އެހެން ގައުމުތަކުން ކަންތައް ކުރަންވީ ގޮތް "ޑިކްޓޭޓް ކުރުމުގެ" ބާރު މިހާރު އެމެރިކާއަށް ނެތް ކަމަށް އީރާނުން މިއަދު ބުނެފި އެވެ.
އީރާނުން މިހެން ބުނީ އެ ގައުމާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައާ ގުޅިގެން އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން އީރާނުން ހުށަހަޅާފައިވާ އާ ހުށަހެޅުމަކާ މެދު އެމެރިކާއިން ވިސްނަމުން އަންނަ ކަމަށް ބުނެފައި ވަނިކޮށެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާ ދިނުމާ އެކު ހަނގުރާމައިގެ ކުރީކޮޅުން ފެށިގެން އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ވާތީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް ވަނީ އަރައިފަ އެވެ. މި ކަނޑުއޮޅި ހުޅުވާލުމަކީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރާ މަޝްވަރާތަކުގެ އެންމެ މުހިންމު އެއް ބަޔެވެ.
"މިނިވަން ދައުލަތްތަކުގެ މައްޗަށް އެމެރިކާގެ ސިޔާސަތުތައް މަޖުބޫރުކުރުވުމުގެ ބާރެއް މިހާރު އެގައުމަކަށް ނެތް،" އީރާނުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ރެޒާ ތަލާއީ-ނިކް އާ ހަވަލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވެ އެވެ.
އޭނާ ވިދާޅުވީ، އެމެރިކާއިން ކުރާ "ޣައިރު ގާނޫނީ އަދި ބުއްދިއަށް ގަބޫލުނުކުރެވޭ ޑިމާންޑްތައް" ދޫކޮށްލަން އެ ގައުމަށް މަޖުބޫރުވާނެ ކަމަށެވެ.
އީރާނާއި، އެމެރިކާ އަދި އިޒްރޭލާ ދެމެދު މިހާރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުމަށް ކުރާ މަޝްވަރާތަކުން އަދި އެދެވޭ ނަތީޖާއެއް ނުފެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން މިހާރު ބަލަމުންދާ ހުށަހެޅުމަކީ، ހަނގުރާމައިގެ އެހެން ކަންކަމާ މެދު މަޝްވަރާ ކުރިއަށްދާ ދަނޑިވަޅުގައި، ދުނިޔޭގެ ތެލާއި ގޭސް އެކްސްޕޯޓް ކުރުމަށް ބޭނުންކުރާ މައި މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމެވެ.
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ ޑިފެންސް މިނިސްޓަރުންގެ ބައްދަލުވުމުގެ ކުރިން ވާހަކަދައްކަވަމުން ތަލާއީ-ނިކް ވިދާޅުވީ، އީރާނުގެ ދިފާއީ އަސްކަރީ ގާބިލުކަން މިނިވަން ގައުމުތަކާ، ހާއްސަކޮށް އެސްސީއޯގެ މެންބަރު ގައުމުތަކާ ހިއްސާކުރުމަށް އީރާނު އޮތީ ތައްޔާރަށް ކަމަށެވެ. -- އޭއެފްޕީ