ޗުއްޓީއަކަށް ސްރީ ލަންކާ އަށް ގޮސް އުޅެނިކޮށް ރޭލެއް ދަށުވެ މިއަދު ހެނދުނު މަރުވި، ގދ. މަޑަވެލީ، ބަހާރު، އިޒްހާމް މުހައްމަދުގެ ހަށިގަނޑު މޯޗަރީ އަށް ލާން ނިންމައިފި އެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުރި ދިވެއްސަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ތަހުގީގަށް ބޭނުންވާ މައުލޫމާތު ފުރިހަމަވަންދެން މެންދުރު ފަހު 3:00 އާ ހަމައަށް އިޒުހާމް، 21، ބާއްވާފައި އޮތީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި، ހަށިގަނޑުގައި ހުދު ފޮތިގަނޑެއް އަޅާފަ އެވެ. މިހާރު އޭނާ މޯޗަރީ އަށް ގެންދަން ތައްޔާރުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި އިޒްހާމްގެ ހަށިގަނޑު މޯޗަރީ އަށް ލަނީ އާއިލާ މީހުންނަށް ލަންކާ އަށް ދެވެންދެންނެެވެ. އާއިލާ މީހުން ބޭނުންވެއްޖެ ނަމަ، އިޒްހާމްގެ ޕޯސްޓްމޯޓަމް ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށް އިތުބާރު ހުރި ގޮތަކަށް "މިހާރު" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި ޝަރީއާ އެންޑް ލޯ ކިޔަވަމުން އަންނަ އިޒްހާމް ރައްޓެހިންތަކަކާ އެކު އިއްޔެ ލަންކާ އަށް ދިޔައީ ލިބުނު ޗުއްޓީއެއްގަ އެވެ. އެކްސިޑެންޓްވެ އޭނާ މަރުވީ ބަންބަލަޕިޓިއާގައި އެ މީހުން ތިބޭ ޔޫރޯ ލަންކާ ހޮޓާ ކައިރީގައި ހުރެފައި ރެއިލް ދަގަނޑު ހުރަސްކޮށް މޫދާވީ ސަރަަހައްދަށް ގޮސްފައި އެނބުރި އަންނަނިކޮށެވެ. އެކަމަކު އޭނާ އެ ސަރަހައްދަށް ދިޔަ ސީދާ ބޭނުމެއް އަދި އެކްސިޑެންޓް ހިނގި ގޮތެއް ވެސް ސާފެއް ނޫނެވެ.
އެ އެކްސިޑެންޓް ގުޅޭގޮތުން އެކި މީހުން ވާހަކަ ދައްކަނީ އެކި ގޮތްގޮތަށެވެ.
އެއް ބަޔަކު ބުނަނީ އެކްސިޑެންޓް ހިނގީ، ސައިބޯން ތިބި ތަނުގެ ކައިރިން ރޭލު ޓްރެކްގެ އަނެއް ފަރާތަށް ހީސްލާން ގޮސްފައި އެނބުރި އަންނަނިކޮށް ކަމަށެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ރެއިލް ޓްރެކް ކައިރީގައި އޭނާ ކުރި ކަމެއް ނޭނގެ އެވެ.
"އޭނަ ހުރަސްކޮށްފައި ދިޔަ ތަން ފެނުނު ކަމަށް އެކަކު ބުނޭ. ދެން އިރުކޮޅަކުން އެކްސިޑެންޓެކޭ ކިޔާފައި މީހުން ޖަމާވެފައި އޮތް މަންޒަރު ފެނުނީ،" ލަންކާގައި ހުރި ދިވެއްސަކު ބުންޏެވެ.
ލަންކާގައި ދިރިއުޅޭ އެހެން ދިވެއްސަކު ބުނި ގޮތުގައި، ރޭލު ދަގަނޑު މަތިން އިޒްހާމް ހުރަސްކުރި ވަގުތު އިޒްހާމާއި ރޭލާ ދެމެދު ހުންނާނީ ވިއްސަކަށް ފޫޓެވެ.
"ވަރަށް ދުރަށް [ރޭލު] ދިޔަ އޭނާގެ ގައިމަތިން. ޖެހުނު ގޮތަށް ދަށުވީ،" އެކްސިޑެންޓުވި ވަގުތު އެ ހިސާބާ އަރާ ހަމަވި ދިވެހި މީހާ ކިޔައިދިނެވެ. "ވަރަށް އަސަރު ކުރި. އޭނަ އަށް ވީ ގޮތް ލައިވްކޮށް ދެކުނިން. އެ ވަގުތު [އެކްސިޑެންޓްވި އިރު] އަހަރެންނާއި މަންމަ އަދި ކޮއްކޮ އެ ހިސާބާ އަރާ ހަމަވީ. އެކްސިޑެންޓުވި ވަގުތު އެ ތަނުގައި ތިބި މީހުން ހަޅޭއްލަވައިގަތީމާ އަހަރެމެންނަށް ވެސް މަޑުކޮށްލެވުނީ. އެ ވަގުތު އެ ތަނުން މީހަކު ބުނީ އެއީ ދިވެއްސެކޭ."