ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު ހައިތަމް ސްރީ ލަންކާގައި ދުއްވާ ކާރު މިދިޔަ މަހު އެކްސިޑެންޓުވުމުން ގަރާޖުގައި ބާއްވާފައި އޮއްވައި ރޭ ފަތިހު އޭގައި ރޯވެއްޖެ އެވެ. އޭނާ ތުހުމަތުކުރައްވާ ގޮތުގައި، ބަޔަކު ގަސްތުގައި ކާރު "ގޮއްވާލީ" އެވެ.
ހައިތަމްގެ އަނބިކަނބަލުން ޝަޖަން މުއާޒް ޝަހީމް ތުހުމަތުކުރެއްވި ގޮތުގައި ބަޔަކު އެ ދެމަފިރިންނަށް ފާރަލާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެކަން އެންމެ ފުރަތަމަ ފާހަގަވީ މިދިޔަ މެއި މަހު މާލެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެހެން މީހަކާ އެކު ސައިކަލުގައި ހުޅުމާލެއިން މާލެއަށް ދަތުރުކުރަނިކޮށް ހައިވޭގައި ފަހަތުން އައި ކާރެއް އޭނާގެ ސައިކަލުގައި ޖައްސަން މަސައްކަތްކުރި އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރި ކަމަށާއި އޭގެ ފަހުން އެހެން ދުވަހަކު ސިނަމާލެ ބްރިޖުން ކާރުގައި ދަނިކޮށް ވެސް އެހެން ކާރެއް ފަހަތުން އައިސް ކާރުގައި ޖެއްސި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އެކްސިޑެންޓުގެ ފަހުން މަރުގެ އިންޒާރު ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ.
"އޭރު ހައިތަމް އެމްޕީއަކަށް ހުންނެވީމާ ސެކިއުރިޓީ ވެސް ލިބުނު،" އޭނާ ވިދާޅުވި އެވެ.
ލަންކާގައި ހައިތަމް ދުއްވީ ޝަޖަންގެ މަންމަގެ ކާރެވެ.
ޝަޖަން ވިދާޅުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ލަންކާގެ ގޯލްއިން ކޮލަމްބޯއަށް އެ ކާރުގައި ދަތުރުކުރައްވަނިކޮށް، "ސިޔާސީ ބޭނުމަކަށް ހަޔަކޮށްފައި އޮތް ބަހެއް" ކާރުގައި ޖެއްސި ކަމަށެވެ. އެ މައްސަލަ ލަންކާގެ ފުލުހުންނަށް ރިޕޯޓްކުރި ކަމަށާއި އެކަމަކު މައްސަލަ ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް ކާރަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ.
"[އެ ދުވަހު] އަޅުގަނޑާއި ހައިތަމްއާ، ހައިތަމް އިންނެވީ ކާރު ދުއްވަން. ދެން ކާރުގައި ތިބީ އަޅުގަނޑާއި އަޅުގަނޑުގެ ބޮޑުދައިތަ އާއި ބޮޑުބޭބެ،" ޝަޖަން ވިދާޅުވި އެވެ.
ޝަޖަން ވިދާޅުވީ ބަސް ޑްރައިވަރު ދުއްވީ މަސްތުވެފައި އިނދެގެން ކަމަށް ލަންކާ ފުލުހުން ބުނި ކަމަށެވެ.
"އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑުމެން ދުއްވި ލޭނަށް އެހެން ލޭނަކުން ބަސް އައިސްފައި ކާރުގައި ޖެއްސީ،" އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުން [ލަންކާ ފުލުހުން] ވިދާޅުވީ ތުރެޓެއްނުންހޭ، މި މައްސަލަ އެބަދެޔޭ މާލެއާ ހަމައަށް، ރާއްޖޭގެ ފުލުހުން އިންވެސްޓިގޭޝަންގައި ބައިވެރިކުރަން ޖެހެޔޭ."
މިއަދު ހެނދުނު އެ ކާރު "ގޮއްވާލީ" އެކްސިޑެންޓަށް ފަހު ކާރު މަރާމާތުކުރެވެންދެން ގަރާޖުގައި ބާއްވައިފައި އޮއްވައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކާރު ޖަރާޖުގައި އޮންނަތާ މިހާރު ފަސްވަރަކަށް ދުވަސް ވެއްޖެ އެވެ.
ޝަޖަން ވިދާޅުވި ގޮތުގައި، ކާރު ގޮއްވާލި ކަމަށް ބުނީ ގަރާޖުގެ ވެރިފަރާތުންނެވެ. އެ ހާދިސާގައި، ގަރާޖުގައި އޮތް އިތުރު ތިން ކާރެއް ވެސް ވަނީ އަނދައިފަ އެވެ.
"ގަރާޖުން ބުނީ ހައިތަމްގެ ކާރު ގޮއްވާލިއްޔޭ. އެހެންވެ، ފުލުހުންނަށް ރިޕޯޓްކުރަން ސްޓޭޝަނަށް މިހާރު މި ދަނީ،" އޭނާ ވިދާޅުވި އެވެ.