ލަންކާގެ ބަސް އެކްސިޑެންޓުގައި 12 މީހުން މަރުވެއްޖެ

ކޮލަމްބޯ (ޖެނުއަރީ 7) - ސްރީ ލަންކާގެ މެދުތެރޭގެ އުވާ ޕްރޮވިންސްގެ ވެރިރަށް ބަދުއްލާގައި ދަތުރު ކުރައްމުން ދިޔަ ބަހެއް މަގުން ކައްސާލައިގެން ވެއްޓި އިއްޔެ ހިނގި އެކްސިޑެންޓުގައި 12 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


އެކްސިޑެންޓުގައި ވަނީ 44 މީހުން ޒަޚަމްވެފަ އެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ފުލުހުންގެ ހަތަރު އޮފިސަރުން ވެސް ހިމެނެ އެވެ. ބަދުއްލާ ޖެނެރަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން ދަނީ 16 އަންހެނުންނާއި 24 ފިރިހެނުން އަދި ހަތަރު ކުޑަ ކުދިންނަށެވެ. ޒަޚަމްވި މީހުންގެ ތެރޭން ހަ މީހެއްގެ ހާލު ސީރިއަސް ކަމަށްވެ އެވެ.

ފަރުބަދަ މަތީ މަގަކުން ދަތުރު ކުރަނިކޮށް މަގުން ކަހާލައިގެން ބަސް ވެއްޓުނީ 200 މީޓަރު މަތިންނެވެ. ސްރީ ލަންކާ ޓްރާންސްޕޯޓް ބޯޑް (އެސްއެލްޓީބީ) އަށް ނިސްބަތްވާ ޕަސިންޖަރު ބަހުން 50 އަށް ވުރެ ގިނަ މީހުން ދަތުރު ކުރި އެވެ.

އެސްއެލްޓީބީގެ ޗެއާމަން ކިންގްސްލީ ރަނަވަކަ ވިދާޅުވީ ބަސް އެކްސިޑެންޓް ތަހުގީގު ފަށާފައިވާ ކަމަށެވެ. ފުލުހުން ވެސް ގެންދަނީ އެ އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ.