ޗައިނާގެ އެންމެ ބޮޑު އެއް ޝިފިން ކުންފުނި ކޮސްކޯ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދަށް މުދާ އުފުލުމުގެ ހިދުމަތް މެދުކަނޑާލިތާ ތިން ހަފްތާ ފަހުން ގަލްފުގެ ބައެއް ގައުމުތަކަށް ކޮންޓެއިނަރު ފޮނުވުމަށް އަލުން ބުކިންތައް ބަލައިގަންނަން ފަށައިފި އެވެ.
ޝަންހާއީގައި ހިންގާ، ސަރުކާރު ހިއްސާވާ މި ކުންފުންޏަކީ، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް ދަތުރުކުރާ މުހިންމު ކަނޑުގެ ސަރަހައްދެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ނުރައްކާވުމުން ދަތުރުތައް ހުއްޓާލި ބޮޑެތި ޝިޕިން ގްރޫޕްތަކުގެ ތެރެއިން އެއް ކުންފުންޏެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭ ހަމަލާތަކާ ގުޅިގެން އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު ރަހުމަތްތެރި ގައުމުތަކަށް ދޭނެ ކަމަށް އީރާނުން އެތައް ފަހަރަކު ބުނެފައި ވިޔަސް، އެ ކަނޑުއޮޅިން ކުރާ ދަތުރުތައް ވަނީ ގާތްގަނޑަކަށް އެއްކޮށް ހުއްޓުމަކަށް އައިސްފަ އެވެ.
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) މެދުވެރިކޮށް އަންގާރަ ދުވަހު އީރާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ދުޝްމަނު ނޫން އުޅަނދުފަހަރަށް" އެ ކަނޑުއޮޅިން ދަތުރުކުރުމުގައި ރައްކާތެރިކަން ދޭނެ ކަމަށެވެ.
ކޮސްކޯގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން، "ފާ އީސްޓް" ސަރަހައްދުން ޔޫއޭއީ، ސައޫދީ އަރަބިއްޔާ، ބަހްރައިން، ގަތަރު، ކުވައިތު އަދި އިރާގަށް ފޮނުވާ "ޖެނެރަލް ކާގޯ ކޮންޓޭނަރުތަކުގެ ބުކިންތައް މި ވަގުތުން ފެށިގެން އަލުން ވަނީ ފަށައިފަ" އެވެ.
ނަމަވެސް، ގަލްފުގެ ގައުމުތަކުން ބޭރަށް ފޮނުވާ މުދަލުގެ ބުކިންތަކާ ގުޅޭގޮތުން އެ ކުންފުނީގެ ބަޔާނުގައި އެއްޗެއް ބުނެފައެއް ނުވެ އެވެ.
"މެދުއިރުމަތީގެ މަސްރަހު ބަދަލުވަމުންދާ ގޮތުގެ މައްޗަށް ބިނާކޮށް، އަލަށް ހަމަޖައްސާ ބުކިންތަކާއި މުދާ އުފުލުމުގެ ކަންކަމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް،" އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ޓޭންކަރު ފްލީޓްތަކުގެ ތެރެއިން އެއް ފްލީޓް ހިންގާ ކޮސްކޯއިން މެދުއިރުމަތީގެ ދަތުރުތައް މެދުކަނޑާލިކަން އިއުލާނުކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.