އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ކަމުގެ ކުށުގައި ޕާކިސްތާނު މީހަކަށް 27 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި އާސިފް މާޗަންޓް ނަމަކަށް ކިޔާ އެ މީހާގެ މައްޗަށް 330 މަސް ދުވަހުގެ (27 އަހަރާއި ބައި) ޖަލު ހުކުމެއް އިއްވީ އިއްޔެ އެވެ. އޭނާ އެކަން ރޭވީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އެމެރިކާއިން އަވަހާރަކޮށްލި ހާދިސާގެ ބަދަލުހިފުމުގެ ގޮތުން ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

އީރާނާ ގާތް ގުޅުމެއް އޮންނަ ކަމަށް ތުހުމަތުކުރެވޭ އާސިފް، އެމެރިކާގެ ސިޔާސީ ބޭފުޅަކު ނުވަތަ ސަރުކާރުގެ އޮފިޝަލަކު މަރާލުމަށްޓަކައި، ފައިސާ ދީގެން މީހަކު ހޯދަން މަސައްކަތް ކުރި ކަން ބްރޫކްލިންގެ ކޯޓަށް ވަނީ ސާބިތުވެފަ އެވެ.

އީރާނުގެ އަސްކަރިއްޔާގެ ބޭރުގެ އޮޕަރޭޝަންތަކުގެ އިސްވެރިއަކަށް ހުންނެވި ސުލައިމާނީ އަވަހާރަކޮށްލީ ޖެނުއަރީ 2020 ގައި އިރާގުގެ ވެރިރަށް ބަޣުދާދަށް އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގަ އެވެ. އޭގެ ފަހުން އީރާނުގެ އޮފިޝަލުން ގެންދަވަނީ އެކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވަމުންނެވެ.

މި މައްސަލައިގެ ޝަރީއަތުގައި އާސިފް ބުނެފައި ވަނީ އެކަން ކުރަން އޭނާއަށް މަޖުބޫރުވީ އީރާނުގެ ވެރިރަށް ތެހެރާނުގައި ދިރިއުޅޭ އޭނާގެ އާއިލާ ރިވޮލިއުޝަނަރީ ގާޑުންގެ ކިބައިން ސަލާމަތްކުރުމަށް ކަމަށެވެ. އަދި މީހަކު މަރާލެވުމުގެ ކުރިން އޭނާ ހައްޔަރުވާނެ ކަމަށް ހީކުރި ކަމަށް ވެސް އޭނާ ކޯޓުގައި ބުނެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ވަކި މީހަކު މަރާލަން އޭނާއަށް އަންގާފައި ނުވާ ކަމަށް އާސިފް ބުނި ނަމަވެސް، އެ ރޭވުމާ ގުޅިގެން އީރާނުން އޭނާއާ މުއާމަލާތް ކުރި މީހާ ތިން ބޭފުޅެއްގެ ނަން ފާހަގަކުރި ކަމަށް އޭނާ ބުންޏެވެ. އެއީ ރައީސް ޓްރަމްޕާއި، ކުރީގެ ރައީސް ޖޯ ބައިޑެންގެ އިތުރުން އދ. އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު ނިކީ ހޭލީ އެވެ.

ނަމަވެސް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިއްޔެ ވިދާޅުވީ އެ ރޭވުން އަމާޒުކޮށްފައި އޮތީ ސީދާ ރައީސް ޓްރަމްޕަށް ކަމަށެވެ.

"ރައީސް ޓްރަމްޕް އަވަހާރަކޮށްލުމުގެ ހަމަލާއެއް ވިލަރެސް ކުރުމަށް އެމެރިކާއަށް އައި އީރާނުގެ އޭޖެންޓަކަށް އޭނާގެ ކުށުގެ އަމަލަށް އިންސާފުވެރި އަދަބެއް މިހާރު ވަނީ ދެވިފައި،" ހުކުމަށް ފަހު ނެރުއްވި ބަޔާނެއްގައި ބްލާންޗް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "އެމެރިކާގެ ލީޑަރުންނާ ދެކޮޅަށް ބޭރުގެ ޓެރަރިސްޓުން" ރާވާ އެފަދަ ރޭވުންތަކަށް ޖަސްޓިސް ޑިޕާޓްމަންޓުން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށާއި، އެކަމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ނުގެނެވެނީސް ހުއްޓާނުލާނެ ކަމަށެވެ.

އެމެރިކާގެ އޮފިޝަލުން މީގެ ކުރިން ވެސް ވަނީ އާސިފްއާ އީރާނާ ގާތް ގުޅުންތަކެއް އޮތް ކަމަށް ބުނެ، އޭނާގެ އެ ރޭވުމަކީ ސީދާ އީރާނު ސަރުކާރުގެ އުކުޅުތަކާ އެއްގޮތަށް ރާވާފައިވާ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އާސިފް ހައްޔަރުކުރީ އެމެރިކާއިން ފުރައިގެން ދާން އުޅެނިކޮށް ޖުލައި 12، 2024 ގަ އެވެ. -- އޭއެފްޕީ