ޖަޕާނުގައި ކޮންމެ އަހަރަކު އެތައް ބިލިއަން "ނަޖިސް" ނެޕީއެއް ވަޅުލައި ނުވަތަ އަންދާލަ އެވެ. މީގެ ތެރޭގައި ކުޑަކުދިންގެ ނެޕީއަށްވުރެ ގިނައީ އުމުރުން ދުވަސްވީ މީހުން ބޭނުންކޮށްފައި ހުންނަ ނެޕީ އެވެ. ނަމަވެސް، ރީސައިކަލް ކުރުމުގެ ދާއިރާއިން ލިބެމުން އަންނަ ކުރިއެރުމާ އެކު، މި ކުންޏަށް ވަނީ އާ ދިރުމެއް ލިބެން ފަށައިފަ އެވެ.

މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ މި ޕައިލެޓް ޕްރޮޖެކްޓުގައި، ބޭނުންކޮށްފައިވާ ނެޕީގައި ހިމެނޭ މައިގަނޑު މާއްދާތައް ބޭނުންކޮށްގެން އަލުން އާ ނެޕީ އުފައްދަ އެވެ. މިއީ ކުނިގޮނޑުތައް ފުރުން ހުއްޓުވުމަށާއި، އުމުރުން ދުވަސްވީ މީހުން ގިނަވަމުންދާ ޖަޕާނުގައި "އެޑަލްޓް ޑައިޕާ" އަށް އޮތް ބޮޑު ޑިމާންޑަށް ހައްލެއް ހޯދުމަށް ފެށި އުންމީދީ މަސައްކަތެކެވެ.

"ކުޑަކުދިންގެ ނެޕީއަށް އޮތް ޑިމާންޑް ދަނީ ދަށްވަމުން. ނަމަވެސް ނެޕީ ބޭނުންކުރާ އުމުރުން ދުވަސްވީ މީހުންގެ އަދަދު ދަނީ އިތުރުވަމުން، އަދި ދާދި ފަހުން ވަނީ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުގެ ނެޕީ ވެސް އިތުރުވާން ފަށާފައި،" މި މަސައްކަތް ކުރިއަށްގެންދާ 'ޔުނީޗާމް' ކުންފުނީގެ ރައީސް ތަކަހީސާ ތަކަހާރާ އޭއެފްޕީއަށް ވިދާޅުވި އެވެ.

ޔުނީޗާމް އިން މިހާރު މި ސްކީމް ޓެސްޓު ކުރަމުން އަންނަނީ ޖަޕާނުގެ ދެކުނުގެ ދެ ސިޓީއެއް ކަމަށްވާ ޝިބުޝީ އަދި އޮސާކީގަ އެވެ. މި ދެ ސިޓީއަކީ ގޭބިސީތަކުން އުފައްދާ ކުނީގެ 80 ޕަސެންޓް ރީސައިކަލް ކުރާ ދެ ތަނެވެ. މިއީ ޖަޕާނުގެ އެވްރެޖް މިންވަރަށްވުރެ ހަތަރު ގުނަ އިތުރު އަދަދެކެވެ.

ޖަޕާނުގެ ކަގޯޝިމާ ޕްރިފެކްޗާގެ އޮސާކީ ޓައުންގައި ހުންނަ ރިސައިކަލް ކުރާ މަރުކަޒެއްގައި، ރިސައިކަލް ކޮށްފައިވާ ނެޕީތަކެއް. -- ފޮޓޯ: އޭއެފްޕީ
ޖަޕާނުގެ ކަގޯޝިމާ ޕްރިފެކްޗާގެ އޮސާކީ ޓައުންގައި ހުންނަ ރިސައިކަލް ކުރާ މަރުކަޒެއްގައި، ރިސައިކަލް ކޮށްފައިވާ ނެޕީތަކެއް. -- ފޮޓޯ: އޭއެފްޕީ

ގާތްގަނޑަކަށް 40،000 މީހުން ދިރިއުޅޭ އެ ދެ އަވަށުގެ ކުނިގޮނޑު 2004 ވަނަ އަހަރުގެ ނިޔަލަށް ފުރޭނެ ކަމަށް ލަފާކުރުމާ ގުޅިގެން، މީގެ 25 އަހަރު ކުރިން އެ ދެ އަވަށުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ.

މިހާރު، އެ ކުނިގޮނޑު ކުރިއަށް އޮތް ސާޅީހަކަށް އަހަރަށް ބޭނުންކުރެވޭނެ އެވެ.

އެ ދެ އަވަށުގައި 2024 ވަނަ އަހަރު، ކުނި ރިސައިކަލް ކުރުމުގައި ކުޑަކުދިންގެ ނެޕީ ވެސް ވަނީ ހިމަނައިފަ އެވެ. އަދި އެ ތަކެތި އުކާލުމަށް ހަމަޖެހިފައިވާ ހާއްސަ ކޮތަޅުތަކުގައި، އެ އުކާލާ މީހެއްގެ ނަން ލިޔުމަށް އާންމުންނަށް ވަނީ އަންގައިފަ އެވެ. 

"އަހަރެމެން އެންމެ ބޮޑު އިސްކަމެއް ދެނީ އުކާލާ ކުނީގެ މިންވަރު މަދުކޮށް، ކުނިގޮނޑު ބޭނުންކުރެވޭ މުއްދަތު އިތުރުކުރުން،" ޝިބޫޝީގެ އެންވަޔަރަންމަންޓް އޮފިޝަލް ކެނީޗީ މުޓްސުނާގާ އޭއެފްޕީ އަށް ކިޔައިދިނެވެ.

ނެޕީތަކުގެ ނިމުން

އެއްކުރާ ނެޕީތައް ކުދިކޮށް ކޮށާލުމަށް ފަހު، ދޮވެ، އޭގައި ހިމެނޭ ޕަލްޕް، ޕްލާސްޓިކް އަދި ސުޕަރ-އެބްސޯބަންޓް ޕޮލިމާ (ސެޕް) ވަކިކުރެވެއެވެ.

ޔުނިޗާމް ކުންފުންޏަށް ވަނީ މި ތަކެތި ބޭނުންކޮށްގެން، ސިއްހީ މިންގަނޑުތައް އެހާ ހަރުކަށި ނޫން (ޓޮއިލެޓް ޕޭޕަރު) ފަދަ ތަކެތި އުފެއްދުމުގައި ކާމިޔާބީ ހޯދައިފަ އެވެ.

މީގެ އިތުރުން، ނެޕީގެ ބޮޑުބައެއް ހިއްސާކުރާ ޕަލްޕް ބޭނުންކޮށްގެން އާ ނެޕީ އުފެއްދުމުގައި ވެސް އެ ކުންފުނި ކާމިޔާބެވެ.

މި މަސައްކަތުގައި ތަކެތި ސާފުކޮށް، ކުލަ ފިލުވައި އަދި ނުބައި ވަސް ކަނޑުވާލުމަށްޓަކައި "އޯޒޯން ޓްރީޓްމަންޓް" އެއް ބޭނުންކުރެ އެވެ.

ޔުނިޗާމްގެ ރިސައިކްލިން ބިޒްނަސްގެ ސީނިއާ އެގްޒެކެޓިވް އޮފިސަރު، ސުޓޯމޫ ކިޑޯ އޭއެފްޕީ އަށް މައުލޫމާތު ދިން ގޮތުގައި، 2028 ވަނަ އަހަރާ ހަމައަށްދާއިރު، ބޭނުންކޮށްފައިވާ ނެޕީގައި ހިމެނޭ ޕްލާސްޓިކާއި ޕޮލިމާ ބޭނުންކޮށްގެން ވެސް އާ ނެޕީ އުފެއްދުމަކީ އެ ކުންފުނީގެ އަމާޒެކެވެ.

ޖަޕާނުގެ ކަގޯޝިމާ ޕްރިފެކްޗާގެ އޮސާކީ ޓައުންގައި ހުންނަ ނާސަރީއަކުން، ބޭނުންކޮށްފައިވާ ނެޕީ އަޅާފައިވާ ކޮތަޅެއް ރިސައިލްކުރުމަށް ގެންދަނީ. -- ފޮޓޯ: އޭއެފްޕީ
ޖަޕާނުގެ ކަގޯޝިމާ ޕްރިފެކްޗާގެ އޮސާކީ ޓައުންގައި ހުންނަ ނާސަރީއަކުން، ބޭނުންކޮށްފައިވާ ނެޕީ އަޅާފައިވާ ކޮތަޅެއް ރިސައިލްކުރުމަށް ގެންދަނީ. -- ފޮޓޯ: އޭއެފްޕީ

މިވަގުތު މިގޮތަށް ރިސައިކަލް ކޮށްގެން އުފައްދާ ތަކެތި ލިބެން ހުރީ ހަމައެކަނި ބައެއް ފިހާރަތަކުންނެވެ. އަދި މި ތަކެތީގެ އަގު އާދައިގެ ތަކެއްޗަށްވުރެ ގާތްގަނޑަކަށް 10 ޕަސެންޓް ބޮޑެވެ. މީގެ އިތުރުން ބައެއް ޑޭކެއާ ސެންޓަރުތަކަށާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކަށް ވެސް މި ތަކެތި ފޯރުކޮށްދެ އެވެ.

އެ ކުންފުނިން މިހާރު އަންނަނީ ރިސައިކަލް ކުރުމުގެ މަރުހަލާގައި ބޭނުންކުރާ ފެން މަދުކުރެވޭނެ ގޮތްތައް ޓެސްޓު ކުރަމުންނެވެ. އަދި 2035 ވަނަ އަހަރާ ހަމައަށްދާއިރު، 20 ސަރަހައްދަކާ ގުޅިގެން ނެޕީ ރިސައިކަލް ކުރުމުގެ މަސައްކަތް ފުޅާކުރުމަށް އެ ކުންފުނިން އަމާޒު ހިފައިފަ އެވެ.

މުސްކުޅި އާބާދީ ބޮޑު ގައުމެއް

ނެޝަނަލް އިންސްޓިޓިއުޓް ފޯ އެންވަޔަރަމަންޓް ސްޓަޑީޒްއާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ޖަޕާނުގައި ކުނި ރިސައިކަލް ކުރާ މިންވަރު ނިސްބަތުން ދަށެވެ. އާންމު ކުނީގެ ތެރެއިން ރިސައިކަލް ކުރެވެނީ 20 ޕަސެންޓަށް ވުރެ ވެސް މަދު މިންވަރެކެވެ.

މިއާ އަޅާބަލާއިރު ޖަރުމަނުވިލާތުގައި 67، އިނގިރޭސިވިލާތުގައި 44 އަދި އެމެރިކާގައި ގާތްގަނޑަކަށް 32 ޕަސެންޓް ކުނި ރިސައިކަލް ކުރެ އެވެ.

ނަމަވެސް، މީހަކަށް ޖެހޭ ކުނީގެ މިންވަރަށް ބަލާއިރު، ޖަޕާނުގެ ނިސްބަތް އޯއީސީޑީގެ އެވްރެޖަށް ވުރެ ތިންބައިކުޅަ ދެބައި ދަށެވެ. މިސާލަކަށް، އެމެރިކާގެ އާންމު މީހަކު އުކާލާ ކުނީގެ މިންވަރު ޖަޕާނު މީހަކު އުކާ ކުންޏަށް ވުރެ ތިންގުނަ އިތުރެވެ.

ކުނި އަންދައިގެން ކަރަންޓު އުފެއްދުމުގެ ދާއިރާއިން ޖަޕާނުން ނިސްބަތުން ރަނގަޅު ކުރިއެރުންތަކެއް ހޯދާފައިވެ އެވެ.

ޖަޕާނުގެ ކަގޯޝިމާ ޕްރިފެކްޗާގެ އައިރާ ސިޓީގެ ސުޕަމާކެޓެއްގައި މުވައްޒަފަކު ނެޕީތައް ތަރުތީބުކުރަނީ: ޖަޕާނުގައި ވަނީ މުޅި ދުނިޔޭގައި ވެސް މުޅިން އަލަށް، ނެޕީ ރިސައިކަލްކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށާފައި. -- ފޮޓޯ: އޭއެފްޕީ
ޖަޕާނުގެ ކަގޯޝިމާ ޕްރިފެކްޗާގެ އައިރާ ސިޓީގެ ސުޕަމާކެޓެއްގައި މުވައްޒަފަކު ނެޕީތައް ތަރުތީބުކުރަނީ: ޖަޕާނުގައި ވަނީ މުޅި ދުނިޔޭގައި ވެސް މުޅިން އަލަށް، ނެޕީ ރިސައިކަލްކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށާފައި. -- ފޮޓޯ: އޭއެފްޕީ

އުމުރުން 100 އަހަރުން މަތީގެ ގާތްގަނޑަކަށް 100,000 މީހުން ދިރިއުޅޭ ޖަޕާނުގައި، މިހާރު ކުޑަކުދިންނަށް ވުރެ ގިނައިން ނެޕީ ބޭނުންކުރަނީ އުމުރުން ދުވަސްވީ މީހުންނެވެ.

ޖަޕާން ހައިޖީން ޕްރޮޑަކްޓްސް އިންޑަސްޓްރީ އެސޯސިއޭޝަނުން ބުނާ ގޮތުގައި، 2024 ވަނަ އަހަރު ޖަޕާނުގައި 9.6 ބިލިއަން އެޑަލްޓް ނެޕީ އުފެއްދިއިރު، ކުޑަކުދިންނަށް އުފައްދާފައިވަނީ 8 ބިލިއަން ނެޕީ އެވެ.

އެ ޖަމިއްޔާއިން ލަފާކުރާ ގޮތުގައި، 2020 ވަނަ އަހަރު 2.2 މިލިއަން ޓަނުގެ ނެޕީ އުކާލާފައި ވިޔަސް، 2030 ވަނަ އަހަރާ ހަމައަށްދާއިރު އަހަރަކު 2.6 މިލިއަން ޓަނުގެ ނެޕީ އުކާލަން ޖެހޭނެ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނާ ގޮތުގައި، 2020 ވަނަ އަހަރު ޖަޕާނުގެ ޖުމްލަ ކުނީގެ 5.2 ޕަސެންޓް ނެޕީ ހިއްސާކުރި ނަމަވެސް، 2030 ވަނަ އަހަރާ ހަމައަށްދާއިރު އެ ނިސްބަތް 7.1 ޕަސެންޓަށް އަރާނެ އެވެ.

ޖަޕާނުގައި 2030 ވަނަ އަހަރާ ހަމައަށްދާއިރު، 1,700 އަށް ވުރެ ގިނަ މުނިސިޕަލްޓީތަކުގެ ތެރެއިން މަދުވެގެން 100 ސަރަހައްދެއްގައި ނެޕީ ރިސައިކަލް ކުރަން ފެށުން ނުވަތަ އެކަމާ މެދު މަޝްވަރާ ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. -- އޭއެފްޕީ