އީރާނުން އެކުލަވާ އެ ގައުމުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާ ބެހޭ އާ ގާނޫނުގެ ދަށުން، ހޮރްމޫޒް ކަނޑުއޮޅީގެ ހުރިހާ ޒިންމާއެއް އުފުލާ އިދާރާއަކީ އެ ގައުމުގެ ހަތިޔާރު އެޅި ސިފައިން ކަމަށް ކަނޑައަޅައި އެ މަގު ހުރަސްކުރުމަށް ދައްކަންޖެހޭނީ އީރާންގެ ރިއާލް ކަމަށް ހަމަޖައްސާނެ ކަމަށް އީރާނުގެ އިސް އޮފިޝަލަކު ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޝަންގެ ރައީސް އިބްރާހީމް އަޒީޒީ، ދައުލަތުގެ ޓީވީއަށް ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި މިހާރުވެސް އޮތީ އެ ގައުމުގެ އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. އަދި އާ ގާނޫނުގެ މަގުސަދަކީ "ދުޝްމަނުންގެ އުޅަނދުފަހަރު" އެ ކަނޑުއޮޅިން ދަތުރުކުރުން މަނާކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އަޒީޒީ ވިދާޅުވީ، ހުށަހަޅާފައިވާ ބިލްގައިވާ ގޮތުން އެ ކަނޑުއޮޅިން ލިބޭ މާލީ މަންފާތަކުގެ ފައިސާ ދައްކަންވާނީ އީރާނުގެ ފައިސާ ކަމަށްވާ 'ރިއާލް' އިން ކަމަށެވެ.
އީރާނުން ވަނީ އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ 28 ގައި އީރާނަށް ހަމަލާ ދިނުމާ ގުޅިގެން ރައްދުގައި އެޅި ފިޔަވަޅުތަކުގައި ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އީރާނުން ހުއްދަ ދޭ އުޅަނދަކަށް ނޫނީ އެ މަގުން ދަތުރުކުރުން މަނާކޮށްފައި ވާއިރު އެއާ ހިލާފުވާ އުޅަނދުތަކަށް ދަނީ ހަމަލާ ވެސް ދެމުންނެވެ. މި ސަބަބާ ހެދި ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރައިފަ އެވެ.
އީރާނާއި އެމެރިކާއާ ދެމެދު، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކެއް ބާއްވައި ހަމަލާތައް މެދުކަނޑާލި އިރު އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވައިފަ އެވެ. އެކަމަކު އެމެރިކާއިން އީރާންގެ ބަނދަރުތައް ބަންދުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ނުގެންނާތީ އީރާނުން އަލުން ކަނޑުއޮޅި ބަންދުކުރީ އެވެ.
ނަމަވެސް އީރާނުން ބުނަމުން އަންނަނީ އެ މަގުން ދަތުރު ނުކުރެވޭނީ ދުޝްމަނުންގެ އުޅަނދުތަކަށް އެކަނި ކަމަށެވެ. އެހެން އުޅަނދުތަކަށް ދަތުރުކުރަން ފުރުސަތު ދިން ނަމަވެސް މިހާރު ދަނީ އީރާނުން އެ އުޅަނދުތަކުން ފީ ނަގަމުންނެވެ. އަދި މިގޮތަށް ނަގަން ފެށި ފީއާ އެކު ފުރަތަމަ ފަހަރަށް އޭގެ އާމްދަނީ ލިބިފައިވާކަން މިދިޔަ ހަފްތާގައި އީރާނުން އިއުލާނުކުރި އެވެ.