ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް 100,000 އަށްވުރެ މައްޗަށް ގޮސް، އާ ރެކޯޑެއް ގާއިމުވެއްޖެ އެވެ.
ޖަޕާނުގެ ހެލްތު، ލޭބާ އެންޑް ވެލްފެއާ މިނިސްޓްރީން ނެރުނު އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ސެޕްޓެމްބަރު 1 އާ ހަމައަށް އެ ގައުމުގައި އުމުރުން 100 އަހަރުން މަތީގެ 107,677 މީހުން ދިރިއުޅެ އެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 7,914 މީހުންގެ އިތުރުވުމެކެވެ. މިއާ އެކު ޖަޕާނުގައި ސެންޓެނޭރިއަނުން (100 އަހަރުން މަތީގެ މީހުން) ސިލްސިލާކޮށް އިތުރުވަމުންދާތާ މިއީ 56 ވަނަ އަހަރެވެ.
އުމުރުން 100 އަހަރުން މަތީގެ މީހުންގެ ތެރެއިން 87.6 ޕަސެންޓަކީ އަންހެނުންނެވެ. އެއީ ޖުމްލަ 94,298 އަންހެނުންނެވެ. ޖަޕާނުގައި މިވަގުތު ހުރި އެންމެ ދުވަސްވީ އަންހެނަކީ ކިޔޯޓޯއަށް ނިސްބަތްވާ، އުމުރުން 114 އަހަރުގެ ފުޔޯ ކިޝިމޯޓޯ އެވެ. އަދި އެންމެ އުމުރުން ދުވަސްވީ ފިރިހެނަކީ ކުމަމޯޓޯއަށް ނިސްބަތްވާ، އުމުރުން 112 އަހަރުގެ ހިކާރު ކާޓޯއެވެ.
ޖަޕާނުން މި ތަފާސްހިސާބުތައް އެއްކުރަން ފެށި 1963 ވަނަ އަހަރު، އުމުރުން 100 އަހަރުން މަތީގެ ތިބީ އެންމެ 153 މީހުންނެވެ. ނަމަވެސް ސިއްހީ ނިޒާމަށް އައި ކުރިއެރުމާއި، ދިރިއުޅުމުގެ އާދަކާދަ އާއި ކެއިންބުއިމުގެ ކަންކަމަށް އައި ބަދަލުގެ ސަބަބުން މި އަދަދު ވަނީ 2012 ގައި 50,000 އަށް އަރައިފަ އެވެ. އަދި މިހާރު 100,000 އިން މައްޗަށް ދިޔައީ އެވެ.
ޖަޕާނުގެ 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަންހެނުންގެ އެވްރެޖް އުމުރަކީ 87.33 އަހަރެވެ. އަދި ފިރިހެނުންގެ އެވްރެޖް އުމުރަކީ 81.35 އަހަރެވެ.
ޖަޕާނުގެ ހެލްތު މިނިސްޓަރު ކެންއިޗީރޯ އުއޭނޯ ވިދާޅުވީ، ސިއްހީ ނިޒާމާއި ވަސީލަތްތައް ކުރިއަރައި، ގިނަ ބަޔަކު ގިނަ ދުވަހު ސިއްހަތު ސަލާމަތުން ތިބުމަކީ އުފާކުރާ ކަމެއް ކަމަށެވެ. ނަމަވެސް، އުފަންވާ ނިސްބަތް ދަށްވެ، އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވަމުންދިއުމަކީ އިގްތިސާދަށާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.