ޗުއްޓީއަކަށް ސްރީ ލަންކާ އަށް ގޮސް އުޅެނިކޮށް ރޭލެއް ދަށުވެ މިއަދު ހެނދުނު މަރުވި، ގދ. މަޑަވެލީ، ބަހާރު، އިޒްހާމް މުހައްމަދު 21، (އިޒުމް) ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު މިރޭ ވަޅުލައިފި އެވެ.
ރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި ޝަރީއާ އެންޑް ލޯ ކިޔަވަމުން އަންނަ އިޒްހާމް ވަޅުލީ މިރޭ އިޝާ ނަމާދަށް ފަހު ކޮލަމްބޯގެ ޖާވައްތަ މިސްކިތުގެ ގަބުރުސްތާނުގަ އެވެ. އިޒްހާމްގެ މައްޗަށް އެ މިސްކިތުގައި ކުރި ކަށުނަމާދުގައި އާއިލާގެ ބައެއް މެމްބަރުންނާއި ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވި އެވެ.
މިއީ ރޭލެއްގެ ދަށުގެ ދިވެއްސަކު މަރުވި ފުރަތަމަ ފަހަރެވެ. މި މައްސަލަ ލަންކާ ފުލުހުން މިހާރު ގެންދަނީ ތަހުގީގުކުރަމުންނެވެ.
ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިވާ އަދި ސަމާސާ މިޒާޖެއްގެ އިޒްހާމް ރައްޓެހިންތަކަކާ އެކު އިއްޔެ ލަންކާ އަށް ދިޔައީ ލިބުނު ޗުއްޓީއެއްގަ އެވެ. އެކްސިޑެންޓްވެ އޭނާ މަރުވީ ބަންބަލަޕިޓިއާގައި އެ މީހުން ތިބޭ ޔޫރޯ ލަންކާ ހޮޓާ ކައިރީގައި ހުރެފައި ރޭލު ދަގަނޑު ހުރަސްކޮށް މޫދާވީ ސަރަަހައްދަށް ގޮސްފައި އެނބުރި އަންނަނިކޮށެވެ. އެކަމަކު އޭނާ އެ ސަރަހައްދަށް ދިޔަ ސީދާ ބޭނުމެއް އަދި އެކްސިޑެންޓް ހިނގި ގޮތެއް ވެސް ސާފެއް ނޫނެވެ.
އެ އެކްސިޑެންޓާ ގުޅޭ ގޮތުން އެކި މީހުން ވާހަކަ ދައްކަނީ އެކި ގޮތަށެވެ.
އެއް ބަޔަކު ބުނަނީ އެކްސިޑެންޓް ހިނގީ، ސައިބޯން ތިބި ތަނުގެ ކައިރިން ރޭލު ޓްރެކުގެ އަނެއް ފަރާތަށް ކުޑަކަމުދާން ގޮސްފައި އެނބުރި އަންނަނިކޮށް ކަމަށެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ރޭލު ޓްރެކް ކައިރީގައި އޭނާ ކުރި ކަމެއް ނޭނގެ އެވެ.
ރޭލު ދަގަނޑު މަތިން އިޒްހާމް ހުރަސްކުރި ވަގުތު އިޒްހާމާއި ރޭލާ ދެމެދު ހުންނާނީ ވިއްސަކަށް ފޫޓު ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.
"ސައިބޯން އިނދެފައި އިޒްހާމް ބުނީ އެބަ އަންނަމޭ ކުޑަކަމުގޮސްފައި. ރޭލު ދަގަނޑުގެ އަނެއް ފަރާތުގައި އޮންނާނީ މޫދު. އެތަނަށް ގޮސްފައި އެނބުރި އަންނަނިކޮށް މިކަން މި ދިމާވީ،" އިޒްހާމްގެ ގާތް މީހާ ބުންޏެވެ.
ފޭސްބުކްގައި އާއްމުކޮށްފައިވާ ވީޑިއަކުން ފެންނަ ގޮތުގައި އެކްސިޑެންޓް ހިނގި ސަރަހައްދުގައި އިޒްހާމްގެ ހަށިގަނޑު ހުދު ފޮތިގަނޑެއް އަޅާފައި ބާއްވާފައި އޮތެވެ. ރޭލު ދަގަނޑުތައް ކައިރީގައި ގިނަ އަދަދެއްގެ ލޭ ހުރި ތަން ފެނެ އެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ޗިސްޗިސްވެފަ އެވެ.