ސްރީ ލަންކާގެ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އެކްސްޓާނަލް ރިސޯސަސް ޑިޕާޓްމަންޓުގެ ކޮމްޕިއުޓަރު ސިސްޓަމަށް ހެކަރުން ވަދެ، ބޭރު 2.5 މިލިއަން ޑޮލަރު ވަގަށް ނަގައިފި އެވެ.
ފިނޭންސް މިނިސްޓްރީން މި ހާދިސާ ކަށަވަރުކޮށްދީ ބަޔާނެއް ނެރުނީ، ބޭރުގެ ދަރަންޏެއް އަދާކުރުމަށް ދައުލަތުގެ ފަންޑުން ނެގި 2.5 މިލިއަން އެމެރިކާ ޑޮލަރު އޮޅުވާލައިގެން އެހެން ދިމާލަކަށް ފޮނުވާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރިތާ އިރުކޮޅެއް ފަހުންނެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މިކަން ހިނގާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
މިކަން އެނގުމާ އެކު، ސްރީ ލަންކާގެ ކޮމްޕިއުޓަ އިމަޖެންސީ ރެޑިނަސް ޓީމާއި ފުލުހުންގެ ކޮމްޕިއުޓަ ކްރައިމް އިންވެސްޓިގޭޝަން ޑިވިޝަނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މީގެ އިތުރުން ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އާއި ސެންޓްރަލް ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ވެސް މި މައްސަލަ ރިޕޯޓްކޮށް، ފުރިހަމަ ތަހުގީގެއް މިހާރު ހިންގަމުންދާ ކަމަށް ބުންޏެވެ.
މި ހާދިސާއާ ގުޅިގެން މިނިސްޓްރީން ކުރިއަށްގެންދިޔަ އިބްތިދާއީ ތަހުގީގަށް ފަހު، އިހުމާލުވި ކަމަށް ބެލެވޭ ބައެއް އޮފިޝަލުންނާ މެދު މިހާރު ވަނީ ފިޔަވަޅު އަޅައި، ސުލޫކީ މައްސަލަތައް ބަލަން ފަށައިފަ އެވެ.