ކަނޑުމަގުން ލުބްނާނަށް ހަމަލާ ދޭން އުޅުނު އިޒްރޭލްގެ އަސްކަރީ މަނަވަރަކަށް ހިޒްބުﷲ ޖަމާއަތުން މިސައިލުން ހަމަލާ ދީފި އެވެ.

ހިޒްބުﷲއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލުބްނާނުގެ އައްސޭރި ފަށުން ގާތްގަނޑަކަށް 68 ނޯޓިކަލް މޭލު ބޭރުގައި އޮތް އެ މަނަވަރަށް ހަމަލާ ދިނީ ކްރޫޒް މިސައިލުން ކަމަށެވެ. އެއީ ގަލްފް ސަރަހައްދުގައި މިހާރު ކުރިއަށްދާ ހަނގުރާމައިގައި ހިޒްބުﷲއިން ކްރޫޒް މިސައިލުން ހަމަލާއެއް ދިން ފުރަތަމަ ފަހަރުކަމަށް ވެސް އިރާނުގެ އެހީތެރިކަން ލިބޭ އެ ގުރޫޕް ބުންޏެވެ.

"(އެ މަނަވަރަކީ) ލުބުނާނުގެ ސަރަހައްދުތަކަށް ހަމަލާދިނުމަށް ތައްޔާރުވަމުން ދިޔަ ބޯޓެއް،" ހިޒްބުﷲގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހިޒްބުﷲ އިން ބުނިގޮތުގައި އެ ހަމަލާ ދިނުމުގެ ކުރިން  ގަޑިއިރުތަކެއް ވަންދެން އެ މަނަވަރުގެ ހަރަކާތްތައް އެ ޖަމާއަތުން މޮނިޓާ ކުރި އެވެ. ބޭނުންވި އަމާޒަށް މިސައިލް ސީދާ ވާސިލުވިކަން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ހިޒްބުﷲއިން ބުންޏެވެ.

އިޒްރޭލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތަކުގައި އަސްކަރީ މަނަވަރުތައް ދަނީ ބޭނުންކުރަމުންނެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން އިޒްރޭލްގެ މަނަވަރަކަށް ކާމިޔާބު ހަމަލާއެއް ދިން ކަމަށް ހިޒްބުالله އިން ބުނި ފުރަތަމަ ފަހަރެވެ.