އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމާގައި ބަންދުކޮށްފައިވާ، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެބަ އޮތް ކަމަށް ބުނެ އީރާނާއި އެމެރިކާއިން ވެސް ދައުވާކޮށް ބަހުގެ ހަމަލާތައް ބަދަލުކުރަން ފަށައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގެ "ފުރިހަމަ ކޮންޓްރޯލް" މިހާރު އޮތީ އެމެރިކާއަށް ކަމަށެވެ. އަދި އެމެރިކާގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ވަރުގަދައަށް ފާރަވެރި "ދަގަނޑުގެ ފާރެއް" ގާއިމުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޓްރަމްޕު ވިދާޅުވީ އީރާނުގެ އަސްކަރިއްޔާގައި މިހާރު ރައްދުދޭނެ ބާރެއް ވެސް ނެތް ކަމަށެވެ.
ނަމަވެސް، އީރާނުގެ "ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ" އިން ވަނީ ޓްރަމްޕްގެ ވާހަކަތަކަކީ ކަނޑައެޅިކަން ދޮގު ކަމަށް ބުނެފަ އެވެ. އީރާނުން ބުނީ ސޯޝަލް މީޑިއާގައި ލިޔާ ޕޯސްޓުތަކުން ކަނޑުމަތީގެ ހާލަތު ބަދަލު ނުވާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ވިޔަފާރި އުޅަނދުފަހަރަށް އެ ކަނޑުއޮޅި އަދިވެސް އޮތީ ބަންދުވެފައި ކަމަށް އީރާނުން ބުނެ އެވެ.
އީރާނުން ޝަރުތުކުރަނީ އެ ސަރަހައްދު އަލުން ހުޅުވާލާނީ އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ހަނގުރާމާގައި ލިބުނު ގެއްލުމުގެ ބަދަލު ދިނުމުން ކަމަށެވެ.
ކަނޑުއޮޅީގެ ކޮންޓްރޯލް ލިބިފައިވާ ކަމަށް މި ދެ ގައުމުން ބުނަމުންދިޔަ ނަމަވެސް، ކަނޑުދަތުރުފަތުރާ ބެހޭ މައުލޫމާތުތަކުން ދައްކާ ގޮތުގައި މި ހަމަނުޖެހުންތަކާ ހުރެ އެ ސަރަހައްދުގެ ވިޔަފާރި ވަނީ އެއްކޮށްހެން ހުއްޓުމަކަށް އައިސްފަ އެވެ. ކުރިން ދުވާލަކު 130 އަށްވުރެ ގިނަ އާގުބޯޓު ދަތުރުކުރި މި ކަނޑުއޮޅިން، މިހާރު ދުވާލަކު ދަތުރުކުރަނީ އެންމެ 8 އާއި 14 އާ ދެމެދުގެ އަދަދެކެވެ.
މިސައިލް ހަމަލާތަކާއި ޑްރޯން ހަމަލާތަކުގެ ބިރު ބޮޑުވުމުގެ ސަބަބުން، ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ދަނީ އެ ސަރަހައްދުން ތެޔޮ އުފުލުމަށް އިންކާރު ކުރަމުންނެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި "ތެލުގެ ކާރިސާއެއް" އުފެދުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.