އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާ ދިނުމާ އެކު ފެށުނު ހަނގުރާމައިގެ ފުރަތަމަ 40 ދުވަހު އިޒްރޭލުގެ ބަޖެޓުން ގާތްގަނޑަކަށް 35 ބިލިއަން ނިއު އިޒްރޭލީ ޝެކޭލް (11.5 ބިލިއަން ޑޮލަރު) ހަރަދުވެފައިވާ ކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓްރީން އިއްޔެ ދުވަހު ނެރުނު އަންދާޒާއަކުން ދައްކައިފި އެވެ.

ހަނގުރާމައިގެ ސަބަބުން އިޒްރޭލުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ޖީޑީޕީ ދަށްވުމާއި ދައުލަތުގެ ހަރަދު ބޮޑުވުން ހިމެނެ އެވެ. އެކަމަކު މި ގެއްލުންތަކުގެ ތަފްސީލް އަދި އަދި އެނގޭނީ ފަހުން ކަމަށް ވެސް ބުންޏެވެ.  

މި ހަރަދުތަކުގެ ބޮޑު ބަޔަކީ އިޒްރޭލް ޑިފެންސް ފޯސް (އައިޑީއެފް)، ޑިފެންސް މިނިސްޓްރީ، ނޭޝަނަލް ސެކިއުރިޓީ މިނިސްޓްރީ އަދި ސަލާމަތީ އެހެނިހެން އިދާރާތަކަށް ހޭދަވި 22 ބިލިއަން ޝެކޭލް އެވެ. މީގެ ތެރޭގައި ހަނގުރާމަވެރި އާލާތްތަކަށް ކުރި ހޭދަޔާއި ކުރިން ކަނޑައެޅި ގޮތާ ހިލާފަށް ރިޒާވް ފޯސް  ނެރުމަށް ކުރަންޖެހުނު ބޮޑު ހަރަދު ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މި އަދަދު މިހާރު ވަނީ މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ތެރެއިން ޑިފެންސް މިނިސްޓްރީގެ ބަޖެޓަށް އިތުރުކޮށްފަ އެވެ.

އީރާނުގެ އަސްކަރީ ގާބިލުކަން ކުޑަކުރުމަށާއި، އެ ގައުމުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމްތައް ނައްތާލުމުގެ މަގުސަދުގައި ފެބްރުއަރީ 28 ގައި ފެށި މި ހަމަލާތަކާ ގުޅިގެން، އީރާނުން ދިޔައީ މެދުނުކެނޑި މިސައިލް ހަމަލާތަކުން ރައްދު ދެމުންނެވެ. ނަމަވެސް މިދިޔަ ހަފްތާގައި ވަނީ ހަނގުރާމަ ދެ ހަފްތާއަށް މެދުކަނޑާލަން އެއްބަސްވެފަ އެވެ. 

މި ހަނގުރާމައިގެ ތެރޭގައި، އިޒްރޭލުގެ ވައިގެ ސިފައިން ވަނީ 1،000 އަށް ވުރެ ގިނަ މިޝަންގައި އީރާނަށް 18،000 އަށް ވުރެ ގިނަ ބޮން އަޅައިފަ އެވެ. އައިޑީއެފް އިން ބުނާ ގޮތުގައި، 4،000 އަށް ވުރެ ގިނަ އަމާޒަށް 10،800 އަށް ވުރެ ގިނަ ވަކިވަކި ހަމަލާތައް ވަނީ ދީފަ އެވެ. މީގެ ތެރޭގައި ވައިގެ ދިފާއީ ނިޒާމުތަކާއި، ބެލިސްޓިކް މިސައިލް ފޮނުވާ އާލާތްތަކާއި، ހަތިޔާރު އުފައްދާ ތަންތަނާއި، ނިއުކްލިއާ މަރުކަޒުތަކުގެ އިތުރުން ތަފާތު ހެޑްކުއާޓަރުތަކާއި އަސްކަރީ ކޮމާންޑަރުންނާއި ލީޑަރުން ހިމެނެ އެވެ.

ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ އިޒްރޭލަށް ގާތްގަނޑަކަށް 650 ބެލިސްޓިކް މިސައިލް ފޮނުވާލައިފަ އެވެ. މީގެ ތެރެއިން އެތައް ސަތޭކަ ކިލޯގެ ގޮވާތަކެތި ހަރުކޮށްފައިވާ، މަދުވެގެން 16 މިސައިލެއް އިޒްރޭލުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަރައި، ބޮޑެތި ގެއްލުންތަކެއް ލިބި މީހުން މަރު ވެސް ވެފައިވެ އެވެ.