ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާ/ޔޫކޭގެ އަސްކަރީ މަރުކަޒު ޑިއޭގޯ ގާސިއާ (ފޯޅަވަހި) އަށް އަމާޒުކޮށް އީރާނުން ދެ މިސައިލް ފޮނުވާލިކަން އީރާނުން ކަށަވަރުކޮށްދީފި އެވެ.
އީރާނަށް ދެމުން ގެންދާ ހަމަލާތަކުގެ ރައްދުގައި އެ ގައުމުން އިޒްރޭލާއި އެމެރިކާގެ މަރުކަޒުތަކަށް ދޭ ރައްދު ހަމަލާތަކުގައި ފޯޅަވައްސަށް އަމާޒުކޮށް ދެ މިސައިލް ފޮނުވާލާފައިވާ ކަމަށް ފުރަތަމަ ރިޕޯޓްކުރީ ވޯލް ސްޓްރީޓް ޖާނަލް އިންނެވެ.
އީރާންގެ މިސައިލްތަކުގެ ރާސްތާގެ ގޮތުގައި ކަނޑައަޅާފައިވާނީ 2،000 ކިލޯމީޓަރު ކަމަށް މިދިޔަ މަހު އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ވިދާޅުވެފައި ވިޔަސް ފޯޅަވައްސަކީ އީރާނާ 4،000 ކިލޯމީޓަރު ދުރެވެ.
އީރާންގެ މެހްރް ނިއުސް އެޖެންސީން ބުނީ ދުޝްމަނުން ހީކުރާ ވަރަށްވުރެ މާ ދުރަށް އީރާންގެ މިސައިލްތައް ފޯރާނެކަން، ފޯޅަވައްސަށް އަމާޒުކުރި ހަމަލާއިން އަންގައިދޭ ކަމަށެވެ. އޮފިޝަލުންނާ ހަވާލާދީ އެ ނިއުސް އެޖެންސީން ބުނީ މިއީ އީރާނުން އެޅި މުހިންމު ފިޔަވަޅެއް ކަމަށާއި ހުޅަނގު އޭޝިއާގެ ބޭރުގައިވާ އެމެރިކާގެ ތަންތަނަށާއި އެމެރިކާގެ ބައިވެރިންނަށް ވެސް ނުރައްކާ އޮންނާނެ ކަމަށެވެ.
އީރާނާ ދެކޮޅަށް މިދިޔަ މަހުގެ 28 ގައި ފެށި ހަމަލާތައް މަޑުޖައްސާލުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެފައި ވާތީ އޮފިޝަލުންނާ ހަވާލާދީ މެހްރް ނިއުސް އެޖެންސީން ބުނީ އެއީ ގަބޫލުކުރާ ވާހަކައެއް ނޫން ކަމަށެވެ.
"ޓްރަމްޕުގެ ބަޔާންތަކާއި ލަފާކުރުންތައް އީރާނުން ގަބޫލެއް ނުކުރަން. އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް މި ސަރަހައްދުގައި އެއްވެސް ބަދަލެއް ނާދޭ،" އޮފިޝަލަކާ ހަވާލާދީ ބުނެފައިވެ އެވެ.
އެ އޮފިޝަލް ވިދާޅުވެފައިވަނީ އަސްކަރީ ހަރަކާތްތައް މަދުކުރުމުގެ ވާހަކަ ޓްރަމްޕު ދައްކަވަނީ ހޮރްމޫޒް ކަނޑޯޅި ބަންދުކުރުމުން އޮތް ނުތަނަސްކަން ކުޑަކުރުމަށް ކަމަށާއި ޓްރަމްޕު ދައްކަވާ ވާހަކައާ ހިނގަމުންދާ ކަންކަމާ ދިމާނުވާ ކަމަށެވެ.
"އީރާނުން ނިންމާފައި ވާނީ ޓްރަމްޕަށް ތާރީހީ ފިލާވަޅެއް ނަގައިދޭން. އާދައިގެ ފިލާވަޅެއް ނޫން. ވަގުތީ ރައްދެއް ވެސް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުން އީރާނުގެ ނަތަންޒްގައި ހުންނަ، ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒަށް އިޒްރޭލާއި އެމެރިކާއިން ހަމަލާދީފައިވާ ކަމަށް ތަސްނީމް ނިއުސް އެޖެންސީން މިއަދު ރިޕޯޓްކޮށްފައިވެ އެވެ. ރިޕޯޓްތައް ބުނާގޮތުން ހަމަލާ އަމާޒުވެފައިވަނީ އެ މަރުކަޒުގެ އަހުމަދީ ރޯޝަން ކޮމްޕްލެކްސް އަށެވެ. ތަސްނީމް އިން ބުނި ގޮތުގައި އެ ސަރަހައްދުން ނުރައްކާތެރި މާއްދާއެއް ލީކުވުމުގެ އެއްވެސް ބިރެއް ނެތެވެ.
އީރާނުން ފޯޅަވައްސަށް ފޮނުވާލީ އިންޓަމީޑިއޭޓް-ރޭންޖް ދެ މިސައިލް ކަމަށާއި އެތަނުން އެއް މިސައިލަށް ވައިގެ ތެރޭ މައްސަލައެއް ދިމާވެ ވެއްޓުނު އިރު އަނެއް މިސައިލް އިންޓަސެޕްޓުކޮށް ވައްޓާލަން އެމެރިކާގެ މަނަވަރަކުން އެސްއެމް-3 މިސައިލް ފޮނުވި ކަމަށް ވޯލް ސްޓްރީުން ރިޕޯޓްގައިވެ އެވެ. ނަމަވެސް އެ މިސައިލް އިންޓަސެޕްޓު ކުރެވުނު ކަމެއް ނުވަތަ ނޫން ކަމެއް ބުނެފައެއް ނުވެ އެވެ. އަދި މިކަން ހިނގީ ކޮން ދުވަހަކު ކަމެއް ވެސް ބުނެފައެއް ނުވެ އެވެ.