އީރާނަށް ދެމުން ގެންދާ ހަމަލާތަކުގެ ރައްދުގައި އެ ގައުމުން އިޒްރޭލާއި އެމެރިކާގެ މަރުކަޒުތަކަށް ދޭ ރައްދު ހަމަލާތަކުގައި ފޯޅަވަހީގައި ހިންގާ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް ދެ މިސައިލް ފޮނުވާލާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފި އެވެ. 

އީރާނުން ފޮނުވާލީ އިންޓަމީޑިއޭޓް-ރޭންޖް ދެ މިސައިލް ކަމަށާއި އެތަނުން އެއް މިސައިލަށް ވައިގެ ތެރޭ މައްސަލައެއް ދިމާވެ ވެއްޓުނު އިރު އަނެއް މިސައިލް އިންޓަސެޕްޓުކޮށް ވައްޓާލަން އެމެރިކާގެ މަނަވަރަކުން އެސްއެމް-3 މިސައިލް ފޮނުވި ކަމަށް އެ ނޫހުން ބުނެފައިވެ އެވެ. ނަމަވެސް އެ މިސައިލް އިންޓަސެޕްޓު ކުރެވުނު ކަމެއް ނުވަތަ ނޫން ކަމެއް ބުނެފައެއް ނުވެ އެވެ. އަދި މިކަން ހިނގީ ކޮން ދުވަހަކު ކަމެއް ވެސް ބުނެފައެއް ނުވެ އެވެ. 

މި ހަމަލާއާ ގުޅޭ ގޮތުން އީރާނުން ވެސް އަދި އެމެރިކާއިން ވެސް އަދި ވާހަކައެއް ނުދައްކަ އެވެ. 

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އިނގިރޭސި ވިލާތުން ވަނީ ހަމަލާތަކުގައި ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ. އެކަމަކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވިދާޅުވެފައިވަނީ އިނގިރޭސި ވިލާތުން އެ ހުއްދަ ދިނީ މާބޮޑަށް ލަސްވި ފަހުން ކަމަށެވެ. މި ހަނގުރާމައިގެ ތެރެއަށް ނުވަދެ ވޭތޯ ބަލަމުންދާ އިނގިރޭސި ވިލާތުން ބުނެފައިވަނީ ފޯޅަވަހި ބޭނުންކުރެވޭނީ އީރާންގެ މިސައިލް ޑިފެންސަށް ހަމަލާދޭން، ދިފާއީ ބޭނުމަށް އެކަނި ކަމަށެވެ. 

އީރާނުން ދޭން މަސައްކަތްކުރި މި ހަމަލާއާ އެކު އެ ގައުމުގެ މިސައިލްތަކުގެ ގާބިލްކަން އިތުރަށް ހާމަވާ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އެއީ އިންޑިއާ ކަނޑުގައި އޮންނަ ޑިއެގޯ ގާސިއާ (ފޯޅަވަހި) އަކީ އީރާނާ 4،000 ކިލޯމީޓަރު ހުންނަ ތަނަކަށް ވުމެވެ. އެކަމަކު މިދިޔަ މަހު އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ވިދާޅުވެފައިވަނީ އެ ގައުމުގެ މިސައިލްތަކުގެ ރާސްތާގެ ގޮތުގައި ކަނޑައަޅާފައިވާނީ 2،000 ކިލޯމީޓަރު ކަމަށް ވިދާޅުވެފަ އެވެ. ފޯޅަވައްސަކީ އޭނާ ވިދާޅުވި ވަރަށް ވުރެ ދެ ގުނަ ދުރު ރާސްތާއެކެވެ. 

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއެގޯ ގާސިއާ އަކީ 1970ގެ އަހަރުތަކުން ފެށިގެން ހިންގަމުން އަންނަ އަސްކަރީ މަރުކަޒެކެވެ. އެއީ ބޮންއަޅާ ދިގު ރާސްތާ މަތިންދާބޯޓުތަކާއި ސްޓްރެޓީޖިކް އަސްކަރީ އެތައް ސާމާނެއް ގެންގުޅޭ ތަނެކެވެ. 

މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 1،300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އީރާނުން ވަނީ އިޒްރޭލްގެ އިތުރުން އެމެރިކާގެ އަސްކަރީ ތަންތަނަށް ހުންނަ އުރުދުން، އިރާގު، ގަތަރު، ސައޫދީ، ކުވައިތު ފަދަ ގަލްފުގެ އެތައް ގައުމަކަށް ރައްދުގައި ހަމަލާ ދީފަ އެވެ.