ހޮރްމުޒް ކަނޑުއޮޅިން ލިބޭ ހުރިހާ އާމްދަނީއެއް ހިއްސާކުރުމަށް އުމާނާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އީރާނުގެ ރެވޮލިއުޝަނަރީ ގާޑްސްއިން ބުދަ ދުވަހު ބުނެފި އެވެ.
މި އެއްބަސްވުމަށް އާދެވިފައިވަނީ ދެ ގައުމުގެ އެންމެ މަތީ ޑިޕްލޮމޭޓުން ތެހެރާންގައި ބޭއްވެވި ބައްދަލުވުންތަކަށް ފަހުގަ އެވެ.
"އުމާނާއެކު ކުރެވުނު މަޝްވަރާތަކުގައި، ކަނޑުއޮޅިން ކޮންމެ ގައުމަކަށް ލިބޭ މިންވަރާއި، އެތަނުން ލިބޭ އާމްދަނީ އީރާނާއި އުމާނާ ދެމެދު ބަހާނެ ގޮތުގެ އެއްބަސްވުންތަކެއް ވަނީ ހެދިފައި،" އީރާން އަސްކަރިއްޔާގެ ތަރުޖަމާނު ހުސައިން މުހިއްބީ ބުންޏެވެ.
ނަމަވެސް، މި އެއްބަސްވުން ފައިނަލްނުކުރުމަށް އެމެރިކާއިން "ހުރަސްއަޅަމުންދާ" ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ދާއިމީކޮށް ނިންމާލުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާއިރު، އޭގެ މައިގަނޑު ސަބަބަކީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ފީ ނެގުމަށް އީރާނުން ކުރާ މަސައްކަތާއި، އެކަމަށް އެމެރިކާއިން އިންކާރުކުރުމެވެ.
ކަނޑުއޮޅީގެ އައްސޭރިފަށުގެ ދެ ގައުމު ކަމަށްވާ އީރާނާއި އުމާނުން ދަނީ އެ ކަނޑުމަގުން ދަތުރުފަތުރުކުރުމުގެ މުސްތަގުބަލާ ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ. އަދި ދެ ގައުމުން ކަނޑައެޅުމަށް ގަސްދުކުރާ ރޫޓުގެ ޖިއޮގްރަފިކް ކޯޑިނޭޓްތަކަށް "އެއްބަސްވެވިފައިވާ" ކަމަށް އީރާނުން ބުނެ އެވެ.
ނަމަވެސް އީރާނުގެ މަސްއޫލުވެރިން ވިދާޅުވަމުން ގެންދަވަނީ އެމެރިކާއިން އީރާންގެ ޝަރުތުތަކަށް އިޖާބަދީގެން މެނުވީ ކަނޑުއޮޅި ފުރިހަމައަށް ނުހުޅުވާނެ ކަމަށެވެ. އޭގެ ތެރޭގައި އީރާނަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް އުވާލުމާއި، ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ބޭރު ގައުމުތަކުގައި ފްރީޒްކޮށްފައިވާ މާލީ ވަސީލަތްތައް ދޫކޮށްލުން ހިމެނެ އެވެ.
އަންގާރަ ދުވަހު އީރާނާއި އުމާނުގެ ފޮރިން މިނިސްޓަރުން ތެހެރާންގައި ބައްދަލުކުރައްވައި، ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ވަގުތީ ގޮތުން ދަތުރުކުރެވޭނެ ކޯރިޑޯއެއް ގާއިމުކުރުމާއި، އެ ސަރަހައްދުން މައިނުތައް ނެގުމުގެ މަޝްރޫއަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފަ އެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުނީއްސުރެ އީރާނުން ވަނީ، ތެލާއި އެލްއެންޖީ އެކްސްޕޯޓުގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ މި މުހިންމު ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އަދި އީރާނަށް ދަތިކުރުމުގެ ގޮތުން އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތަކަށް ވަދެނުކުމެވޭގޮތަށް ކަނޑުގެ ބްލޮކޭޑެއް ގާއިމުކޮށް، އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުދީފަ އެވެ.