ސިޔާސީ މައިދާނުގެ ބޭއަދަބީ އަމަލުތަކާއި ހުތުރު ބަސްމަގުގެ ސަބަބުން، ސިޔާސީ ލީޑަރުންނަށް އާންމުން ކުރާ އިތުބާރު ކުޑަވެ، އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދުވުމުގެ ފުރުސަތު ބޮޑުވަމުންދާ ކަމަށް އަންގާރަ ދުވަހު ޝާއިއުކުރި ސްވިޑަންގެ ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.
ސްވިޑަންގެ 'ވައިޓް-ކޮލާ' ޓްރޭޑް ޔޫނިއަން (ޓީސީއޯ) އިން ހަވާލުކޮށްގެން މި ރިޕޯޓު ތައްޔާރުކުރީ، ސްޓްރެސް އާއި މަސައްކަތުގެ މާހައުލާ ބެހޭގޮތުން ހާއްސަވެފައިވާ ކެރޮލިންސްކާ އިންސްޓިޓިއުޓްގެ ދެ ދިރާސާވެރިން ކަމަށްވާ ޑެން ހަންސަން އަދި ކާރިން ވިލައުމް އެވެ.
ބައިނަލްއަގުވާމީ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް އެ ދެ ބޭފުޅުން ލިޔުއްވާފައިވާ ރިޕޯޓުގައި ވަނީ، ސިޔާސީ ދާއިރާގައި އަދަބު އަހުލާގު ދަށްވުމަކީ ބޮޑު މައްސަލައެއް ކަމަށާއި، މި ހާލަތު ދަނީ ގޯސްވަމުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޑިމޮކްރަސީއަށް ނުރައްކާވެދާނެ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"ސިޔާސީ ކަންކަމުގައި އަދަބުވެރިކަން އިސްކުރުމަަށް އާންމުންގެ ބޮޑު ޑިމާންޑެއް އެބަ އޮތެވެ." ރިޕޯޓްގައިވެ އެވެ.
ރިޕޯޓުގައި ހަވާލާދީފައިވާ، ނޯވުސް އިންސްޓިޓިއުޓުން މިދިޔަ ފެބްރުއަރީ މަހު ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، ސްވިޑަންގެ ކޮންމެ ހަތަރު މީހަކުން ތިން މީހަކީ ސިޔާސީ ބަހުސްތަކުގެ ބަސްމަގު ހުންނަ ގޮތާ މެދު ކަންބޮޑުވާ މީހުންނެވެ.
އަދި ކޮންމެ ދެ މީހަކުން އެކަކު ބުނި ގޮތުގައި، ބަހުސްތަކުގެ ބަސްމަގު މާ ބޮޑަށް ހަރުކަށިވުމުގެ ސަބަބުން މިހާރު ސިޔާސީ ބަހުސްތަކެއް އެ މީހުން ނުބަލަ އެވެ. އަދި ހަމަ އެ އަދަދަށް މީހުން ވަނީ ބަސްމަގު އަދަބުވެރިވެއްޖެ ނަމަ ބަހުސްތައް ބަލަން ބޭނުންވާނެ ކަމަށް ވެސް ބުނެފަ އެވެ.
ސްވިޑަންގެ އާންމު އިންތިހާބު ސެޕްޓެމްބަރު 13 ގައި ބޭއްވުމަށް ހަމަޖެހިފައިވާތީ މި ދިރާސާ ވެފައި ވަނީ އެ ގައުމަށް މި ވަގުތު މުހިންމު އެއްޗަަކަށެވެ.
މިދިޔަ ނޮވެމްބަރު މަހު، ސްވިޑެންގެ ސެންޓަ ޕާޓީގެ ކުރީގެ ލީޑަރު އަންނާ-ކާރިން ހެޓް މަގާމާ ހަވާލުވިތާ އެންމެ ފަސް މަސް ތެރޭގައި އޭނާ ވަނީ އިންޒާރުތަކާ ގުޅިގެން އިންޒާރު ދެއްވައިފަ އެވެ. މިއީ އެ ގައުމުގައި ބޮޑު ހައިޖާނެއް އުފެދުނު ކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މިހާރު ރައްކާތެރިކަމެއް އިހުސާސެއް ނުކުރެވެ އެވެ.
ސްވިޑަންގެ ނޭޝަނަލް ކައުންސިލް ފޯ ކްރައިމް ޕްރިވެންޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު އިންތިހާބީ މަންދޫބުންގެ 25.4 ޕަސެންޓް މީހުންނަކީ އެކި ކަހަލަ އިންޒާރުތަކާއި، ގޯނާކުރުންތަކާއި، އަނިޔާވެރިކަމާއި، މުދަލަށް ގެއްލުންދިނުން ނުވަތަ ވައްކަމުގެ ޝިކާރައަކަށް ވެފައިވާ މީހުންނެވެ.
އަންގާރަ ދުވަހު މި ރިޕޯޓު ނެރުނު އިރު، މީޑިއާގެ ދައުރާއި ޒިންމާއާ ބެހޭގޮތުން ވެސް ވާހަކަ ދެއްކި އެވެ. އަފްޓަންބްލަޑެޓް ނޫހުގެ ޑެޕިއުޓީ އެޑިޓަރ-އިން-ޗީފް ހަނާ އޮލްސަން ބާގް ވިދާޅުވީ، މީޑިއާ ފޯމެޓްތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި، ދިގުކޮށް ގެނެސްދޭ ކޮންޓެންޓަށް އިސްކަންދޭން ޖެހޭ ކަމަށެވެ.
މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ވީޑިއޯއެކެވެ. އެ ވީޑިއޯގައި ފެންނަނީ ކަނާތު ފިޔައިގެ މޮޑަރޭޓް ޕާޓީގެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން މިނިސްޓަރު ބެންޖަމިން ދޫސާ އާއި އިދިކޮޅު ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ތަރުޖަމާނު ލަވެން ރެދާރު، ސްޓޮކްހޯމްގެ ސަރަހައްދުތަކުން ކާރެއްގައި ދަތުރުކުރަމުންދާ ތަނެވެ.
އެ ދަތުރުގައި އެ ދެ ބޭފުޅުން ވަނީ އުޅެ ބޮޑުވި، ފުރުސަތުތައް މަދު ސަރަހައްދުތައް ދައްކައި، ދެ ބޭފުޅުން ވަރަށް އަދަބުވެރިކަމާ އެކު ސިޔާސީ ބަހުސްތައް ކުރައްވައިފަ އެވެ. -- އޭއެފްޕީ