ހޮރްމޫޒް ކަނޑުއޮޅިއަކީ އެމެރިކާގެ މިލްކިއްޔާތެއްގެ ގޮތުގައި ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އީރާނުން އެކަމަށް ރައްދުދީފި އެވެ.
އީރާނުން ބުނީ ހަކަތައިގެ ވިޔަފާރިއަށް އެންމެ މުހިންމު އެ ކަނޑުއޮޅި "އަބަދުވެސް އީރާނުގެ ތަނެއް" ގެ ގޮތުގައި އޮންނާނެ ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމަ ފެށުމާ އެކު އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާއިރު، ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ ސަރަހައްދު އޮތީ އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. އެކަމަކު އީރާނުން ވެސް ބުނަނީ މުޅި ސަރަހައްދުގެ ކޮންޓްރޯލް އީރާނަށް އެބަ އޮތް ކަމަށެވެ.
"ހޮރްމޫޒް ކަނޑުއޮޅިއަކީ އީރާނުގެ ތަނެއް، އަދި ކުރިއަށް އޮތް ތަނުގައި ވެސް އޮންނާނީ އީރާނުގެ ތަނެއްގެ ގޮތުގައި،" އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
އެ ކަނޑުއޮޅި ބަންދުކޮށް ހުޅުވޭނީ ހަމައެކަނި އީރާނުގެ އަމުރަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނިއު ޔޯކްގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ޓްރަމްޕް ވަނީ، އެމެރިކާއިން އީރާން ބަލިކުރުމަށް ފަހު ހޮރްމޫޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވައިޓް ހައުސްގެ މަސްއޫލުވެރިއަކު ފަހުން ވަނީ ޓްރަމްޕް އެހެން ވިދާޅުވީ ސަމާސާއަކަށް ކަމަށް ވިދާޅުވެފަ އެވެ.
އީރާނުގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ މުހައްމަދު ބާގިރު ޒުލްގަދްރު ވަނީ ކަނޑުއޮޅި ހުޅުވާލުމަށް ޝަރުތުތަކެއް ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި އީރާނާއި އެ ގައުމުގެ ބައިވެރިން ކަމަށްވާ ލުބްނާން، ފަލަސްތީނު، ޔަމަން އަދި އިރާގަށް ދެމުންދާ ހަމަލާތައް ހުއްޓާލުމާއި، އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ފްރީޒްކޮށްފައިވާ ފައިސާ ދޫކޮށްލުން ހިމެނެ އެވެ.
އީރާނާއި އެމެރިކާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދައްކަމުން ދިޔަ ވާހަކަތައް ހުއްޓިފައިވާއިރު، ކަނޑުއޮޅީގައި ހަމަލާތައް ދަނީ ކުރިއަށެވެ. ޔޫއޭއީގެ އެޑްނޯކް ކުންފުނީގެ އުޅަނދަކަށް ހަމަލާދީފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވާއިރު، ޔޫއޭއީން ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ކަނޑުމަތީގެ ފޭރުމުގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ އެކު، ޔަމަންގެ ހޫތީން ވެސް ވަނީ ރަތްކަނޑުގައިވާ ސައޫދީގެ ބަނދަރުތަކަށްދާ އުޅަނދުފަހަރު ހުއްޓުވާނެ ކަމަށް އިއުލާނުކޮށްފަ އެވެ.
ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލާއި ގޭހުގެ 20 ޕަސެންޓް އުފުލަނީ މި ކަނޑުއޮޅިންނެވެ. މި މަގު ބަންދުވުމުގެ ސަބަބުން ތެލުގެ އަގުތައް އުފުލި، މުޅި ދުނިޔެ އާއި އެމެރިކާގެ އިގްތިސާދަށާއި ސިޔާސީ މަސްރަހަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. -- އޭއެފްޕީ