އީރާން ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމުގެ ބިރާ އެކު ތެލުގެ ހަރަދު ކުޑަކުރުމަށް ސްރީ ލަންކާއިން އަޅަމުންދާ ފިޔަވަޅުތަކުގައި، މަސައްކަތު ހަފުތާ ހަތަރު ދުވަހަށް ބަދަލުކޮށްފި އެވެ. 

އީރާނަށް އިޒްރޭލާއި އެމެރިކާއިން ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން، ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 ޕަސެންޓް އުފުލާ ހޮރްމޫޒް ކަނޑޯޅި ބަންދުކުރުމާ އެކު ތެލުގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. އަދި ހަމަލާތައް ތިން ވަނަ ހަފްތާއަކަށް ދިގު ދެމިގެން ގޮސްފައި ވާއިރު އަދިވެސް ހައްލެއް ލިބޭނެ ކަމުގެ ނިޝާނެއް ވެސް ނުފެނެ އެވެ. 

ހަނގުރާމައާ ހެދި އިގްތިސާދީ ގޮތުން ކުރިމަތިވެދާނެ ދަތިކަމަށް ފިޔަވަޅު އަޅަމުން އަންނަ ލަންކާގެ ކޮމިޝަނަ ޖެނެރަލް އޮފް އެސެންޝަލް ސާވިސަސް ޕްރަބާތު ޗަންދުރަކީރްތީ ވިދާޅުވީ ބުދަ ދުވަހުން ފެށިގެން ދައުލަތުގެ މުއައްސަސާތައް ހުޅުވާނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށެވެ. އަދި އުސޫލު ސްކޫލްތަކާއި ޔުނިވަސިޓީތަކަށް ވެސް ހިނގާނެ ކަމަށާއި ވަކި ގޮތަކަށް ކަނޑައަޅަންދެން މިގޮތަށް އަމަލުކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ޕްރައިވެޓް ސެކްޓާއިން ވެސް މިގޮތަށް އަމަލުކޮށް، ކޮންމެ ބުދަ ދުވަހެއް ޗުއްޓީ ދުވަހެއްގެ ގޮތުގައި ހެދުމަށް ގޮވާލަން،" ރައީސް އަނޫރާ ކުމާރާ ޑިސާަނަޔަކަ ރިޔާސަތު ބެލެހެއްޓެވި ކުއްލި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗަންދްރަކީރްތީ ވިދާޅުވި އެވެ.

"އެންމެ ގޯސް ހާލަތަށް ތައްޔާރުވާން ޖެހޭ، އެކަމަކު އެންމެ ރަނގަޅު ނަތީޖާއަށް އުއްމީދު ކުރަން،" ރައީސް ވިދާޅުވި ކަމަށް، އެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅަކު ވިދާޅުވި އެވެ.

ޑިސެނަޔަކަ ވިދާޅުވީ ހޮސްޕިޓަލްތަކާއި ބަނދަރުތަކާއި އިމަޖެންސީ ހިދުމަތްތައް ފަދަ ޒަރޫރީ ހިދުމަތްތައް މިހާރު ވެސް ކުރިއަށްދާ ގޮތަށް ހިންގަމުންދާނެ ކަމަށެވެ.

ސަރުކާރުން ވަނީ ތެލުގެ ހަރަދު ކުޑަކުރެވެން ހުރި ކޮންމެ ގޮތަކުން އެކަން ކުރުމަށް ނިންމައި ސަރުކާރުގެ ހަފްލާތައް ބޭއްވުން މެދުކަނޑާލައި ސަރުކާރު މުވައްޒަފުންގެ ތެރެއިން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ކޮންމެ މީހަކު އެގޮތަށް މަސައްކަތްކުރުމަށް ވެސް ނިންމައިފަ އެވެ. 

ލަންކާ އަކީ ކަރަންޓު އުފެއްދުމަށް ބޭނުންވާ ހުރިހާ ތެލެއް އިމްޕޯޓްކުރާ ގައުމެކެވެ. އަދި މި ބޭނުމަށް ކޯލް ވެސް އިމްޕޯޓްކުރެ އެވެ. 

ލަންކާގައި މިހާރު ވަނީ ތެޔޮ ވެސް ކޮންމެ ވެހިކަލަކަށް ވަކި މިންވަރަކަށް ވިއްކަން ފަށައިފަ އެވެ. މިހާރު ކަނޑައަޅާފައިވަނީ އާންމު ވެހިކަލަކަށް ހަފްތާއަކު 15 ލިޓަރު އަދި ޕަބްލިކް ޓްރާންސްޕޯޓްގައި ބޭނުންކުރާ ވެހިކަލްތަކަށް ހަފްތާއަކު 200 ލިޓަރެވެ. 

އޮފިޝަލުން ބުނީ އެ ގައުމުގެ ޕެޓްރޯލް އަދި ޑީސަލް ރިޒާވްގައި ހަ ހަފުތާއަށް ވާ ވަރަށް ހުންނާނެ ކަމަށާއި ނަމަވެސް ސަޕްލައިއަށް އިތުރަށް ބުރޫ އަރައިފި އަރައިފި ނަމަ ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. 

ސާފުކުރި ތެޔޮ ލަންކާއަށް އާންމުކޮށް އެތެރެކުރަނީ ސިންގަޕޫރު، މެލޭޝިއާ އަދި ދެކުނު ކޮރެއާއިންނެވެ. ތެޔޮ ސާފުކުރާ ކާރުހާނާއިން ލަންކާގައި އީރާނުން ހަދާފައި ހުރެ އެވެ. އެތަނަށް އާންމުކޮށް ސަޕްލައިކުރަނީ މެދުއިރުމަތިންނެވެ. 

ލަންކާ ސަރުކާރުން ވަނީ އެ ގައުމު 2022 ވަނަ އަހަރު 46 ބިލިއަން ޑޮލަރުގެ ދަރަންޏާ އެކު ބަނގުރޫޓުވި މައްސަލައަށް ފަހު އެކަމުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތަށް ހަނގުރާމައިގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. -- އޭއެފްޕީ