އީރާނުން އިޒްރޭލަށް ރޭ ފޮނުވާލި މިސައިލް ހަމަލާތަކެއް ހުއްޓުވުމުގައި ވައިގެ ދިފާއީ ނިޒާމު ފެއިލްވެ ދެކުނުގެ ދެ އަވަށަކުން 100 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

ސީދާ އަމާޒަށް މި ދެ ހަމަލާ އަރާފައިވަނީ މީހުން ދިރިއުޅޭ އިމާރާތްތަކެއްގެ ތެރެއަށެވެ. އިޒްރޭލުގެ ކުއްލި އެހީއާ ބެހޭ އިދާރާ، މެގެން ޑޭވިޑް އަޑޮމް (އެމްޑީއޭ)ގެ އިން ބުނި ގޮތުގައި މި ހަމަލާތަކުގައި އަރާދު އަވަށުން 84 މީހަކު ޒަޚަމްވިއިރު، އޭގެ ތެރެއިން 10 މީހެއްގެ ހާލު ސީރިއަސް އެވެ. މީގެ އިތުރުން ދީމޫނާ އަވަށުން 33 މީހަކު ވަނީ ޒަހަމްވެފަ އެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ބުނި ގޮތުގައި، ނިއުކްލިއާ މަރުކަޒެއް ހުންނަ ދީމޫނާއަށް ހަމަލާދިނީ އީރާނުގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުންނެވެ.

އޭއެފްޕީގެ ފުޓޭޖްތަކުން ފެންނަ ގޮތުގައި، އަރާދުގައި އެހީގެ ޓީމުތަކުން ދަނީ ހަމަލާގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ބައިތަކުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ފަޔަ ފައިޓަރުން ބުނި ގޮތުގައި، ދީމޫނާ އާއި އަރާދަށް ވެސް އަރާފައިވަީ އެތައް ސަތޭކަ ކިލޯގެ ވޯހެޑް ހިމެނޭ ބެލިސްޓިކް މިސައިލެވެ. މި ދެ މިސައިލް ހުއްޓުވުމުގައި ވެސް އިޒްރޭލުގެ އެއާ ޑިފެންސް ސިސްޓަމް ފެއިލްވި ކަމަށް ވަނީ އިޒްރޭލުން އެއްބަސްވެފަ އެވެ.

އީރާންގެ ހަމަލާއެއް އަމާޒުވި އަރާދު އަވަށުގެ އިމާރާތެއް އެއްކޮށް ހަލާކުވެފައި. -- ފޮޓޯ: އޭއެފްޕީ
އީރާންގެ ހަމަލާއެއް އަމާޒުވި އަރާދު އަވަށުގެ އިމާރާތެއް އެއްކޮށް ހަލާކުވެފައި. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އެއާ ޑިފެންސް ނިޒާމު މަސައްކަތްކުރި ނަމަވެސް މިސައިލްތައް ހުއްޓުވިފައި ނުވާތީ، އެކަން ތަހުގީގު ކުރާނެ ކަމަށެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި މިއަދު ވަނީ ސްކޫލްތައް ވެސް ބަންދުކޮށް ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން އަންގައިފަ އެވެ.

ދީމޫނާއިން ޒަހަމްވި މީހުންގެ ތެރޭގައި 10 އަހަރުގެ ފިރިހެން ކުއްޖަކު ހިމެނޭއިރު، އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ދީމޫނާއަކީ އިޒްރޭލުގެ ނިއުކްލިއާ ހަތިޔާރު ރައްކާކޮށްފައި ހުންނަ ކަމަށް ބެލެވޭ މަރުކަޒު ހުންނަ އަވަށެވެ.

އީރާނުން ހަމަލާއެއް އަމާޒުވި އިޒްރޭލުގެ އަރާދު އަވަށުގައި، މިސައިލް ގޮވި ތަނުގައި ބޮޑު ވަޅުގަނޑެއް ހެދިފައިވާއިރު އިމާރާތްތައް އެއްކޮށް ހަލާކުވެފައި. -- ފޮޓޯ: އޭއެފްޕީ
އީރާނުން ހަމަލާއެއް އަމާޒުވި އިޒްރޭލުގެ އަރާދު އަވަށުގައި، މިސައިލް ގޮވި ތަނުގައި ބޮޑު ވަޅުގަނޑެއް ހެދިފައިވާއިރު އިމާރާތްތައް އެއްކޮށް ހަލާކުވެފައި. -- ފޮޓޯ: އޭއެފްޕީ

ހަމަލާތައް އަމާވި އަވަށްތަކުގެ ބައެއް އިމާރާތްތައް ފުނޑުފުނޑު ވެފައި ވާއިރު ބައެއް ތަންތަނުގައ އަލިފާން ރޯވެ އިތުރަށް ގެއްލުންވި އެވެ. މި ހާދިސާތަކާ އެކު އެ ސަރަހައްދުތަކުގައި ބޮޑު ހާސްކަމެއް ވަނީ އުފެދިފަ އެވެ. 

މިދިޔަ މަހުގެ 28 އިން ފެށިގެން އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދަނީ ކޮންމެ ދުވަހަކު އިޒްރޭލަށް މިސައިލް ހަމަލާތައް ފޮނުވަމުންނެވެ. ރޭގެ ހަމަލާތަކަށް ފަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިއީ "އިޒްރޭލަށް ވަރަށް ދަތި ރެއެއް" ކަމަށް ބުނެފަ އެވެ. އަދި އީރާނަށް ދޭ ހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.