ސޮޑާ އެޅުމުން ވިނަ މަރުވާތީ، އެ ބުއިމުން، ހަށިގަނޑުގެ އެތެރޭގައި ހުންނަ ކެންސަރު ސެލްތައް ވެސް މަރާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލުކުރައްވާ ކަމަށް ބުނެފި އެވެ.

މި އާދަޔާ ހިލާފު ވާހަކަ ހާމަކުރެއްވީ، ޓްރަމްޕުގެ ދޮށީ ދަރިފުޅު ޑޮނަލްޑް ޓްރަމްޕް ޖޫނިއާ ހޮސްޓްކުރައްވާ ޕޮޑްކާސްޓުގައި ޓްރަމްޕްގެ އެޑްމިނިސްޓްރޭޓަ ފޯ މެޑިކެއާ އެންޑް މެޑިކެއިޑް، ޑރ. މެހްމެތް އޯޒް އެވެ.

"ވިނަގަނޑު މައްޗަށް ޑައިޓް ސޮޑާ އެޅުމުން ވިނަ މަރުވާތީ، އެއީ ހަށިގަނޑަށް ރަނގަޅު އެއްޗެއް ކަމަށާއި، އޭގެ ސަބަބުން ހަށިގަނޑުގެ އެތެރޭގައި ހުންނަ ކެންސަރު ސެލްތައް މަރުވާނެ ކަމަށް ތިޔަ ބޭފުޅާގެ ބައްޕަ ދާދިފަހުން ވިދާޅުވި،" ހައިރާންވެފައި ހުރެ އޯޒް، ޓްރަމްޕް ޖޫނިއާ ގާތު ވިދާޅުވި އެވެ.

މި ވާހަކައަށް ޖަވާބުދިނުމުގެ ބަދަލުގައި ޓްރަމްޕް ޖޫނިއާ ހަމައެކަނި ހިނިތުންވެލާފައި ކޮނޑު އަރުވާލީ ބައްޕަ އެގޮތަށް ގަބޫލުކުރާކަން އޭނާއަށް ވެސް އެނގޭ ކަމަށް ބުނާ ފަދަ ގޮތަކަށެވެ. އެ ވާހަކައާ ގުޅުވައި އޭނާ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

"މިކަމާ ބެހޭގޮތުން އަޅުގަނޑު މިވަގުތު ބަހުސް ކުރާކަށް ވެސް ނެތިން،" އޯޒް ވިދާޅުވި އެވެ.

އޯޒް ކިޔައިދެއްވި ގޮތުގައި، އެއާ ފޯސް ވަންގައި ޓްރަމްޕް 'އޮރެންޖް ފެންޓާ' ބޯން އިންނަވަނިކޮށް އޭނާއަށް ފެނިގެން، "މިއީ ސަމާސާއެއްތޯ" ސުވާލުކުރެއްވުމުން ވެސް ވަނީ އެ ވާހަކަ އެގޮތަށް ވިދާޅުވެފަ އެވެ.

އޯޒް ވިދާޅުވި ގޮތުގައި ޓްރަމްޕު އެ ދުވަހު ވަނީ "މިއީ އަހަންނަށް ރަނގަޅު އެއްޗެއްކަން އެނގޭތަ؟ މީގެ ސަބަބުން ކެންސަރު ސެލްތައް މަރުވޭ،" އޭ ވިދާޅުވެފަ އެވެ.

ސޯޑާ އިން ކެންސަރު ސެލްތައް މަރާލާ ކަމަށް ބުނާ ވާހަކައަކީ އެއްވެސް ސިއްހީ ހޯދުމަކަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. މިއީ ސިއްހީ މާހިރުން ދޮގުކުރާ، ސައިންސާ ކަނޑައެޅިގެން ހިލާފު ވާހަކައެކެވެ.

ސައިންޓިފިކް ގޮތުން ސާބިތުވާ އެތައް ކަމަކާ ހިލާފަށް ޓްރަމްޕު މީގެ ކުރިން ވެސް ވާހަކަ ދައްކަވާފައިވެ އެވެ. އިންސާނުންގެ ސިއްހަތާ ގުޅުން ހުރި އެތައް ކަމެއްގައި ވެސް، ޝައްކު އުފައްދައި މީހުންނަށް އޮޅޭ ގޮތަށް ޓްރަމްޕު ދައްކަވާ ވާހަކަތަކާ ގުޅިގެން ސިއްހީ މާހިރުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެ އެވެ. 

ފާސްޓްފުޑް ތަކެއްޗަށް ވެސް ވަރަށް ބޮޑަށް ލޯބިކުރައްވައި އަދި ރަސްމީ އިވެންޓްތަކުގައި ވެސް އެފަދަ ތަކެތި ޕްރޮމޯޓްވާ ގޮތަށް ޓްރަމްޕު އަމަލުކުރައްވަ އެވެ.