އިންޑިއާގެ ވައިގެ ދަތުރުފަތުރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވި ފްލައިޓްތައް ކެންސަލްކުރުމުގެ ބޮޑު މައްސަލަގަނޑުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެންމެ ބޮޑު އެއާލައިން، އިންޑިގޯގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ވިލީ ވޮލްޝް އައްޔަންކޮށްފި އެވެ.

ވޮލްޝް އަކީ މިހާރު ދުނިޔޭގެ މަދަނީ އޭވިއޭޝަން ސިނާއަތުގެ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ އަޔާޓާގެ ވެރިޔާ އެވެ. މީގެ އިތުރުން އޭނާއަކީ އެއާލައިންތައް ހިންގުމުގައި 20 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭގެ ތެރޭގައި ބްރިޓިޝް އެއާވޭޒް އާއި އައިބީރިއާ ފަދަ އެއާލައިންތަކުގެ ބެލެނިވެރި ކުންފުނި ކަމަށްވާ އައިއޭޖީގައި ހޭދަކުރެއްވި 10 އަހަރު ހިމެނެ އެވެ.

އިންޑިގޯގެ ބޯޑު ޗެއާމަން ވިކްރަމް ސިންގް މެހެތާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ބޮޑެތި އެއާލައިންތައް ހިންގުމާއި މާކެޓުގެ އުނދަގޫ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ވޮލްޝްގެ ކިބައިގައި ހުންނާނެ ކަމަށެވެ. އެހެންވެ، ވާދަވެރި ބައިނަލްއަގުވާމީ މާހައުލެއްގައި އިންޑިގޯ ކުރިއަށް ގެންދިއުމަށް އޭނާއަކީ އެންމެ އެކަށީގެންވާ މީހާ ކަމަށް ބަޔާނުގައިވެ އެވެ.

އިންޑިގޯގެ ކުރީގެ ސީއީއޯ ޕީޓާ އެލްބާސް މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 10 ގަ އެވެ. އެއީ އެ އެއާލައިންގެ އެތައް ފްލައިޓެއް ކެންސަލްވުމުގެ ސަބަބުން އިންޑިއާގެ އެއާޕޯޓްތަކުގެ މަސައްކަތްތަކަށް ބޮޑެތި ބުރޫތަކެއް އެރިތާ މަސްތަކެއް ފަހުންނެވެ.

ޖެނުއަރީ މަހު އިންޑިއާގެ މަދަނީ އޭވިއޭޝަން ރެގިއުލޭޓަރީ އިދާރާއިން ވަނީ ފްލައިޓްތައް ކެންސަލްކުރި މައްސަލާގައި އިންޑިގޯ 2.45 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. ޑިސެމްބަރު މަހު ފްލައިޓްތައް ކެންސަލްވާން މެދުވެރިވި މައިގަނޑު ސަބަބަކަށް ވެފައިވަނީ ޕައިލެޓުންނާއި ކްރޫންގެ ރޯސްޓާ ރަނގަޅަށް ޕްލޭން ނުކުރެވުމެވެ.

މި އޮޕަރޭޝަނަލް މައްސަލަތައް ދިމާވީ، ދަތުރުވެރިންގެ ސަލާމަތަށްޓަކައި ޕައިލެޓުންނަށް އަރާމުކުރާނެ އިތުރު ވަގުތު ދިނުމަށް ހެދި އާ ގަވާއިދުތަކަށް ތައްޔާރުވުމަށް އިންޑިގޯއަށް ދެ އަހަރުގެ މުއްދަތެއް ލިބުމުން ވެސް އެކަމަށް ތައްޔާރު ނުވެވުމުންނެވެ.

އިންޑިގޯއިން މިހާރު ދުވާލަކު 2,200 އަށް ވުރެ ގިނަ ފްލައިޓް އޮޕަރޭޓް ކުރެ އެވެ. އެ އެއާލައިންގެ ފްލީޓްގައި 400 އަށް ވުރެ ގިނަ ބޯޓު އޮތްއިރު، އިންޑިއާގެ 95 މަންޒިލަކަށާއި ބައިނަލްއަގުވާމީ 40 މަންޒިލަކަށް ދަތުރުކުރެ އެވެ.

އިންޑިގޯއިން މިދިޔަ އަހަރު 124 މިލިއަން ފަސިންޖަރުން އުފުލާފައިވާއިރު، އެއީ މާކެޓް ހިއްސާގެ ގޮތުން އިންޑިއާގެ އެންމެ ބޮޑު އެއާލައިނެވެ.

އިންޑިގޯއިން ބުނި ގޮތުގައި ވިލީ ވޮލްޝް އިންޑިގޯއާ ހަވާލުވާނީ އޯގަސްޓް 3 ގަ އެވެ. -- އޭއެފްޕީ