އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ސްކޫލަކަށް ވަދެވޭނެ މަގު، ޔަހޫދީ ޣައިރު ގާނޫނީ ވަޒަންވެރިން ބަންދުކުރުމާ ގުޅިގެން އިހުތިޖާޖު ކުރަމުންދިޔަ ފަލަސްތީނުގެ ކުޑަކުދިންތަކަކަށް އަމާޒުކޮށް އިޒްރޭލު ސިފައިން ކަރުނަގަސް ޖަހައި ހަމަލާދީފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ އުންމުލް-ޚައިރު އަވަށުގަ އެވެ.
އީރާންގެ ހަނގުރާމައިގެ ސަބަބުން 40 އަށް ވުރެ ގިނަ ދުވަހު ކިޔެވުން މެދުކަނޑާލާފައި އޮތުމަށްފަހު، އެ އަވަށުގެ ކުދިން އަލުން ސްކޫލަށް ދިޔަ ފުރަތަމަ ދުވަހު ޔަހޫދީން ވަނީ ކަށިނަރު ދަމައި ސްކޫލަށް ވަދެވޭނެ މަގު ބަންދުކޮށްފަ އެވެ.
އޭއެފްޕީގެ ފޫޓޭޖްތަކުން ފެންނަ ގޮތުގައި، މަގު ހުޅުވައިދިނުމަށް އެދި، ހާމަ ތަނެއްގައި އިށީނދެގެން ތިބި ދަރިވަރުންނާއި އާންމުންނަށް އަމާޒުކޮށް ސިފައިން ކަރުނަގަސް ޖެހުމާ އެކު، ކުދިން ބިރުން ހަޅޭއްލަވަމުން އެކި ދިމަދިމާލަށް ދުވާ މަންޒަރު ފެނެ އެވެ.
"އަހަރެމެން އިށީނދެގެން ތިއްބާ ކުއްލިއަކަށް ކަރުނަގަސް ޖެހީ. އަހަރެން ވަރަށް ބިރުގަތް،" ހާދިސާ ފެނި ބިރުން ހުރި 12 އަހަރުގެ ސާރާ އަލް-ހަސަލީން ބުންޏެވެ.
މި ސަރަހައްދުގެ އެޑިއުކޭޝަން ޑިރެކްޓަރު ބައްސާމް ޖަބްރު ވިދާޅުވީ، ޔަހޫދީން ދަނީ އެކި ގޮތްގޮތުން ފަލަސްތީނު މީހުންގެ ދިރިއުޅުމަށް ދަތިކޮށް، އެ މީހުންގެ އާބާދީތައް ފުޅާކުރަން މަސައްކަތް ކުރަމުން ކަމަށެވެ. އަދި ކުދިންނަށް ސްކޫލަށް ދެވޭނެ ހައްލެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އެ ސަރަހައްދުގައި ބޭއްވި "އާދަޔާ ހިލާފު އެއްވުމެއް" ރޫޅާލާފައިވާ ކަމަށެވެ. ނަމަވެސް ކުޑަކުދިންނަށް އަމާޒުކޮށް ކަރުނަގަސް ޖެހި ކަމަކަށް ސިފައިން އެއްބަހެއް ނުވެ އެވެ.
މަސާފަރު ޔައްތާ ސަރަހައްދަކީ ޒަމާނުއްސުރެ ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަން ބޮޑު ސަރަހައްދެކެވެ. އީރާނު ހަނގުރާމަ ފެށުނު ފަހުން، ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް ދޭ ހަމަލާތައް ވަނީ ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެފަ އެވެ.
އިޒްރޭލުން 1967 އިން ފެށިގެން ހިފާފައި އޮންނަ ހުޅަނގު އައްސޭރީގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހަދާފައިވާ ޔަހޫދީ އާބާދީތަކުގައި މިހާރު ފަސް ލައްކައަށް ވުރެ ގިނަ އިޒްރޭލު މީހުން ދިރިއުޅެ އެވެ. -- އޭއެފްޕީ