ސްރީ ލަންކާގެ ޖަލެއްގައި ބަންދުކޮށްފައި ހުއްޓާ މަރުވެފައިވާ ކަމަށް ފުލުހުން އާއިލާއަށް އެންގި މީހެއްގެ ޖަނާޒާއަށް ތައްޔާރުކުރަމުން ދަނިކޮށް، އެ މީހާ ގެއަށް އައުމުން ބޮޑެތި ސުވާލުތަކެއް އުފެދިއްޖެ އެވެ.
ޑީ. އެމް. ކީރްތިސޭނާ ނަމަކަށް ކިޔާ މި މީހާ ވާރިޔަޕޯލާ ޖަލުގައި ބަންދުކޮށްފައި ހުއްޓާ، ޖަލުގައި މަރުވެއްޖެކަމަށް ޕޮލިހުން ވަނީ އޭނާގެ އާއިލާއަށް އަންގައިފަ އެވެ. މިގޮތަށް އެންގުމުން އާއިލާ އާއި ގަލްގަމުވާގެ ކޮހޯބަންކުލަމަ އަވަށުގެ މީހުން ޖަނާޒާގެ ކަންކަން ރޭވި އެވެ. އަވަށުގެ އެކި ސަރަހައްދުތަކުގައި، އެ މީހާ މަރުވެއްޖެ ކަމަށް އިއުލާނުކޮށް ބެނާތައް ހަރުކޮށް، ގޭތެރެ ވެސް ޖަނާޒާއަށް ތައްޔާރުކޮށް، ހަށިގަނޑު އަންދާލުމުގެ އިންތިޒާމުތައް ހަމަޖައްސަން ފެށި އެވެ.
ނަމަވެސް، ޖަނާޒާ ބޭއްވުމުގެ ކުރިން ކީރްތިސޭނާ ވަނީ އަމިއްލައަށް ގެއަށް އައިސްފަ އެވެ.
އޭނާގެ މަރުގެ ޚަބަރަށް ހިތާމަކުރަނިކޮށް، ކުއްލިއަކަށް ފެނުމުން އާއިލާ އާއި އަވަށު މީހުންނަށް ވަނީ ބޮޑު ސިހުމަކަށް ވެފަ އެވެ.
ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި މީހާ މަރުވި ކަމަށް އެންގުނީ ކީއްވެތޯ ބަލައި ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.