ސްރީ ލަންކާގެ ފިނޭންސް މިނިސްޓްރީގެ އެކްސްޓާނަލް ރިސޯސަސް ޑިޕާޓްމަންޓު ހެކްކޮށް، 2.5 މިލިއަން ޑޮލަރު ނަގާފައިވާ މައްސަލައިގެ ތަހުގީގުގައި ސަސްޕެންޑްކޮށްފައި ހުރި އެތަނުގެ އެސިސްޓެންޓް ޑިރެކްޓަރަކު ގޭގައި މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
އޭނާ މަރުވެފައި އޮއްވައި އާއިލާގެ މީހުންނަށް ފެނުމާ އެކު އެކަން ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ. ފުލުހުން ތަހުގީގު ފަށާފައި ވާއިރު، އަމިއްލަ މަރުވީ ކަމެއް ނުވަތަ ގަސްތުގައި މަރާލީ ކަމެއް އަދި ނޭނގެ އެވެ.
މިނިސްޓްރީގެ ކޮމްޕިއުޓަރު ސިސްޓަމަކަށް ހެކަރުން ވަދެ، 2.5 މިލިއަން ޑޮލަރު ވަގަށް ނެގި މައްސަލައާ ގުޅިގެން، ފޮރިން މިނިސްޓްރީން ވަނީ މި އޮފިޝަލާއި އިތުރު ތިން އޮފިޝަލަކު ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ.
މި މައްސަލައާ ގުޅޭގޮތުން ބަޔާން ދިނުމަށް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ވަނީ ދެ ފަހަރެއްގެ މަތިން މި އޮފިޝަލަށް އަންގައިފަ އެވެ.
ސީއައިޑީން މިހާރު ތަހުގީގު ކުރަމުންދާ މައްސަލާގައި ހިމެނޭ ފައިސާއަކީ، އޮސްޓްރޭލިއާ ސަރުކާރުގެ 22.9 މިލިއަން ޑޮލަރުގެ ލޯނަކަށް ދައްކަންޖެހޭ އިންސްޓޯލްމަންޓެކެވެ. ނަމަވެސް، މި ފައިސާ ލިބެންޖެހޭ ފަރާތަށް ނުގޮސް، ވަނީ ހެކަރުންގެ އަތްދަށަށް ގޮސްފަ އެވެ.
މި ސައިބަ ހަމަލާއާ ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅައިފަ އެވެ. ޓްރެޒަރީ ސެކްރެޓަރީ ޑރ. ހަރްޝަނާ ސޫރިޔާޕެރޫމާ ވިދާޅުވީ، ހެކަރުން ސިސްޓަމަށް ވަދެފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށާއި، ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.