މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ހެދި ހަކަތަ އިގްތިސާދު ކުރުމަށް، މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތަކާއި ގާނޫނީ ބާރު ލިބިގެން އުފައްދާފައިވާ މުއައްސަސާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖައްސަން ނިންމައިފި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އިއުލާނުކުރެއްވި ގޮތުގައި މި އުސޫލަށް އަމަލުކުރަން ފަށާނީ މި މަހުގެ 15 އިން ފެށިގެންނެވެ.

ބުދަ ދުވަހުގެ ރޭ ބޮޑުވަޒީރު މިކަން އިއުލާން ކުރެއްވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުން ތެޔޮ ލިބުން ދަތިވެ، އެކަމުގެ އަސަރު އެ ގައުމަށް ކުރަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

"ކެބިނެޓުން މިހާރު ވަނީ ގޭގައި ތިބެގެން މަސައްކަތްކުރާ އުސޫލަށް އެއްބަސްވެފައި. މީގެ ބޭނުމަކީ ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް، ގައުމުގެ ހަކަތައިގެ ސަޕްލައި ހަމަޖެހޭ ގޮތެއްގައި ދެމެހެއްޓުން،" ހާއްސަ ބްރީފިންއެއްގައި އަންވަރު ވިދާޅުވި އެވެ.

މިކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. ނަމަވެސް، ވަރަށް އަވަހަށް އިތުރު މައުލޫމާތު ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މެލޭޝިއާއަކީ ތެލަށް ބޮޑު ސަބްސިޑީއެއް ދޭ ގައުމެކެވެ. ޝަރުތު ހަމަވާ ރައްޔިތުންނަށް ޕެޓްރޯލް ލިޓަރެއް އެންމެ 1.99 ރިންގިޓް (0.49 ޑޮލަރު) އަށް ވިއްކަ އެވެ.

ނަމަވެސް، ދުނިޔޭގެ ބާޒާރުގައި، ސާފުނުކުރާ ތެލުގެ އަގު އިންތިހާއަށް އުފުލި، އިރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުން، ސަބްސިޑީ ތެޔޮ ދޫކުރާ މިންވަރު މަހަކު 300 ލިޓަރުން 200 ލިޓަރަށް މަދުކުރަން ނިންމާފައިވާ ކަމަށް އަންވަރު ވިދާޅުވި އެވެ.

ސަބްސިޑީ ނުލިބޭ ތެލުގެ އަގުތައް ހުންނާނީ ދުނިޔޭގެ ބާޒާރުގެ ރޭޓުގަ އެވެ.

ފޮރިން މިނިސްޓަރު މުހައްމަދު ހަސަން މިދިޔަ ހަފުތާގައި ވިދާޅުވީ، ޕެޓްރޯނަސް، ސުޕޫރާ އެނާޖީ އަދި މެރިޓައިމް ކުންފުނި އެމް.އައި.އެސް.ސީގެ ތެޔޮ ޓޭންކަރުތައް ކަނޑުއޮޅިން ރައްކާތެރިކަމާ އެކު ދަތުރުކުރުމުގެ ހުއްދައަށް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް ވިދާޅުވީ، އިރާނުން ނަގާނެ ކަމަށް އިންޒާރު ދީފައިވާ އެއްވެސް ޓޯލްއެއް (ދަތުރުކުރުމުގެ ފީއެއް) ދެއްކުމުން މެލޭޝިއާގެ އުޅަނދުތައް އިސްތިސްނާ ވާނެ ކަމަށެވެ.

"އަހަރެމެންނަކީ އެކުވެރި ބައެއް. އިރާނުގެ ސަރުކާރާ އެކު އަހަރެމެންގެ އޮންނަނީ ރަނގަޅު ޑިޕްލޮމެޓިކް ގުޅުމެއް،" އޭނާ ވިދާޅުވި އެވެ. އަދި އިރާނުން އެ އުޅަނދުތަކަށް ދަތުރުކުރުމުގެ ހުއްދަ ދޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި އަންވަރު ވަނީ، މެލޭޝިއާގެ ތެޔޮ ޓޭންކަރުތަކާއި އޭގެ ފަޅުވެރިންނަށް އެނބުރި ގައުމަށް އައުމުގެ ހުއްދަ ދިނީތީ އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއަށް ޝުކުރު އަދާކުރައްވައިފަ އެވެ. -- އޭއެފްޕީ