ޕެންކްރިއެޓިކް ކެންސަރަށް ފަރުވާއެއް ހޯދުމަށް އެތައް އަހަރެއް ވަންދެން ކުރި މަސައްކަތަށްފަހު، މި ނުރައްކާތެރި ބައްޔާ ހަނގުރާމަކުރާ ބަލިމީހުންނަށް އާ އުންމީދުތަކެއް ލިބޭނެ އާ ފަރުވާތަކެއް ވަނީ ހޯދައިފަ އެވެ.

ޕެންކްރިއެޓިކް ކެންސަރަކީ ހަށިގަނޑުގައި ވަރަށް ހަލުވިކަމާ އެކު ފެތުރޭ ބައްޔެކެވެ. ދިރާސާތަކުން ދައްކާގޮތުގައި، މި ބަލި ޖެހޭ މީހުންގެ ތެރެއިން ފަސް އަހަރަށްވުރެ ގިނަ ދުވަހު ދުނިޔޭގައި ތިބެވެނީ ކޮންމެ 10 މީހަކުން އެކަކަށެވެ. މުޅި ދުނިޔޭގައި ވެސް މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ހާއްސަކޮށް ޒުވާނުންގެ މެދުގައި މި ބަލި ފެންނަ މިންވަރު ވަނީ އިތުރުވެފަ އެވެ. ކުރިއަށް އޮތް އަހަރުތަކުގައި، ތަރައްގީވެފައިވާ ގައުމުތަކުގައި ފުއްޕާމޭގެ ކެންސަރަށް ފަހު ދެވަނައަށް އެންމެ ގިނަ މީހުން މަރުވާ ކެންސަރުގެ ބާވަތަށް މި ބަލި ވެގެންދާނެ ކަމަށް ބެލެވެ އެވެ.

ފްރާންސްގެ ލިއޯން ބެރާޑް ކެންސަރު ސެންޓަރުގެ ދިރާސާވެރިއެއް ކަމަށްވާ ޕެޓްރިކް މެހްލެން އޭއެފްޕީއަށް ވިދާޅުވި ގޮތުގައި، މި ބަލީގެ ނުރައްކާ ބޮޑުވި ނަމަވެސް ވޭތުވެދިޔަ 40 އަހަރު ދުވަހު މިކަމުގައި އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ފާއިތުވި 10 އަހަރު ތެރޭގައި ލިބުނު ފަންޑާއި މިކަމަށް ޝައުގުވެރިކަން އިތުރުވުމުގެ ސަބަބުން މިހާރު ބޮޑު ބަދަލެއް އަންނަން ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެންމެ ބޮޑު އުފާވެރި ޚަބަރެއް ލިބުނީ މިދިޔަ ހަފުތާގައި އެމެރިކާގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ ރިވޮލިއުޝަން މެޑިސިންސްއިން އުފެއްދި "ދަރަކްސޮންރާސިބް" ބޭހުގެ ޓެސްޓުތަކުން ކާމިޔާބު ނަތީޖާއެއް ލިބުމުންނެވެ. މި ބޭހުން އަމާޒުކުރަނީ ކެންސަރުގެ ޓިއުމަރު ބޮޑުވުމަށް އެހީވެދޭ "ކްރާސް" ނަމަކަށް ކިޔާ ޕްރޮޓީންއަކަށެވެ. މި ބޭސް ބޭނުންކުރި ބަލިމީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން، އެ ބޭނުން ނުކުރާ މީހުންނަށް ވުރެ 13 މަސް ދުވަހު އިތުރަށް ދުނިޔޭގައި ތިބިއިރު، މިއީ އާދައިގެ ކީމޯތެރަޕީ ހަދާ މީހުންނާ އަޅާބަލާއިރު ދެގުނަ އިތުރު މުއްދަތެކެވެ. 

އެމެރިކާގެ ކުރީގެ ސެނެޓަރެއް ކަމަށްވާ ބެން ސާސް، 54، ވަނީ މި ބޭހުގެ ސަބަބުން އޭނާގެ ހާލަތަށް އައި ބަދަލާ ބެހޭގޮތުން ވާހަކަދައްކަވައިފަ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު، ޕެންކްރިއޭޓިކް ކެންސަރު ސްޓޭޖް 4 ގައި ހުރިކަން އެނގުމުން، ޑޮކްޓަރުން ބުނީ އޭނާ ދުނިޔޭގައި ހުންނާނީ އެންމެ 3 ނުވަތަ 4 މަސްދުވަހު ކަމަށެވެ. ނަމަވެސް މި ބޭސް ބޭނުންކުރަން ފެށުމުން އޭނާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، މިއީ ބާރުގަދަ ބޭހެއްކަމުން އޭނާގެ މޫނުގެ ހަންގަނޑު ހަލާކުވެ ލޭ އައުން ފަދަ ނުރައްކާތެރި ސައިޑް އިފެކްޓްތަކެއް ކުރިމަތިވި ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން "ނޭޗާ" މަޖައްލާގައި ޝާއިޢުކުރި ދިރާސާއަކުން ދައްކާގޮތުގައި، ކެންސަރު ސެލްތައް ބޭސްތަކަށް ނުގުޑާ ގޮތްވިޔަ ނުދިނުމަށް "އެންޕީ137" ނަމަކަށް ކިޔާ އެންޓިބޮޑީއެއް ބޭނުންކޮށްގެން ކުރި ޓެސްޓުތަކުން ވެސް ވަނީ ކާމިޔާބު ނަތީޖާއެއް ފެނިފަ އެވެ. މި ފަރުވާގެ ސަބަބުން، ބަލިމީހުންގެ އުމުރު އިތުރު ހަ މަސްދުވަހަށް ވުރެ ދެމިގެންދާ ކަމަށް މެހްލެން ވިދާޅުވި އެވެ.

ހަމައެއާ އެކު، ބަޔޯއެންޓެކް  އަދި ޖެނެންޓެކް  ކުންފުނިން އުފައްދާފައިވާ އެމްއާރުއެންއޭ  ޓެކްނޮލޮޖީގެ ކެންސަރު ވެކްސިނަކުން ވެސް ވަނީ އުންމީދީ ނަތީޖާއެއް ލިބިފަ އެވެ. މި ވެކްސިން ޖެހި 16 މީހުންގެ ތެރެއިން 8 މީހެއްގެ ހަށިގަނޑުގެ ދިފާއީ ނިޒާމުން ކެންސަރު ސެލްތަކަށް ހަމަލާދީފައިވެ އެވެ. އޭގެ ތެރެއިން ހަތް މީހުން ހަ އަހަރު ފަހުން ވެސް ދުނިޔޭގައި އެބަތިއް ބެވެ.

މި ހުރިހާ ދިރާސާތަކަކީ އަދި ފެށުމެއް ކަމުގައިވިޔަސް، މިއީ ޕެންކްރިއެޓިކް ކެންސަރުގެ ފަރުވާގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. -- އޭއެފްޕީ