ބެންގަލޫރުން ވަރަނާސީއަށް ދިޔަ އިންޑިގޯ އެއާލައިންސްގެ ފްލައިޓެއް ޖައްސަން އުޅެނިކޮށް ފަސިންޖަރަކު ބޯޓުގެ އިމަޖެންސީ ދޮރު ހުޅުވަން އުޅުނު މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭ 8:15 ހާއިރު ދަތުރު ފެށި މި ފްލައިޓުން ހައްޔަރުކޮށްފައިވަނީ އުއްތަރަ ޕްރަދޭޝްގެ މައު ޑިސްޓްރިކްޓުގެ މީހެއް ކަމަށްވާ މުހައްމަދު އަދުނާން ކިޔާ މީހެކެވެ. އޮފިޝަލުން ބުނި ގޮތުގައި ދަތުރު ފެށިތާ 15 މިނެޓު ތެރޭގައި، އަދުނާން ވަނީ އެމަޖެންސީ ދޮރާ ކުޅެފަ އެވެ. ކެބިން ކްރޫއިންނަށް މިކަން ފާހަގަވުމުން، އެއީ އޮޅުމަކުން ކުރެވުނު ކަމެއް ކަމަށް އޭނާ ބުންޏެވެ. އަދި އެކަން ތަކުރާރު ނުކުރުމަށް ކްރޫއިން އޭނާއަށް އިންޒާރު ދިނެވެ.
އޭގެ ފަހުން ދަތުރުގެ ބާކީ ބައިގައި އަދުނާން އުޅުނީ އާދައިގެ ގޮތަކަށެވެ. ނަމަވެސް، ރޭގަނޑު 10:20 ހާއިރު، ވަރަނާސީގެ ލާލް ބަހާދުރް ޝާސްތްރީ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ޖައްސަން މަދު ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް، އޭނާ އަނެއްކާވެސް ދޮރު ހުޅުވަން މަސައްކަތްކުރި އެވެ. އެ ވަގުތު ބޯޓު އޮތީ ރަންވޭއާ އެންމެ 500 ފޫޓު ދުރުމިނުގަ އެވެ. ކްރޫއިން މިކަމުގެ މައުލޫމާތު ދިނުމާ އެކު، ޕައިލެޓް ވަނީ ވަރަށް ހުށިޔާރުކަމާ އެކު ލޭންޑިން އެބޯޓްކޮށް އަލުން މައްޗަށް އަރައިފަ އެވެ.
ބޯޓު ރައްކާތެރިކަމާ އެކު އަލުން ޖެއްސީ "ގޯ-އެރައުންޑް" އެއް ހެދުމަށްފަހު ރޭގަނޑު 10:35 ހާއިރު އެވެ.
އޮފިޝަލުން ބުނީ އަދުނާންގެ އަމަލުތަކުގެ ސަބަބުން ފަސިންޖަރުން ތިބީ ވަރަށް ބޮޑަށް ބިރުގަނެފައި ކަމަށެވެ.
ބޯޓު ޖެއްސުމާ އެކު އަދުނާން ވަނީ އެއާލައިންގެ ސެކިއުރިޓީ އާއި ސީ.އައި.އެސް.އެފްއާ ހަވާލުކޮށްފަ އެވެ. ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށް، މިހާރު ވަނީ މައްސަލަ ވެސް ބަލަން ފަށައިފަ އެވެ.
ތަހުގީގުގައި އަދުނާނާ ސުވާލުކުރުމުން، އެގޮތަށް އަމަލުކުރެވުނީ ކީއްވެގެންކަން ނޭނގޭ ކަމަށް ފުރަތަމަ އޭނާ ބުނި ކަމަށްވެ އެވެ. ނަމަވެސް ފަހުން ބުނީ އޭނާގެ ހަށިގަނޑަށް "ޖިންނިއެއް ނުވަތަ ރޫހެއް ވަނީ" ކަމަށެވެ. ގޯއާގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި އައި މި މީހާ ވަނީ އިމަޖެންސީ ދޮރުގެ އަތްގަނޑަކީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ދޮރު ހުޅުވާ އަތްގަނޑުކަން ނޭނގޭ ކަމަށް ވެސް ބުނެފަ އެވެ.