އީރާނުން ގަލްފުގެ ގައުމުތަކަށް ދިން ހަމަލާތަކަށް ތާއީދުކޮށް، ގައުމުގެ މަސްލަހަތަށް ގެއްލުންދޭ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި ބަހުރައިނުގެ 69 މީހެއްގެ ރައްޔިތުކަން އެ ގައުމުން  އަތުލައިފި އެވެ.

ބަހުރައިނުގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ރައްޔިތުކަން އަތުލި މީހުންގެ ތެރޭގައި އެމީހުންގެ ބެލުމުގެ ދަށުގައި ތިބި އާއިލާގެ މެންބަރުން ވެސް ހިމެނޭ ކަމަށެވެ. މި މީހުންނަކީ "ބޭރުގެ ފަރާތްތަކާ ގުޅިގެން، އީރާނުގެ ދުޝްމަން އަމަލުތަކަށް އެހީތެރިވެދީފައިވާ" ބައެއް ކަމަށް މިނިސްޓްރީން ވަނީ ތުހުމަތުކޮށްފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި މިއީ 2019 ވަނަ އަހަރަށްފަހު ބަހުރައިނުން އެއްފަހަރާ މިހާ ގިނަ ބައެއްގެ ރައްޔިތުކަން އަތުލި ފުރަތަމަ ފަހަރެވެ.

މި ނިންމުން އައިސްފައިވަނީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި، އީރާނުން ބަހުރައިން ހިމެނޭހެން ގަލްފުގެ ގައުމުތަކުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދިން އިރު އެކަމަށް ތާއީދުކުރުމުންނެވެ. އީރާނުން ތުހުމަތުކުރާ ގޮތުގައި ގަލްފުގެ ގައުމުތަކުން ވަނީ އެމެރިކާއަށް އެ ގައުމުތަކުގެ ބިން ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ. ނަމަވެސް، މި މަހުގެ 8 ގައި އެމެރިކާ އާއި އީރާނުން  ހަނގުރާމަ މެދުކަނޑާލުމަށް ވީ އެއްބަސްވުމާ އެކު މި ހަމަލާތައް މިހާރު ވަނީ މެދުކެނޑިފަ އެވެ.

ބަހްރެއިނުން ފިޔަވަޅު އެޅީ އީރާނުގެ ނުފޫޒު ގައުމުގެ އެތެރޭގައި ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ. ގަތަރާއި، ކުވައިތު އަދި ޔޫއޭއީ އިން ވެސް ދަނީ އީރާނާ ގުޅުންހުރި ނެޓްވޯކްތައް ހޯދައި ފިޔަވަޅު އަޅަމުންނެވެ. ބަހުރައިނަކީ ސުންނީ ދަރިކޮޅަކުން ވެރިކަންކުރާ ގައުމަކަށް ވީ ނަމަވެސް، އެ ގައުމުގައި ގިނަ އަދަދެއްގެ ޝިއައީ މުސްލިމުން އުޅޭތީ، އީރާނާ އެކު ހިނގާ މިފަދަ ހަމަލާބަދަލުކުރުންތަކުގެ ސަބަބުން ގައުމުގެ އެތެރޭގެ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ.

ހިއުމަން ރައިޓްސް ވޮޗުން ވަނީ ހަނގުރާމަ ފެށުނު ފަހުން ބަހުރައިނުން އެތައް ބަޔަކު ހައްޔަރުކޮށް، "ގައުމަށް ޣައްދާރުވުމުގެ" ދައުވާ އުފުލަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި މީހުން ވެސް ހިމެނެ އެވެ. -- އޭއެފްޕީ