެލް އަވީވްގެ ބޭރުގައި އޮންނަ ރާމަތު ގަންގެ މީހުން ދިރިއުޅޭ އިމާރާތަކަށް ވަނީ "ކްލަސްޓަ ބޮމެއް" އަރާފަ އެވެ. ކްލަސްޓަ މިއުނިޝަން އަކީ ވައިގެ ތެރޭގައި ގޮވައި، ބޮޑު ސަރަހައްދަކަށް ކުދި ބޮންތަކެއް ބުރައިގެންދާ ގޮތަށް ފަރުމާކޮށްފައިވާ ހަތިޔާރެކެވެ. މީގެ ކުރިން އީރާނާއި އިޒްރޭލުން ވެސް ވަނީ އެއް ބަޔަކު އަނެއް ގައުމަކަށް މިފަދަ ހަތިޔާރު ބޭނުންކުރާ ކަމުގެ ތުހުމަތުކޮށްފަ އެވެ.
"މި ހަމަލާގައި ދުވަސްވީ ދެމަފިރިއަކު ތިބި ކޮޓަރީގެ ފުރާޅު ވަނީ އެ މީހުންގެ ބޯމައްޗަށް ވެއްޓިފައި. ހިތާމަޔަކީ، ނުރައްކަލުގެ ސައިރަން އެޅުމުން ވެސް އެ މީހުން ސޭފް ރޫމަށް ވަދެފައި ނުވާތީ މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ،" އެލްސްޑަން ބުންޏެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ އުމަރު ނަމަކަށް ކިޔާ މީހަކު ކިޔައިދިން ގޮތުގައި، ގާތްގާތުގައި ވަރުގަދަ ގޮވުންތަކެއްގެ އަޑު އިވުނެވެ. އަދި އެއީ ހަމައެކަނި އެއް ގޮވުން ނޫން ކަމަށާއި، އެއީ ވައިގެ ތެރޭގައި ބައިބައިވެގެންދާ މިސައިލެއް ކަމަށް އޭނާ ބުންޏެވެ.
އިޒްރޭލުގެ "މާގެން ޑޭވިޑް އަޑޯމް" އެމަޖެންސީ މެޑިކަލް ސާވިސްއިން ބުނި ގޮތުގައި، ހާދިސާ ހިނގި ތަނުން ދެ މީހަކު މަރުވެފައި އޮއްވައި ވަނީ ފެނިފަ އެވެ. މެޑިކަލް ޓީމުން ބުނީ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާ އިރު، އެތަނުން ދުން އަރަމުންދާ ތަން ފެނުނު ކަމަށެވެ. މީގެ އިތުރުން، ބުރައިގެން ދިޔަ މިސައިލެއްގެ އެތިކޮޅަކުން ޖެހި އެހެން މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް މެޑިކަލް ޓީމުތަކުން ބުންޏެވެ.