އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕަކީ "ހުވަފަތްވާން އުޅޭ އަތްނބެއް" ކަމަށް ބުނެ ޖޯކު ޖެހި ކޮމީޑިއަން ޖިމީ ކިމެލް ވަގުތުން ވަޒީފާއިން ވަކިކުރުމަށް ޓްރަމްޕް ހޯމަ ދުވަހު ގޮވާލައްވައިފި އެވެ.

އޭބީސީގެ ލޭޓް ނައިޓް ޝޯގައި ބުރާސްފަތި ދުވަހުގެ ރޭ ކިމެލް މި ޖޯކް ކިޔާފައި ވަނިކޮށް ހޮނިހިރު ދުވަހުގެ ރޭ ވަނީ ޓްރަމްޕް އަވަހާރަކޮށްލުމަށް ދިން ކަމަށް ބުނާ ތިން ވަނަ ހަމަލާ ދީފަ އެވެ.

މެލާނިއާ ވެސް ވަނީ ކިމެލްގެ މި ވާހަކަތަކާ ގުޅިގެން ނުރުހުން ފާޅުކުރައްވައި، އޭބީސީން ކިމެލްއާ މެދު ފިޔަވަޅު އަޅަން ގޮވާލައްވައިފަ އެވެ.

ކިމެލް މި ވާހަކަތައް ދެއްކީ މިދިޔަ ބުރާސްފަތި ދުވަހު، ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާގެ ކުރިންނެވެ. އޭނާ މެލަނިއާ އަށް އިޝާރާތްކޮށް ބުނެފައިވަނީ، މެލާނިއާގެ މޫނުމަތިން ފެންނަނީ "ފިރިމަރުވާން އުޅޭ އަންބެއްގެ މޫނުމަތިން ފެންނަ ފަދަ އުޖާލާކަމެއް" ކަމަށެވެ. މި ޖޯކު އަމާޒުކޮށްފައިވަނީ އަންނަ ޖޫން މަހު 80 އަހަރު ފުރޭ ޓްރަމްޕާއި، 56 އަހަރުގެ މެލަނިއާއާ ދެމެދު އޮތް އުމުރުގެ ފަރަަގަށެވެ.

ޓްރަމްޕްގެ 'ޓްރުތު ސޯޝަލް' ޕްލެޓްފޯމުގައި އޭނާ ވިދާޅުވީ، ކިމެލްގެ މި ވާހަކައަކީ އަނިޔާވެރިކަމަށް ހިތްވަރުދޭ، ބަލައިނުގަނެވޭނެ ވާހަކައެއް ކަމަށާއި، އޭބީސީގެ މައި ކުންފުނި ޑިޒްނީ އިން އޭނާ ވަގުތުން ވަޒީފާއިން ވަކިކުރަން ޖެހޭ ކަމަށެވެ.

މެލަނިއާ ޓްރަމްޕް އެކްސްގައި ވިދާޅުވީ ކިމެލްގެ ބަސްތަކަކީ ހަމައެކަނި މަޖަލެއް ނޫން ކަމަށާއި، އެއީ އެމެރިކާގެ ސިޔާސީ މަސްލަހަތު އިތުރަށް ގޯސްކުރާ "ވިހަ" ބަސްތަކެއް ކަމަށެވެ. އަދި އޭބީސީގެ ލީޑަޝިޕުން މިފަދަ ދަށުދަރަޖައިގެ އަމަލުތަކަށް ފުރުސަތު ދޭނީ ކިތައް ފަހަރުތޯ ސުވާލު އުފެއްދެވި އެވެ.

މިކަމާ ގުޅިގެން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވީ، ރައީސް ޓްރަމްޕާއި އޭނާގެ ސަޕޯޓަރުންނާ ދެކޮޅަށް ފެތުރެމުންދާ ނަފުރަތުގެ ސަބަބުން މި ހަފުތާ ބަންދުގައި ވެސް މީހުންގެ ފުރާނައަށް ނުރައްކާވި ކަމަށެވެ. އަދި ޓްރަމްޕަކީ "ފެސިސްޓެއް" ނުވަތަ "ހިޓްލަރު" ފަދަ މީހެއްގެ ގޮތުގައި ސިފަކޮށް ދައްކާ ވާހަކަތަކަކީ މިފަދަ ހަމަލާތަކަށް މަގުފަހިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. -- އޭއެފްޕީ