އީރާންގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާ ނުދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވިޔަސް އިޒްރޭލާއި އެމެރިކާއިން އީރާނުގެ ގޭސް ދެ ފެސިލިޓީއަކަށާއި ޕައިޕްލައިނަކަށް ހަމަލާ ދީފި ކަމަށް އީރާންގެ މީޑިއާތަކުން ބުނެފި އެވެ.

"ޒަޔަނިސްޓުންނާއި އެމެރިކާގެ ދުޝްމަނުން ކުރިއަށްގެންދާ ހަމަލާތަކުގެ ތެރެއިން، އިސްފަހާންގެ ކާވެހް މަގުގައި ހުންނަ ގޭސް އެޑްމިނިސްޓްރޭޝަން އިމާރާތަށާއި ގޭސް ޕްރެޝަރު ރެގިއުލޭޓްކުރާ ސްޓޭޝަނަށް ވަނީ ހަމަލާދީފައި،" އީރާނުގެ ފާސް ނިއުސް އެޖެންސީން ބުންޏެވެ.

އީރާނުގެ މެދުތެރޭގައި ހުންނަ މި ތަންތަނަށް ބައެއް ގެއްލުންތައް ވެފައިވާ ކަމަށް މި ހާދިސާ ރިޕޯޓްކުރި އީރާނުގެ ހަމައެކަނި މީޑިއާ ކަމަށްވާ ފާސް އިން ބުންޏެވެ.

މީގެ އިތުރުން، އީރާނުގެ ހުޅަނގު ދެކުނުގައި އޮންނަ ޚޯރަމްޝަހަރު ޕަވަ ޕްލާންޓުގެ ގޭސް ޕައިޕްލައިނަށް ވެސް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް އެ ނޫހުން ރިޕޯޓްކުރި އެވެ.

"ޚޯރަމްޝަހަރު ގޭސް ޕައިޕްލައިން ޕްރޮސެސިން ސްޓޭޝަން ކައިރި ސަރަހައްދަކަށް މިސައިލެއް ނުވަތަ ރޮކެޓެއް ވަނީ އަރާފައި،" އިރާގާ އިވެގެން އޮންނަ އެ ސިޓީގެ ގަވަރުނަރާ ހަވާލާދީ ފާސް އިން ބުނެފައިވެ އެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ހޯމަ ދުވަހު ޓްރަމްޕް އޭއެފްޕީއަށް ވިދާޅުވީ އީރާނާ އެކު "ކަންތައްތައް ދަނީ ވަރަށް ރަނގަޅަށް" ކަމަށެވެ. އޭނާ އެހެން ވިދާޅުވީ އީރާނާ އެކު މަޝްވަރާ ފަށާފައިވާ ކަމަށާއި، އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދިނުން ފަސް ދުވަހަށް މެދުކަނޑާލާފައިވާ ކަމަށް އިއުލާން ކުރެއްވިތާ ކުޑަވަގުތުކޮޅެއް ފަހުންނެވެ.

ޓްރަމްޕްގެ މި ނިންމެވުން އައީ، އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަލުން ނުހުޅުވައިފި ނަމަ އެ ގައުމުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ ދީފައިވާ ދެ ދުވަހުގެ މުހުލަތު ހަމަވާން ގަޑިއިރުތަކަކަށް ވެފައި ވަނިކޮށެވެ. ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް އީރާނުގެ މީޑިއާތަކުން ހޯމަ ދުވަހު ބުނެފައިވެ އެވެ.