ބައި ގަރުނަށް ފަހު ފުރަތަމަ ފަހަރަށް ނާސާއިން ހަނދުގެ ވަށައިގެން ދަތުރުކުރުމަށް މީހުން ފޮނުވާލާ ތާރީހީ މިޝަންގައި ހަތަރު އެސްޓްރޮނޯޓުން ފުރައިފި އެވެ.
"އާޓެމިސް 2" ގެ ނަން ދީފައިވާ މި މިޝަނަކީ އެތައް އަހަރެއްގެ މަސައްކަތުން، އެތައް ހުރަސްތަކަކާއި ބޮޑެތި ހަރަދުތަކަކަށް ފަހު ތައްޔާރުކުރި މިޝަނެކެވެ. މި މިޝަން ފްލޮރިޑާއިން ނައްޓާލީ ރާއްޖޭގަޑިން މިއަދު ފަތިހު 4:24ގަ އެވެ.
އޮރެންޖް ކުލައިގެ ސޫޓްގައި ތިބި އެސްޓްރޮނޯޓުންގެ ޓީމުގައި ހިމެނެނީ އެމެރިކާގެ ރީޑް ވައިޒްމަން، ވިކްޓާ ގްލޯވާ، ކްރިސްޓީނާ ކޮކް އަދި ކެނެޑާގެ ޖެރެމީ ހެންސަންއެވެ. ގާތްގަނޑަކަށް 10 ދުވަހުގެ މި ދަތުރުގައި، 1968 ގެ އެޕޯލޯ 8 ފަދައިން، ހަނދަށް ނުފައިބައި، ހަނދުގެ ވަށައިގެން އެ މީހުން ދަތުރުކުރާނެ އެވެ.
މި ތާރީހީ ދަތުރެކެވެ. ހަނދުގެ މިޝަނެއްގައި ބައިވެރިވާ ފުރަތަމަ އަންހެން މީހާ، ފުރަތަމަ ކަޅު ނަސްލުގެ މީހާ، އަދި އެމެރިކާ ނޫން ގައުމަކަށް ނިސްބަތްވާ ފުރަތަމަ މީހާ މި މިޝަންގައި ހިމެނެ އެވެ. ރާވާފައިވާ ގޮތަށް ކަންތައް ހިނގައްޖެ ނަމަ، މިއީ އިންސާނުން މިހާތަނަށް ދުނިޔެއާ އެންމެ ދުރަށް ދަތުރުކުރާ ފަހަރަށް ވެގެންދާނެ އެވެ.
ނާސާގެ އާ ރޮކެޓް "ސްޕޭސް ލޯންޗް ސިސްޓަމް" (އެސްއެލްއެސް) ބޭނުންކޮށްގެން މީހުންނާއެކު ކުރާ ފުރަތަމަ ދަތުރުގައި، އަމާޒަކީ ހަނދުގައި ދާއިމީ ބޭހެއް ގާއިމުކުރުމެވެ. އެމެރިކާގެ ސެނެޓަރު މާކް ކެލީ ވިދާޅުވީ، މިއީ ހަމައެކަނި އެސްޓްރޮނޯޓުންގެ އަމިއްލަ ކަމެއް ނޫން ކަމަށާއި، މިއީ މުޅި ގައުމަށްޓަކައި ކުރާ މުހިންމު މަސައްކަތެއް ކަމަށެވެ.
"އަށް މިލިއަން ފައުންޑަށް ވުރެ ގަދަ ބާރަކާ އެކު އުދުއްސާލާ ރޮކެޓަކަށް އަރައި ދަތުރުކުރުމަށް ނިންމާ ނިންމުމަކީ، ފަސޭހައިން ނިންމާލެވޭނެ ނިންމުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"ނަމަވެސް އަޅުގަނޑުމެންގެ ގައުމަށް މިކަމުގެ ސަބަބުން އިންތިހާއަށް ބޮޑެތި ކުރިއެރުންތަކެއް ނުވަތަ ފައިދާތަކެއް އެބަހުރި."
ފްލޮރިޑާއަށް ދެމުން ދިޔަ އަވީގައި، ރޮކެޓުގެ ބޮޑު ހަތަރު ޓޭންކަށް ވަނީ ދިޔާ ހައިޑްރޮޖަން އާއި އޮކްސިޖަން އަޅައިފަ އެވެ. ފުރިހަމައަށް ފިއުލް އެޅުމުން، ރޮކެޓްގެ ބަރުދަނަށް 1،000 ޓަނު އިތުރުވެ، ޖުމްލަ 2،600 ޓަނަށް ވުރެ މައްޗަށް ދެ އެވެ.
މިޝަން ފުރަތަމަ ފަށަން އޮތީ ފެބްރުއަރީ މަހު އެވެ. ނަމަވެސް އެކި މައްސަލަތައް ދިމާވެގެން ރޮކެޓް އަލުން މަރާމާތަށް ގެންދަން ޖެހުމުން ލަސްވީ އެވެ.
ނަމަވެސް، އޭޕްރީލް މަހު މޫސުން ރަނގަޅުވެ ލިބުނު ފުރަތަމަ ފުރުސަތުގައި އުދުއްސާލުމަށް ތައްޔާރުވަމުންދިޔަ އިރު، އިންޖިނިއަރިން މަސައްކަތްތަކާއި އެންމެ ފަހުގެ ތައްޔާރީތައް އޮމާންކަމާ އެކު ކުރިއަށްދާ ކަމުގެ އިތުބާރު ނާސާގެ އޮފިޝަލުން ފާޅުކުރެއްވި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްރެޝަރާ އެކު، އޭނާގެ ދެވަނަ ދައުރު ނިމުމުގެ ކުރިން (2029 ގެ ކުރިން) ހަނދަށް އިންސާނުން އަލުން ފޭބުމުގެ އަމާޒު ވަނީ ކަނޑައަޅައިފަ އެވެ.
އާޓެމިސް 2 ގެ ބޭނުމަކީ 2028 ގައި ހަނދަށް މީހުން ދިއުމަށް މަގުފަހިކުރުމެވެ. މިއީ 2030 ގެ ކުރިން ހަނދަށް މީހުން ފޮނުވަން މަސައްކަތްކުރާ ޗައިނާއާ ވާދަކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ވެސް ބެލެވެ އެވެ.
"އަޅުގަނޑުމެން މިދަނީ ކާމިޔާބު ހޯދަމުން - ފަޒާގަ އާއި، ބިމުގަ އާއި އަދި ހުރިހާ ތަނެއްގައި ވެސް. އިގްތިސާދީ ގޮތުންނާއި، އަސްކަރީ ގޮތުންނާއި، އަދި މިހާރު ތަރިތައް ފަހަނަޅައި ގޮސް! އެމެރިކާއަކީ ހަމައެކަނި ވާދަކުރާ ގައުމެއް ނޫން، އަޅުގަނޑުމެންނަކީ ބާރުގަދަ ގައުމު. މުޅި ދުނިޔެ އޮތީ އެތަން ބަލަން،" ޓްރަމްޕް އޭނާގެ 'ޓްރުތް ސޯޝަލް' ގައި ލިޔުއްވާފައިވެ އެވެ.