މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ބޮޑު ލޮޅުމާ ގުޅިގެން ސަރުކާރުތަކުން އަޅާ ފިޔަވަޅުތަކަކީ އަމާޒެެއް ނެތް، އިގްތިސާދަށް ގެއްލުންވާނެ ކަންކަމަށް ވެގެން ނުވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ވެރިޔާ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

މާލީ ކަންކަމުގައި ސީދާ އަމާޒެއް އޮވެގެން އަދި ހަމަޖެހޭ  ސިޔާސަތުތަކެއް ގެންގުޅުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި، އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވީ ހަކަތައިގެ އަގުތައް މައްޗަށް ދިއުމާއި ސަޕްލައި ޗެއިންއަށް އަންނަ ބުރޫތަކުގެ ސަބަބުން "ނޭދެވޭ އަސަރުތަކެއް ކުރިމަތިނުވެ ނުދާނެ" ކަމަށެވެ.

"މިކަމުން ސަލާމަތްވެވޭނެ އެހެން މަގެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ނިކަމެތި މީހުންނަށާއި، މިފަދަ ކާރިސާތަކުން އަރައިގަތުމަށް ބަޖެޓުގެ ތަަނަވަސްކަން ނެތް ފަގީރު ގައުމުތަކަށް މިކަމުގެ ސަބަބުން ކުރާނެ އަސަރު ބޮޑުވާނެކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާ ގޮވާލެއްވީ އަގުތައް ކޮންޓްރޯލް ކުރުމާއި، ސަބްސިޑީ ދިނުމާއި ނުވަތަ މުދާ އެކްސްޕޯޓްކުރުން ކޮންޓްރޯލްކުރުމުގެ ބަދަލުގައި، ސަރުކާރުތަކުން "ހަރުކަށި، ސީދާ އަމާޒެއް އޮތް، އަދި ވަގުތީ ފިޔަވަޅުތަކެއް" އެޅުމަށެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން މުޅި މެދުއިރުމަތީގައި ވަނީ ހަމަނުޖެހުން އުފެދިފަ އެވެ. އަދި އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، މުދާ އުފުލުމަށް ބުރޫއަރައި، ތެލުގެ އަގު ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ. 

އައިއެމްއެފްގެ އިސްވެރިޔާ ވިދާޅުވި ގޮތުގައި މާލީ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތައް ތިބީ އުނދަގޫ ހާލަތެއްގަ އެވެ. އެއީ ރައްޔިތުންނަށް ކުރިމަތިވާ ތަކުލީފުތައް ލުއިކޮށްދިނުމާއި މަރުކަޒީ ބޭންކުތަކުން ހަރުކަށި މާލީ ސިޔާސަތުތަކެއް ގެންގުޅެން މަޖުބޫރުވެ، އިގްތިސާދަށް ބޮޑު ލޮޅުމެއް އައުމާ ދެމެދު ގޮތެއް ނިންމަން ޖެހިފައިވާތީ އެވެ.

"އަޅުގަނޑު އެމީހުންގެ ހާލަތާ މެދު ކަންބޮޑުވަން، ސަބަބަކީ އެ މީހުންނަށް މިހާރު ކުރިމަތިވެފައިވަނީ ގޯސް ނުވަތަ އެއަށްވުރެ ވެސް ގޯސް ގޮތެއް އިހްތިޔާރުކުރަން ޖެހޭ ހާލަތަކާ،" ދުނިޔޭގެ މާލީ އިސްވެރިން ބައިވެރިވާ އައިއެމްއެފްގެ ސްޕްރިންގް މީޓިންސްގެ ތެރެއިން ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ މެސެޖަކީ: މާލީ ކަންކަމުގައި ސުލޫކު އިސްކުރާށޭ. މާލީ ބޮޑު ތަނަވަސްކަމެއް ނެތޭ. އެހެންވެ، ހުރި އެއްޗެއް ބުއްދިވެރިކަމާ އެކު ބޭނުންކުރާށޭ. މަރުކަޒީ ބޭންކުތަކުގެ މަސައްކަތް އިތުރަށް އުނދަގޫ ނުކުރާށޭ."

އެންމެނަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި، ސަރުކާރުތަކުން އެންމެ ނިކަމެތި މީހުންނަށް އިސްކަންދޭ ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަފުތާގައި ރަސްމީކޮށް ފަށާ ސްޕްރިންގް މީޓިންސްގެ މައިގަނޑު މައުޟޫއަކީ މި ކާރިސާ މެނޭޖުކުރާނެ ގޮތެވެ.

އައިއެމްއެފްގެ ވަގުތީ އެހީ

ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ގައުމުތަކަށް ވަގުތީ އެހީގެ ގޮތުގައި 20 ބިލިއަނާއި 50 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ފޯރުކޮށްދޭނެ ކަމަށް އައިއެމްއެފްގެ އިސްވެރިޔާ ވަނީ ބައްދަލުވުންތައް ފެށުމުގެ ގޮތުން ދެއްވި ބަޔާނުގައި ވިދާޅުވެފަ އެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް ކުއްލި މާލީ އެހީއަށް އެދި ދެ ހުށަހެޅުމެއް ލިބިފައިވޭ،" އެއީ ކޮން ގައުމުތަކެއްކަން ހާމަނުކުރައްވައި އޭނާ ވިދާޅުވި އެވެ.

އިތުރު ގައުމުތަކަކުން ވެސް ފަންޑު ހޯދުމާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުންވާ ކަމުގެ އިޝާރާތެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އޭޝިއާ، ސަބް-ސަހާރަން އެފްރިކާ އަދި ކުދި ޖަޒީރާ ގައުމުތަކަށް މިވަގުތު އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެ އެވެ. ކުރިއަށް އޮތް ހަފުތާގައި ކޮންމެ ގައުމަކާ ވަކިވަކިން މި ކާރިސާއާ ގުޅޭގޮތުން މަޝްވަރާކޮށް، އައިއެމްއެފަށް ކޮށްދެވޭނެ ކަންކަން ބަލާނެ އެވެ.

ބައެއް ގައުމުތަކަށް ދޫކޮށްފައިވާ ލޯނު ޕްރޮގްރާމްތަކަށް ބަދަލު ގެނެސް، ފައިސާ ދޫކުރުން އަވަސްކުރުން ނުވަތަ އިތުރު ފައިސާ ހަމަޖައްސައިދިނުން މީގެ ތެރޭގައި ހިމެނެ އެވެ. ސްރީ ލަންކާގެ ބޭނުންތަކާ ގުޅޭ ގޮތުން، މިހާރު އޮތް ޕްރޮގްރާމަށް ބަދަލު ގެންނާނެ ގޮތާ މެދު މަޝްވަރާކޮށް މިހާރު ވެސް ވަނީ 700 މިލިއަން ޑޮލަރު އިތުރަށް ދޭން ފާސްކޮށްފަ އެވެ. 

މީގެ އިތުރުން ބަންގްލަދޭޝް، މިސްރު، އުރުދުން އަދި ޕާކިސްތާނާ އެކު ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިއެމްއެފްގެ ވެރިޔާ ވަނީ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ އިގްތިސާދީ ކުރިއެރުން ލަފާކުރާ މިންވަރު ދަށްކުރާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

"މި ލޮޅުމުގެ އަސަރު މިހާރު ވެސް ވަނީ ފެންނަން ފަށާފައި. މިއަދު ހަނގުރާމަ ހުއްޓުނަސް، މިވީ ފަސް ހަފުތާއެއްހާ ދުވަހު ތެލާއި ގޭސް ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން އިގްތިސާދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި،" އޭނާ ވިދާޅުވި އެވެ.

މާލީ ހަމަޖެހޭ އުސޫލަކާ އެކު މިފަދަ ހާލަތްތަކާ ކުރިމަތިލުމަކީ އުނދަގޫ ކަމަކަށް ވިޔަސް، އެކަން ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭރުގައި ހިނގާ ކަންކަމުގެ ސަބަބުން ކުރިމަތިވާ މިފަދަ ލޮޅުންތަކަކީ ސަރުކާރުތަކުގެ ކޮންޓްރޯލްގައި އޮތް ކަމެއް ނޫން. އެކަމަކު އެ މީހުންގެ ކޮންޓްރޯލްގައި އޮތީ އިގްތިސާދު ރަނގަޅު ހާލަތަކަށް ގެނައުން،" އޭނާ ވިދާޅުވި އެވެ. "އެއީ އުނދަގޫ ކަމެއް، އެކަމަކު ގައުމުތަކުން އެކަމާ ކުރިމަތިލާން ޖެހޭނެ."