އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވި "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ" ވޮޝިންޓަންގެ ހޮޓަލެއްގައި ކުރިއަށް ދަނިކޮށް އެތަނުގެ ތެރޭގައި ބަޑީގެ ހަމަލާތަކެއް ދިނުމުން ޓްރަމްޕު އެތަނުން ނެރެފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ވޮޝިންޓަން ހިލްޓަން ހޮޓަލުގައި ބޭއްވި "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ" ގެ ތެރެއިން ބާރުގަދަ އަޑުތަކެއް އިވެން ފެށުމާ އެކު، ހަފްލާގެ ބައިވެރިން ވަނީ ރައްކާތެރިކަން ހޯދުމަށް މޭޒުތަކުގެ ދަށަށް ވަދެފަ އެވެ. މި ހާދިސާ ހިނގި ވަގުތު ސީކްރެޓް ސާވިސްގެ ހާއްސަ ފައުޖުތަކުން ވަނީ ހަތިޔާރާ އެކު ސްޓޭޖްގެ ކޮންޓްރޯލް ނަގައި، ރައީސް ޓްރަމްޕް ވަގުތުން އެތަނުން ނެރެފަ އެވެ.
އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާގައި ރައީސް ޓްރަމްޕަށް އެއްވެސް އަނިޔާއެއް ނުވެ ހޮޓަލުން ވަނީ ނެރެގެން ގެންގޮސްފަ އެވެ. ސީކްރެޓް ސާވިސްއާ ހަވާލާދީ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، ހަމަލާދިން ކަމަށް ބެލެވޭ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. މި ހާދިސާގައި އެކަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، އެކަމުގެ ތަފްސީލެއް އަދި ރަސްމީ އިދާރާތަކުން ހާމައެއް ނުކުރެ އެވެ.
މި ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި މީހުން ބުނި ގޮތުގައި، ބަޑީގެ އަޑު އިވެން ފެށީ ހަފްލާ ފަށައި ކެއުން ކުރިއަށް ދަނިކޮށް، ޓްރަމްޕް ވާހަކަފުޅު ދެއްކެވުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
ކެބިނެޓް އޮފިޝަލެއް ކަމަށްވާ މެހްމެތު އޯޒް ވިދާޅުވީ، ސެކިއުރިޓީން އޭނާ އެތަނުން ނެރުނުއިރު "މަތީ ފަންގިފިލާގައި ބަޑިޖަހާ އަޑު" އިވުނު ކަމަށެވެ.
ހާދިސާއަށް ފަހު ޓްރަމްޕު ވަނީ "ބަޑިޖެހި މީހާ ހައްޔަރުކޮށްފި" ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައިފަ އެވެ.
މިއީ ޓްރަމްޕަށް އަމާޒުކޮށް ދޭން އުޅުނު ކަމަށް ބެލެވޭ ފުރަތަމަ ހަމަލާއެއް ނޫނެވެ. ޕެންސިލްވޭނިއާގެ ބަޓްލާގައި 2024 ވަނަ އަހަރު ބޭއްވި ރެލީއެއްގެ ތެރޭގައި ދިން ބަޑީގެ ހަމަލާއެއްގައި ޓްރަމްޕު ޒަހަމްވެފައި ވާއިރު، އޭގެ ފަހުން ފްލޮރިޑާގެ ގޮލްފް ކޯހެއްގައި ހުންނަވަނިކޮށް ވެސް ހަތިޔާރާ އެކު ހުރި މީހަކު ވަނީ އެތަނުން ހައްޔަރުކޮށްފަ އެވެ.
މިފަހަރު މި ހާދިސާ ހިނގި ވޮޝިންޓަން ހިލްޓަން ހޮޓަލަކީ 1981 ވަނަ އަހަރު އޭރުގެ ރައީސް ރޮނަލްޑް ރޭގަންގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލަން އުޅުނު ތަން ވެސް މެ އެވެ. މި ޑިނާ އަކީ ޓްރަމްޕް ރައީސްކަމުގައި ހުންނަވައިގެން މި ޑިނާގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މި ހާދިސާއާ ގުޅިގެން، ހޮޓާ ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށް، ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ދަނީ އިތުރަށް ބަލައި ފާސްކުރަމުންނެވެ. ނަމަވެސް، ހަފްލާ އިންތިޒާމް ކުރި ފަރާތްތަކުން ބުނީ މި ނުރައްކާތެރި ހާދިސާއަށްފަހު ވެސް ހަފްލާ ކުރިއަށް ގެންދާނެ ކަމަށެވެ.