މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ލޮޅުންތައް އަރަމުން ދާތީ ތަކެތީގެ އަގުތައް އުފުލި، ދުނިޔޭގެ އިގްތިސާދު "މަގުން ކައްސާލަފާނެ" ކަމުގެ އިންޒާރު ދެމުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މި އަހަރުގެ ދުނިޔޭގެ އިގްތިސާދީ ކުރިއެރުމުގެ އަންދާޒާ ދަށްކޮށްފި އެވެ.

އެމެރިކާގެ ވޮޝިންޓަންގައި ބޭއްވި ސްޕްރިންގް މީޓިންގްސްގެ ތެރެއިން އައިއެމްއެފުން ނެރުނު "ވޯލްޑް އިކޮނޮމިކް އައުޓްލުކް" ރިޕޯޓުގައި ބުނެފައިވަނީ، މިއަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނީ 3.1 ޕަސެންޓުގައި ކަމަށެވެ.

މިއީ ފެބްރުއަރީ 28 ގައި އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން އީރާނުން ބަދަލުހިފުމުގެ ހަމަލާތައް ދީ، ސަރަހައްދީ ބޮޑު ހަނގުރާމައެއް ފެށުމުގެ ކުރިން، ޖެނުއަރީ މަހު ލަފާކުރި 3.3 ޕަސެންޓަށްވުރެ ދަށް އަދަދެކެވެ.

"ހަނގުރާމައެއް ނުފެށުނު ނަމަ، އަޅުގަނޑުމެން ރާވާފައި އޮތީ 2026 ވަނަ އަހަރުގެ ކުރިއެރުން 3.4 ޕަސެންޓަށް މަތިކުރަން،" އައިއެމްއެފްގެ ޗީފް އިކޮނޮމިސްޓް ޕިއޭ-އޮލިވިއޭ ގުރީންޝާސް އޭއެފްޕީ އަށް ވިދާޅުވި އެވެ.

މި ހަނގުރާމައިގެ ސަބަބުން ތެލާއި، ގޭސް އަދި ގަސްކާނާގެ އަގުތައް ވަނީ އުފުލިފަ އެވެ. އެއީ އީރާނުން މުދާ އުފުލާ މުހިންމު މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުން މުޅިންހެން ހުއްޓުވާފައިވުމާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ބަނދަރުތައް ވަށާލައި ބަންދުކުރުމަށް އަމުރުކުރެއްވުމާ ގުޅިގެންނެވެ.

އައިއެމްއެފުން ލަފާކުރާ ގޮތުގައި މިއަހަރުގެ އިންފްލޭޝަން ހުންނާނީ 4.4 ޕަސެންޓުގަ އެވެ. މިއީ ޖެނުއަރީ މަހުގެ އަންދާޒާއަށްވުރެ 0.6 ޕަސެންޓް މަތީ އަދަދެކެވެ.

މި ހާލަތަށްފަހު، ފާއިތުވި މަދު އަހަރުތަކުގައި ފެނުނު "އިންފްލޭޝަން ދަށްވުމުގެ މިސްރާބު" އަލުން ފެންނަން ފަށާނެ ކަމަށް ގުރީންޝާސް ވިދާޅުވި އެވެ.

ނަމަވެސް، މި އަންދާޒާތައް ބިނާވެފައިވަނީ ހަނގުރާމަ ކުރު މުއްދަތަކަށް ދެމިގެންގޮސް، ހަކަތައިގެ ބާޒާރަށް އަރާ ބުރޫތަކަކީ ވަގުތީ ކަމެއްގެ ގޮތުގައި ބަލައިގެންނެވެ.

"މިއީ ހަކަތައިގެ ބޮޑު ކާރިސާއަކަށް ބަދަލުވެދާނެތީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ،" އޭނާ އިންޒާރު ދެއްވި އެވެ.

ހަކަތައިގެ އަގުތައް މުޅި އަހަރު ދުވަހު މަތީގައި ހުރެދާނެ ނުރައްކާތެރި ހާލަތްތަކުގައި، ދުނިޔޭގެ އިގްތިސާދީ ކުރިއެރުން 2.5 ޕަސެންޓަށް ނުވަތަ 2.0 ޕަސެންޓާ ގާތަށް ދަށްވުން އެކަށީގެންވާ ކަމަށް އައިއެމްއެފުން ބުންޏެވެ.

"1980 ވަނަ އަހަރުން ފެށިގެން، ކުރިއެރުން ދެ ޕަސެންޓަށްވުރެ ނުވަތަ އެއަށްވުރެ ދަށަށް ގޮސްފައިވަނީ މައިގަނޑު ގޮތެއްގައި ހަތަރު ފަހަރު،" ގުރީންޝާސް ވިދާޅުވި އެވެ.

އޭގެ ތެރޭގައި 2008 ވަނަ އަހަރުގެ ދުނިޔޭގެ މާލީ ކާރިސާ އާއި ކޮވިޑް-19 ގެ އާލަމީ ވަބާގެ ދުވަސްވަރު ހިމެނެ އެވެ.

"މި ފަހުގެ ލޮޅުން މިއައީ އެމެރިކާގެ ވިޔަފާރި ސިޔާސަތުތަކަށް ބަދަލު އައިތާ އަހަރެއް ވެސް ނުވަނީސް، އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ އާ ނިޒާމަކަށް ބަދަލުވުމުގެ މަސައްކަތް ހިނގަމުންދާ ދަނޑިވަޅެއްގައި،" އައިއެމްއެފުން ބުންޏެވެ.

މީގެ އަހަރެއް ކުރިން، ޓްރަމްޕް ވަނީ އެމެރިކާއާ އެކު ވިޔަފާރިކުރާ ގައުމުތަކުން އެތެރެކުރާ މުދަލުން ބޮޑެތި ޓެކްސްތަކެއް ނަގަން ފައްޓަވައި، މާލީ ބާޒާރުތަކަށް ގުޑުން އަރުވާލައި މުދާ ސަޕްލައިކުރުމުގެ ނިޒާމަށް ހުރަސްތަކެއް ކުރިމަތިކުރުވައިފަ އެވެ.

މީގެ ތެރެއިން ބައެއް ޓެކްސްތައް ސުޕްރީމް ކޯޓުން ބާތިލުކުރި ނަމަވެސް، އެހެން ގޮތްގޮތުން އެ ޓެކްސްތައް އަލުން އިއާދަކުރަން ޓްރަމްޕް މަސައްކަތް ކުރައްވަމުންދާތީ ނުތަނަވަސްކަން އަދިވެސް އެބަ އޮތެވެ.

 އެކި ގައުމުތަކަށް ކުރާ އަސަރު ތަފާތު 

ދުނިޔޭގެ ޖުމްލަ ކުރިއެރުމާއި އިންފްލޭޝަނަށް އައި ބަދަލުތައް ކުޑަކޮށް ފެނުނު ނަމަވެސް، މެދުއިރުމަތީގެ ގައުމުތަކަށާއި "ނާޒުކު އިގްތިސާދުތަކަށް" މި ހަނގުރާމައިގެ ސަބަބުން ކުރާ އަސަރު މާ ބޮޑުކަމަށް އައިއެމްއެފުން ފާހަގަކުރި އެވެ.

"އިގްތިސާދީ ގޮތުން ކުރިއަރަމުން އަންނަ ގައުމުތަކަށް ކުރާ އަސަރު، ކުރިއަރާފައިވާ ގައުމުތަކަށް ކުރާ އަސަރަށްވުރެ ދެ ގުނަ ބޮޑުވާނެ،" އެ އިދާރާއިން ބުންޏެވެ.

ހަކަތަ އާއި ގަސްކާނާގެ އަގު ބޮޑުވުމުގެ ސަބަބުން ކާބޯތަކެތީގެ އަގު އުފުލި، އެކަމުގެ ގެއްލުން މައިގަނޑު ގޮތެއްގައި ކުރާނީ ބޭރުން ހަކަތަ އެތެރެކުރާ އާމްދަނީ ދަށް ގައުމުތަކަށް ކަމަށް ގުރީންޝާސް ވިދާޅުވި އެވެ.

މެދުއިރުމައްޗާއި މެދުތެރޭ އޭޝިއާގެ ގައުމުތަކުގެ ކުރިއެރުން ވަނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ދަށްކޮށް، 1.9 ޕަސެންޓު ކަމަށް ލަފާކޮށްފަ އެވެ.

މެދުއިރުމަތީގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ސައުދީ އަރަބިއްޔާގެ ކުރިއެރުން މިއަހަރު ހުންނާނީ 3.1 ޕަސެންޓުގަ އެވެ. މިއީ ޖެނުއަރީ މަހު އުންމީދުކުރި ވަރަށްވުރެ 1.4 ޕަސެންޓް ދަށް އަދަދެކެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ ތެރެއިން، އެމެރިކާގެ ކުރިއެރުން މިއަހަރު 2.3 ޕަސެންތަށް އިތުރުވާނެ ކަމަށް ބެލެވުނު ނަމަވެސް، ކުރިއެރުމުގެ ދުވެލި ވަނީ ކުޑަކޮށް ދަށްކޮށްފަ އެވެ.

"އެމެރިކާއަށް ހަކަތައިގެ އަގުބޮޑުވުމުން ކޮންމެވެސް ވަރެއްގެ ފައިދާއެއް ލިބޭ،" ގުރީންޝާސް ވިދާޅުވި އެވެ.

ނަމަވެސް އާންމުންނަށް ވިއްކާ ޕެޓްރޯލްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

ޗައިނާގެ ކުރިއެރުން 4.4 ޕަސެންޓަށް މަޑުޖެހޭނެ ކަމަށް ބެލެވެ އެވެ. މިއީ ޖެނުއަރީ މަހުގެ އަންދާޒާއަށްވުރެ ކުޑަކޮށް ދަށް އަދަދެކެވެ.

މި ދެ އިގްތިސާދުގައި ވެސް "ހަމަޔަކަށް ނޭޅޭ" ކަންތައްތަކެއް ހުރިކަން އައިއެމްއެފުން ފާހަގަކުރި އެވެ.

ޗައިނާގައި އެތެރޭގެ ވިޔަފާރިއަށްވުރެ ބޭރަށް މުދާ ފޮނުވުން (އެކްސްޕޯޓް) ކުރީގައި އުޅޭއިރު، އެމެރިކާގެ ކުރިއެރުން ރަނގަޅު ނަމަވެސް ވަޒީފާ އިތުރުވާ މިންވަރު ހުރީ ދަށުގަ އެވެ.

ޔޫރޯ ބޭނުންކުރާ ގައުމުތަކުގެ ކުރިއެރުން މި އަހަރަށް ވަނީ 0.2 ޕަސެންޓް ދަށްކޮށް 1.1 ޕަސެންޓް ކަމަށް ލަފާކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ކުރިއެރުން ވަނީ 0.5 ޕަސެންޓް ދަށްކޮށް، މިއަހަރު 0.8 ޕަސެންޓް ކަމަށް ބަލައިފަ އެވެ. -- އޭއެފްޕީ