އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާ ދިނުމާ އެކު ފެށި ހަނގުރާމަ ހުއްޓާލުމުގެ "އިހްލާސްތެރި ނިޔަތް" އީރާނުގެ އެބައޮތް ކަމަށާއި، ނަމަވެސް މި ހަމަނުޖެހުން އަލުން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ލިބެންޖެހޭނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މިއަދު ވިދާޅުވެއްޖެ އެވެ.
އީރާނުގެ ރައީސް މިހެން ވިދާޅުވުމާ އެކު އެމެރިކާގެ މާކެޓުތަކަށް ވަނީ ހެޔޮ ބަދަލެއް އައިސްފަ އެވެ. ނަމަވެސް، މި ވާހަކަތައް ރައީސް ދެއްކެވީ އީރާނަށް އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދީފައި ވަނިކޮށެވެ. އަދި، އީރާނުގެ އިންގިލާބީ ލަޝްކަރުން ވެސް ވަނީ، އީރާނު އިތުރު ލީޑަރަކު އަވަހާރަކޮށްލައިފި ނަމަ، ގޫގުލް، މެޓާ އަދި އެޕަލް ފަދަ އެމެރިކާގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް ބަދަލުހިފުމުގެ ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފެބްރުއަރީ 28 ގައި މި ހަނގުރާމަ ފެށީ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚަމަނާއީ އަވަހާރަކޮށްލުމާ އެކުގަ އެވެ. އޭގެ ފަހުން މުޅި ސަރަހައްދަށް ވަނީ ބަދަލުހިފުމުގެ ހަމަލާތައް ފެތުރިފަ އެވެ.
ޔޫރަޕިއަން ކައުންސިލްގެ ރައީސާ ފޯނުން ވާހަކަދައްކަވަމުން ޕެޒެޝްކިއަން ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް ބޭނުންވާ މުހިންމު ޝަރުތުތައް ފުރިހަމަވާ ނަމަ، ހާއްސަކޮށް އަލުން ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން ލިބޭ ނަމަ، އީރާނުން އޮތީ ތައްޔާރަށެވެ.
ހުސްވި ހަފުތާގައި، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ ޕްލޭނަށް ޖަވާބުދެމުން، ތެހެރާނުން ވަނީ އިޒްރޭލާއި އެމެރިކާއިން އަލުން ހަނގުރާމައަށް ނުދާނެކަމުގެ ކަށަވަރުކަން ލިބޭނެ ގޮތް ހެދުމަކީ އެންމެ ބޮޑު އެއް ޝަރުތު ކަމަށް ބުނެފަ އެވެ.
މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންނަށް ޒިޔާރަތްކުރެއްވުމަށް ފަހު، ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު ވަނީ، ކުރިއަށް އޮތް ދުވަސްތަކަކީ ކަންކަން ނިންމުމުގެ މުހިންމު ދުވަސްތަކަށް ވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި "އެކަން އީރާނަށް ވެސް އެނގޭނެ ކަމަށާއި، އަސްކަރީ ގޮތުން އެކަމާ ދެކޮޅަށް އެމީހުންނަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުން ހަނގުރާމަ ހުއްޓާލަން ހެޔޮ ނިޔަތް އޮތް ކަމަށް ބުނާއިރު ހޯމަ ދުވަހު ޓްރަމްޕް ވަނީ، އީރާނުން އެއްބަސްވުމަކަށް ނައިސްފި ނަމަ، އެ ގައުމުގެ ހުރިހާ ތެޔޮ ވަޅުތަކާއި، ޚަރްޖު ޖަޒީރާގެ ތެޔޮ ބަނދަރު އަދި ފެން ސާފުކުރާ ޕްލާންޓްތައް "ފުނޑުފުނޑުކޮށްލާނެ" ކަމަށް އިންޒާރު ދީފަ އެވެ.
އޭގެ ފަހުން މިއަދު އީރާނުގެ އިސްފަހާން އަދި ތެހެރާނަށް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.
ދުނިޔޭގެ އިގްތިސާދަށް ހަނގުރާމައިގެ ސަބަބުން ބޮޑެތި ލޮޅުންތަކެއް އަރާފައި ވާއިރު އެމެރިކާގެ އެއްގަމު ސިފައިން ފޮނުވައިގެން ހަނގުރާމަ އިތުރަށް ވަރުގަދަކުރާނީތޯ، ނުވަތަ އީރާނާ އެކު މަޝްވަރާކޮށްގެން ހަނގުރާމަ ހުއްޓުމަކަށް ގެންނާނީތޯ އޮތް ސުވާލަށް ޓްރަމްޕުގެ ސާފު ޖަވާބެއް ނެތެވެ. އޭނާ މި ކަންކަމާ ބެހޭ ގޮތުން އެކި ފަހަރު ވާހަކަ ދައްކަވަނީ އެކި ގޮތަށެވެ.
ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެމެރިކާގައި ޕެޓްރޯލް ގެލަނެއްގެ އަގު 4 ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އިންޑޮނީޝިއާގައި ވަނީ ތެޔޮ ކޮންޓްރޯލްކޮށްގެން ވިއްކަން ފަށައިފަ އެވެ.