ސްރީ ލަންކާގައި ޓޫރިސްޓުންގެ މެދުގައި މަގުބޫލު ސަރަހައްދެއް ކަމަށްވާ ބެންޓޮޓާގައި، އިންޖީނުލީ ޕެރަޝޫޓް (ޕެރަމޯޓާ) އެކްސިޑެންޓެއްގައި ފަލަސްތީނުގެ އަންހެން ޓޫރިސްޓަކު އިއްޔެ މަރުވެއްޖެ އެވެ.
ޕެރަމޯޓާ ކަނޑަށް ވެއްޓި ހިނގި ނުރައްކާތެރި މި ހާދިސާގައި މަރުވީ 31 އަހަރުގެ މީހެކެވެ.
ސްރީ ލަންކާ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. މި ޕެރަމޮޓޯ އަކީ ބެންޓޮޓާގައި އަމިއްލަ ކުންފުންޏަކުން ޓޫރިސްޓުންނަށް ދޭ ހިދުމަތެއްގައި ބޭނުންކުރި އެއްޗެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މި ހާދިސާގައި ފަލަސްތީނުގެ ޓޫރިސްޓު މަރުވި އިރު، ޕެރަމޮޓޯ ދުއްވަން އިން ކޮލަމްބިއާގެ ޕައިލެޓް ވަނީ ސަލާމަތްވެފަ އެވެ.
މަރުވި އަންހެން މީހާގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ނާގޯޑާ ހޮސްޕިޓަލުގެ މޯޗަރީގައި ބާއްވައިފަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ އިތުރު ތަހުގީގެއް ހިންގަމުންނެވެ.