އީރާނުގެ ފައިސާ، ރިއާލްގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސް، އެމެރިކާ ޑޮލަރަކަށްޖެހޭ ރިއާލްގެ އަދަދު ކަޅު ބާޒާރުގައި ދެ މިލިއަނަށްވުރެ މައްޗަށް އުފުލިއްޖެ އެވެ.

މިއީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި އީރާން ފައިސާގެ އަގުން 10 ޕަސެންޓް ދަށަށް ދިއުމެވެ.  ހަނގުރާމަ ފެށުމުގެ ކުރިން ޑޮލަރެއްގެ އަގު އުޅުނީ 1.7 މިލިއަން ރިއާލްގަ އެވެ. އަދި ހަނގުރާމަ ފެށުނުތާ ދެ މަސް ދުވަސް ފަހުން، އޭޕްރީލް މަހުގެ ފަހުކޮޅު ފައިސާގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސް ޑޮލަރެއްގެ އަގު އުޅުނީ 1.8 މިލިއަން ރިއާލްގަ އެވެ.

އީރާނުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަބްދުއްނާސިރު ހިންމަތީ ހޯމަ ދުވަހު ވިދާޅުވީ ފައިސާގެ އަގު މިއަދު މިހާ ބޮޑަށް ދަށަށް ދިއުމަކީ ވަގުތީ ބަދަލެއް ކަމަށެވެ.

"ބޭރު ފައިސާގެ އަގުތަކަށް މި އައި ބަދަލަކީ ވަގުތީ ބަދަލެއް، މިއީ އަބަދުވެސް އަންނަ ދަށްވުންތަކެއް،" ދައުލަތުގެ ޓީވީން އާންމުކުރި ވީޑިއޯއެއްގައި ހިންމަތީ ވިދާޅުވި އެވެ.

އީރާނުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ބޮޑު ބަޔަކީ އެމެރިކާގެ "ސިޔާސީ ޕްރޮޕެގަންޑާ" ގެ ސަބަބުން ދިމާވާ ކަންތައްތަކުގެ ގޮތުގައި ހިންމަތީ ތުހުމަތު ކުރެއްވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި އިގްތިސާދީ ހާލަތު ރަނގަޅުވެ، މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް އޭނާ ޔަގީންކަން ދެއްވި އެވެ.

"ޕްރޮޕެގަންޑާ ހަމަލާތަކުގެ ސަބަބުން އަންނަ ވަގުތީ ބަދަލަކާ ހުރެ އަޅުގަނޑުމެންގެ މުޅި މިސްރާބު ހަލާކެއް ނުކޮށްލެވޭނެ،" އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރުތަކަށް އިޝާރާތް ކުރައްވައި ހިންމަތީ ވިދާޅުވި އެވެ.

އީރާނުގައި ރަސްމީކޮށް ކަނޑައަޅާފައިވާ ވަކި ރޭޓްތަކެއް ހުރި ނަމަވެސް، އާންމުކޮށް ބާޒާރުގައި ބޭނުންކުރަނީ އޮންލައިން މާކެޓްތަކުން ފެންނަން ހުންނަ ނުރަސްމީ ރޭޓްތަކެވެ. މި ހާލަތު މެދުވެރިވެފައި ވަނީ އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފެށުމުގެ ރޭވުންތައް އިއުލާނުކުރުމަށް އެމެރިކާއިން ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ އީރާނާ ދެކޮޅަށް އިގްތިސާދީ ފިޔަވަޅުތަކުގެ އާ ރާޅެއް އިއުލާނުކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ފާރްސީ ކަނޑުއޮޅި އާއި ހޮރުމުޒް ކަނޑުއޮޅީގައިވާ އީރާނުގެ ބަނދަރުތައް އެމެރިކާއިން ބަންދުކޮށްފައިވާ ބަންދުކުރުން ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ދުނިޔޭގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބޮޑު، ސިލްސިލާ އިގްތިސާދީ އެކެހެރިކުރުމުގެ ހަރަކާތަށް ވެގެންދާނެ،" ބެސެންޓް ވިދާޅުވި އެވެ. -- އޭއެފްޕީ