މީގެ މަސް ދުވަސް ކުރިން، ފެބްރުއަރީ 28 ގައި އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު ފެށުނު ހަނގުރާމަ އަވަހަށް ނިމޭނެ ކަމުގެ ނިޝާނެއް އަދިވެސް ނުފެނެ އެވެ. މިހާ ހިސާބަށް އައި އިރު އެމެރިކާއިން މިހާރު ދަނީ އެއްގަމު މަގުން އީރާންގައި ހަމަލާތައް ފަށަން ތައްޔާރުވާން ކަމަށް ބެލެވެ އެވެ. 

އީރާނުގައި އެއްގަމު މަގުން، ހަފުތާތަކަކަށް ދެމިގެންދާ އޮޕަރޭޝަންތަކެއް ހިންގުމުގެ ޕްލޭންތައް ޕެންޓަގަނުން ރާވަމުން ގެންދާ ކަމަށް ވޮޝިންޓަން ޕޯސްޓުން އިއްޔެ ވަނީ ރިޕޯޓުކޮށްފަ އެވެ. މީގެ ތެރޭގައި ޚާރްގް ޖަޒީރާ ހޮރްމޫޒް ކަނޑުއޮޅީގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އަރައި ހަމަލާދިނުން ހިމެނިދާނެ އެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި މިކަމުގެ ހުއްދަ ނުދެއްވާ ކަމަށްވެ އެވެ.  

އެއްގަމު މަގުން ހިންގާ އެއްވެސް އޮޕަރޭޝަނަކީ މުޅި ގައުމަށް އަރައިގަތުން ނުވަތަ "ފުލް-ސްކޭލް" އޮޕަރޭޝަނަކަށް ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި މީގައި ހިމެނޭނީ ސްޕެޝަލް ފޯސްތަކާއި އާންމު ސިފައިން ބޭނުންކޮށްގެން ދޭ ކުއްލި ހަމަލާތަކަކަށް ކަމަށް، ނަން ހާމަނުކުރާ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވެ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހުކުރު ދުވަހު ވިދާޅުވި ގޮތުގައި އެއްގަމު ސިފައިންނާ ނުލައި ވެސް އެމެރިކާގެ "ހުރިހާ މަގްސަދުތަކެއް ހާސިލުކުރެވިދާނެ" އެވެ. ނަމަވެސް، ވޮޝިންޓަން ޕޯސްޓުން ބުނާ ގޮތުގައި މިކަމުގެ ރޭވުންތައް މިހާރު އޮތީ ވަރަށް ބޮޑަށް ކުރިއަށް ގެންގޮސްފަ އެވެ. 

ތިރީގައި މި ވަނީ ހަނގުރާމާގައި މިއަދު ހެނދުނާ ހަމައަށް މުހިންމު ބައެއް ސުރުހީތަކެވެ.

މެދުއިރުމަތީގައި ހުންނަ އެމެރިކާ ޔުނިވަސިޓީތަކަށް އީރާންގެ އިންޒާރު

އެމެރިކާ އާއި އިޒްރޭލުން އީރާނުގެ ދެ ޔުނިވަސިޓީއެއް ހަލާކުކޮށްލާފައިވާ ކަމަށާއި އެހެންވެ މެދުއިރުމަތީގައި ހުރި އެމެރިކާގެ ޔުނިވަސިޓީތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އިއްޔެ ވަނީ ދީފަ އެވެ.

އީރާންގެ އިންގިލާބީ ލަޝްކަރުން ނެރުނު ބަޔާނެއްގައި، ޔުނިވަސިޓީތަކަށް ބޮން އެޅުން ކުށްވެރިކުރުމަށް އެމެރިކާއަށް ހޯމަ ދުވަހުގެ މެންދުރު 12:00 (ޖީ.އެމް.ޓީ އިން 08:30) އާ ހަމައަށް މުހުލަތެއް ވަނީ ދީފަ އެވެ.

އިޒްރޭލުގައި ހަނގުރާމައާ ދެކޮޅަށް މުޒާހަރާކުރުން

މެދުއިރުމަތީގެ ހަނގުރާމައާ ދެކޮޅަށް އަޑުއުފުލުމަށް އިއްޔެ ތެލް އަވީވް އާއި އިޒްރޭލުގެ ބައެއް އެހެން ސިޓީތަކަށް އެތައް ސަތޭކަ ބަޔަކު އެއްވި އެވެ. ހުއްދަ ނުހޯދައި ކުރިއަށްގެންދިޔަ މި މުޒާހަރާތައް ރޫޅާލުމަށް ސަލާމަތީ ބާރުތަކުން ވަނީ މަސައްކަތްކޮށްފަ އެވެ.

ކޮންމެ ހަފުތާއަކު ބާއްވާ މި މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ފެނުނު ނަމަވެސް، މިއީ މިދިޔަ އަހަރު ޣައްޒާ ހަނގުރާމައާ ދެކޮޅަށް މަގުތަކަށް ނުކުތް އެތައް ހާސް ބަޔަކާ އަޅާބަލާއިރު މަދު އަދަދެކެވެ.

އިރާގު ކުރުދިސްތާނުގެ ލީޑަރަށް ދިން ހަމަލާ އެމެރިކާއިން ކުށްވެރިކުރުން

އިރާގުގެ އުތުރުގައި އޮންނަ ކުރުދިސްތާނުގެ ލީޑަރު ނެޗިރްވާން ބަރްޒާނީ ދިރިއުޅޭ ގެޔަށް އިއްޔެ ދިން ޑްރޯން ހަމަލާ އެމެރިކާއިން ކުށްވެރިކޮށްފި އެވެ. އެމެރިކާއިން މިކަމުގެ ތުހުމަތު އަޅުވާފައިވަނީ އިރާގުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދުލިބޭ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބޮލުގަ އެވެ.

"އީރާނާއި އެ ގައުމުގެ ބައިވެރިންގެ މި އަމަލުތަކަކީ އިރާގުގެ ސިޔާދަތާއި، ހަމަޖެހުމާއި އަދި އެއްބައިވަންތަކަމަށް ދިން ސީދާ ހަމަލާއެއް،" ސްޓޭޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ތަރުޖަމާނު ޓޮމީ ޕިގޮޓް ނެރުއްވި ބަޔާނެއްގައިވެ އެވެ.

އިރާގުގައި ދިން ހަމަލާއެއްގައި ދެ ފުލުހުން މަރުވުން

އިރާގުގެ އުތުރުގައި އޮންނަ މޫސަލް ސިޓީއަށް ދިން ހަމަލާއެއްގައި ފުލުހުންގެ ދެ އޮފިސަރުން މަރުވެފައިވާ ކަމަށާއި، މިއީ އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާއެއް ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި "ޒަޔަނިސްޓް-އެމެރިކަން" ހަމަލާގައި އިތުރު ފަސް ފުލުހަކަށް އަނިޔާވި އެވެ. އެ މީހުންނަށް އަނިޔާވީ ފުރަތަމަ ހަމަލާގައި ޒަޚަމްވި މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރަނިކޮށް ހަމަލާ ދިނުމުންނެވެ.

އިޒްރޭލުގެ އަވަށަކަށް އީރާންގެ ވަރުގަދަ ހަމަލާއެއް

އިޒްރޭލުގެ މެދުތެރޭގައިވާ އަވަށަކަށް އިއްޔެ އީރާންގެ މިސައިލް ހަމަލާއެއް "ޑައިރެކްޓުކޮށް" އަރައި  11 މީހަކަށް އަނިޔާވި އެވެ. 

މި ހަމަލާ އަމާޒުވީ ބެއިތު ޝެމޭޝް ކައިރީގައިވާ އެޝްޓާއޯލް އަވަށުގެ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ. މީގެ ކުރިން އެ ސަރަހައްދަށް ދިން ހަމަލާއެއްގައި ނުވަ މީހުން ވަނީ މަރުވެފައިވެ އެވެ.

ފްރާންސުގައި ހުންނަ އެމެރިކާގެ ބޭންކަކަށް ހަމަލާދޭން އުޅުން

ފްރާންސްގެ ޕެރިހުގައި ހުންނަ ބޭންކް އޮފް އެމެރިކާގެ އިމާރާތަކަށް ބޮމުގެ ހަމަލާއެއް ދޭން މަސައްކަތްކޮށްފައިވާ ކަމަށާއި އެއީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅުންހުރި ހާދިސާއެއް ކަމަށް ފްރާންސުގެ އިންޓީރިއާ މިނިސްޓަރު ލޯރެން ނޫނޭޒް އިއްޔެ ވިދާޅުވި އެވެ.

ނޫނޭޒް ބީ.އެފް.އެމް ޓީވީއަށް ވިދާޅުވީ، މިއީ ނެދަލޭންޑްސް ފަދަ ޔޫރަޕްގެ އެހެން ގައުމުތަކުގައި ވެސް ހަނގުރާމައާ ދެކޮޅު ފަރާތްތަކުން ހިންގާފައިވާ އަމަލުތަކާ އެއްގޮތް ކަމެއް ކަމަށެވެ.

އީރާންގެ ކަނޑުގެ ސިފައިންގެ ހަތިޔާރު މަރުކަޒަކަށް ހަމަލާ ދިނުން

ރޭގަނޑު ދިން ހަމަލާތަކުގެ ތެރޭގައި، ކަނޑުގެ އަސްކަރީ ހަތިޔާރުތައް ދިރާސާކޮށް ތަރައްގީކުރުމަށް ތެހެރާނުގައި ބޭނުންކުރާ ސިނާއީ މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

އިޒްރޭލުން ބުނާ ގޮތުގައި އެ މަރުކަޒަކީ ކަނޑުމަތީގައި ބޭނުންކުރާ ތަފާތު ހަތިޔާރުތަކާއި، ކަނޑުގެ އަޑީގައި ދަތުރުކުރާ އުޅަނދުތަކާއި، އިންޖީނު އެޅި އަދި އިންސާނުންނާ ނުލައި ދުއްވާ އުޅަނދުތައް އުފައްދާ ތަނެކެވެ.

އެމިރޭޓްސް ގްލޯބަލް އެލުމިނިއަމަށް ހަމަލާއެއް

އީރާނުން ދިން ހަމަލާއެއްގައި އަބޫދާބީގައި ހުންނަ 'އެމިރޭޓްސް ގްލޯބަލް އެލުމިނިއަމް' (އީޖީއޭ) ގެ މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ވެ، ހަ މީހަކަށް އަނިޔާވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު، އެލުމިނިއަމް އުފައްދާ އެއް ކުންފުނި ކަމަށްވާ އީ.ޖީ.އޭ އިން ބުނީ، ޚަލީފާ އިކޮނޮމިކް ޒޯންގައި ހުންނަ އެމީހުންގެ 'އަލް ތަވީލާ' ސައިޓަށް އީރާނުގެ މިސައިލް އަދި ޑްރޯން ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

ލުބުނާނުގެ ރެސްކިއު އަދި ސިއްހީ މުވައްޒަފުން މަރުވުން

މި މަހުގެ ދެ ވަނަ ދުވަހު ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ ފެށ ފަހުން، އިޒްރޭލުގެ ހަމަލާތަކުގައި ލުބުނާނުގެ 46 ރެސްކިއު މަސައްކަތްތެރިންނާއި ފަސް ސިއްހީ މުވައްޒަފުން މަރުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު ރާކަން ނާސިރުއްދީން ވިދާޅުވެއްޖެ އެވެ.

ނާސިރުއްދީން ވިދާޅުވި ގޮތުގައި މި އަދަދުގެ ތެރޭގައި ހަނިހިރު ދުވަހު މަރުވި ނުވަ ޕެރަމެޑިކުން ވެސް ހިމެނެ އެވެ.

ގަލްފު ގައުމުތަކާ އެކު ޔޫކްރޭނުން 10 އަހަރުގެ އެއްބަސްވުންތަކެއް

ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ ވިދާޅުވީ، ގަލްފު ގައުމުތަކަށް ކުރެއްވި ދަތުރުގައި، ދިފާއީ ދާއިރާއިން 10 އަހަރު ދުވަހުގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައިވާ ކަމަށެވެ. މީގެ ތެރޭގައި ގުޅިގެން ހަތިޔާރު އުފެއްދުން ހިމެނެ އެވެ.

"އަޅުގަނޑުމެން މި ދައްކަނީ 10 އަހަރުގެ އެއްބަސްވުމެއްގެ ވާހަކަ. ސައޫދީ އަރަބިއްޔާއާ އެކު މިހާރު ވާނީ ސޮއިކޮށްފައި. ގަތަރާއެކު ވެސް 10 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިން. އަދި ޔޫ.އޭ.އީ އާއެކު ވެސް ސޮއިކުރާނަން،" ޒެލެންސްކީ ވިދާޅުވި އެވެ.

ސީރިއާއިން ޑްރޯން ހަމަލާއެއް ނާކާމިޔާބުކޮށްލުން

އިރާގު މަގުން، ސީރިއާގެ ދެކުނުގައި އޮންނަ އަސްކަރީ ބޭހަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ސީރިއާގެ އަސްކަރިއްޔާއިން ބުނެފި އެވެ. މިއީ ކުރިން އެމެރިކާ ސިފައިން ތިބި ބޭހެކެވެ.

ސީރިއާގެ ރަސްމީ ނިއުސް އެޖެންސީން ބުނި ގޮތުގައި ހަމަލާ ދޭން މަސައްކަތްކޮށްފައިވަނީ ދެކުނުގައިވާ 'އަލް-ތަންފް' އަސްކަރީ ބޭހަށެވެ.